27 ޖެނުއަރީ 2021 - 10:54

ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ފެށި "މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕް"ތައް ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި އެވެ.
މި ޕްރޮގްރާމް އަލުން ފެށުމުގެ ގޮތުން އެމްއެމްޕީއާރުސީން ވަނީ މެދުއިރުމަތީގެ މީޑިއާ ޓީމެއް އިއްޔެ ރާއްޖެ ގެނެސްފަ އެވެ. މި ޓީމުގައި މެދުއިރުމަތީގެ މަޖައްލާތައް ކަމަށްވާ "ސެވިއޯ ފްލެއާ" އާއި "ދަ ނޭޝަނަލް" އަދި "މިލޭނިއަމް މިލިއެނާ" އާއި "ފެކްޓް އަބުދާބީ"ގެ ނޫސްވެރިން ހިމެނެ އެވެ.
މި ޓީމުން މެދުއިރުމަތީގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެ މީހަކު ނިސްބަތްވާ މަޖައްލާތަކުގައި ރާއްޖެއާ ގުޅޭ އާޓިކަލްތައް ލިޔާނެ އެވެ. އަދި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކާއި ޓޫރިސްޓުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ވެސް މީޑިއާތައް މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދޭނެ އެވެ.
އެމްއެމްޕީއާރުސީން ލަފާކުރާ ގޮތުގައި މި ދަތުރުގެ ސަބަބުން މެދު އިރުމަތީގެ 3.7 މިލިއަން މީހުންނަށް ރާއްޖެ އިޝްތިހާރު ވާނެ އެވެ.
މި މީޑިއާ ޓީމުގައި ހިމެނޭ ނޫސްވެރިން ތިބޭނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓާއި ޝެރަޓަން މޯލްޑިވްސް، ފުލްމޫން ރިސޯޓުގަ އެވެ. އެ މީހުންނަށް މި ރިސޯޓުތަކުގައި ހުރި ހުރިހާ ހަރަކާތްތަކެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޓީމު ރާއްޖޭގައި ތިބޭނީ ހަ ދުވަސް ވަންދެންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ކޮވިޑް-19ގެ ހާލަތުގައި ވެސް މެދު އިރުމަތީގެ ގައުމުތަކުން 26,288 ޓޫރިސްޓުން ރާއްޖެ އައެވެ. މިއީ 2019ވަނަ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.