މިދިޔަ މަހަށްވުރެ މި މަހު ކޮވިޑް ޖެހުނު އަދަދު ދެ ގުނަ މައްޗަށް
މިދިޔަ މަހަށްވުރެ މި މަހު ކޮވިޑް ޖެހުނު އަދަދު ދެ ގުނަ މައްޗަށް

މިދިޔަ މަހު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ވުރެ މި މަހުގެ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ ގުނަ އިތުރު ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން އާންމުކުރާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ކޮވިޑަށް ޕޮޒިޓިވްވީ 774 މީހުންނެވެ. ނަމަވެސް މި މަހު އިއްޔެގެ ނިޔަލަށް 1،443 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.

ޑިސެމްބަރު މަހުގެ ޖުމްލަ އަދަދުން ބަލާއިރު ދުވާލަކު 25 މީހުން ޕޮޒިޓިވް ވެފައި ވާއިރު މި މަހުގެ ފުރަތަމަ 26 ދުވަހު އެވްރެޖްކޮށް ދުވާލަކު 56 މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިދިޔަ އާދިއްތަ ދުވަހު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަވުމުން ކަމަށެވެ. މާސްކު ނޭޅުމާއި ގައިދުރުކުރަން ނުބެހެއްޓުން އޭގެ ތެރޭގައި ހިމެނެ އެވެ.

އާ އަހަރާ ދިމާކޮށް ދިން ލުއިތަކުގައި ރާއްޖޭން ބޭރަށް އަދި ރިސޯޓްތަކަށް ގޮސް މާލެ ސަރަހައްދަށް އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތް ހެދުމަކީ ވެސް އިތުރު ބަޔަކަށް ބަލި ޖެހި ބަލި ފެތުރެން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެ އެވެ. ކޮވިޑް ޕޮޒިޓިވްވާ އަދަދު އިތުރުވުމާ އެކު މިހާރު ވަނީ ރާއްޖޭން ބޭރުން އަންނަ އެންމެން ވެސް 10 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭ ގޮތަށް އަލުން ބަދަލުކޮށްފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ގޮސް 100 އަށް ވުރެ ދަށުގައި ހުންނަތާ ދެ މަސް ދުވަސް ފަހުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ އެވެ. އިއްޔެ އެކަނި ވެސް 145 ކޭސް ފެނިފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 15،247 މީހުންނެވެ. ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1،273 މީހުންގެ ތެރެއިން 93 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ބަލީގައި މަރުވީ 51 މީހެކެވެ.