މަންމަ އާއި ފިރިމީހާ ބުނަނީ ސަނާ ފަލަވެއްޖޭ!
މަންމަ އާއި ފިރިމީހާ ބުނަނީ ސަނާ ފަލަވެއްޖޭ!

މިދިޔަ އަހަރު ބުރުގާ އަޅައި ފިލްމު ކުޅުން ވެސް ހުއްޓައިލިކަން އިއުލާންކުރިތާ މާ ގިނަ ދުވަހެއް ނުވެ ކައިވެނިކުރި ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ޚާން މިހާރު ފަލަވެއްޖެ ކަމަށް ބުނެ މަންމަ އާއި ފިރިމީހާ އަބަދު ވާހަކަ ދައްކާ ކަމަށް އޭނާ ބުނެފި އެވެ.

"ވަޖާ ތުމް ހޯ" އާއި "ޖޭ ހޯ" އަދި "ހައްލާ ބޯލް" ފަދަ ފިލްމުތަކުން ފެނިފައިވާ 33 އަހަރުގެ ސަނާ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ މަންމަ އާއި ފިރިމީހާ ދައްކާ ވާހަކަ ގަބޫލުކުރެވޭ ކަމަށާއި އެހެންވެ ހިކެން އެބަޖެހޭ ކަމަށެވެ.

"ވަކިން ހާއްސަކޮށް މަންމަ އެ ވާހަކަ މާ ބޮޑަށް ދައްކާތީ މިހާރު އެބަޖެހޭ އެއީ ތެދެއް ކަމަށް ގަބޫލުކޮށް އެކަން ކުރަން،" ސަނާ ބުންޏެވެ. "އެއްވެސް މަޔަކު ބޭނުމެއް ނުވާނެ އެ މީހެއްގެ ދަރިއަކު ބަނޑަށް މަރުވާކަށް. އެކަމަކު އަހަރެން ވީޑިއޯ ކޯލެއް ކުރާ ކޮންމެ ފަހަރަކު މަންމަ މިހާރު ބުނާނެ ކޯ ފުފި މިހާރު ހީވަނީ ގުލާބް ޖާމޫއެއްހެންނޭ. ދެން ފިރިމީހާ ވެސް ކިޔާނެ މިހާރު ތަންކޮޅެއް ފަލައޭ. ހިކެން މަސައްކަތްކުރާށޭ."

ސަނާ ބުނީ އޭނާ ފަލަވެގެން އެ ވާހަކަ މަންމަ އާއި ފިރިމީހާ ދައްކާ ނަމަ އެއީ ލޯބިން ދައްކާ ވާހަކައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ހިތަށް އަރަނީ ކޮން އިރަކުން ބާއޭ މިކަން ފަށައިގަނެވޭނީ؟" ސަނާ ބުންޏެވެ. "އެކަމަކު ކޮންމެހެން ވެސް އެބަޖެހޭ މިހާރު މިކަން ކުރަން."

ފިލްމީ ދާއިރާއާ ދުރަށް ދިޔަކަން މިދިޔަ އޮކްޓޯބަރު މަހުގެ 8 ގައި އިންސްޓަގްރާމްގައި އިއުލާންކޮށް، ސަނާ އާއި އަނަސް ކައިވެނިކުރީ ނޮވެމްބަރު މަހުގެ 22 ގަ އެވެ.