27 ޖެނުއަރީ 2021 - 10:08

ޓެކްސްގެ ސުންގަޑިތައް ހަމަވާތީ ފަހުވަގުތަށް މަޑުނުކޮށް ޓެކްސް ބަޔާނާއި ފައިސާ ދެއްކުން އަވަސްކުރަން މީރާ އިން އިލްތިމާސްކޮށްފި އެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި ކުރީ އަހަރުތަކުގައި ޓެކްސްގެ ސުންގަޑިތަކާ ދިމާކޮށް ފަހުވަގުތު ޓެކްސް ބަޔާނާއި ފައިސާ ދައްކާ މީހުން ގިނަ އެވެ. ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ގައިދުރުކަން ބަހައްޓަން ޖެހޭތީ މީރާ އިން ވަނީ އެ އިދާރާއިން ހިދުމަތް ދޭ ކައުންޓަރުގެ އަދަދު މަދުކޮށްފަ އެވެ. އެހެންވެ މީރާ އިން އެދުނީ މީހުން ތޮއްޖެހިގެން ހިދުމަތް ހޯދަން ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ދެއްކުމަށެވެ.
- ޑިސެމްބަރު 2020ގެ ޖީއެސްޓީ ބަޔާން: މާދަމާއަށް
- މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން: މާދަމާއަށް
- އިންކަމް ޓެކްސްގެ 2020ގެ ދެވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން: 31 ޖެނުއަރީ
މީގެ ތެރެއިން ޖީއެސްޓީ ބަޔާނާއި އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިންކޮށް ހޯދޭ ހިދުމަތްތަކެކެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތްތަކުން މީރާ ކަނެކްޓް އެކައުންޓު ބޭނުންކޮށްގެން ޓެކްސް ބަޔާނާއި ފައިސާ ދެއްކުމަށް ވެސް މީރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީގެ އިތުރުން ޖީއެސްޓީ ސުން ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ވާރު ޕޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބަޔާން ހުށަހެޅޭނެ އެވެ.