27 ޖެނުއަރީ 2021 - 10:11

ތޮއްޖެހިފައި އޮތް މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަމެކެވެ. ހާއްސަކޮށް ޝީޓު އަޅާ ނަމަ މަގު ބަންދުކޮށް، ސިމެންތި އާއި ވެލި ބަސްތާތައް ޖަހަން ފަށާނެ އެވެ. އެއީ އެތައް ބަޔަކަށް އޮތް އުނދަގުލެކެވެ. އެ ހާލަތު ބަދަލުކޮށްލީ އެސްޓީއޯގެ ޕަވާމިކްސް ކޮންކްރީޓެވެ.

އިމާރާތްކުރަން ބޭނުންވާ ކޮންކްރީޓް ތައްޔާރުކޮށްދޭން އެސްޓީއޯ އިން ފެށީ މީގެ ފަސް އަަހަރު ކުރިންނެވެ. މަގުމަތީ ސިމެންތި ބަސްތާ ޖަހައިގެން ކުރާ އެބުރަ މަސައްކަތުގެ މުސްކުޅި ގޮތްގަނޑު އެއްކޮށް ދޫކޮށްލައި ޒަމާނީ މެޝިނަރީގައި އެކަން ކުރަން ފެށުމުން ގިނަ ބަޔަކަށް އޭރު އެކަން ބަލައިގަންނަން އެހާ ފަސޭހައެއް ވެސް ނުވި އެވެ. ނަމަވެސް އެއީ ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ ބޮޑެތި ކުންފުނިތަކުން އޭރު ވެސް އިންތިޒާރުކުރި ބަދަލެކެވެ. މިހާރު ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކުން ވެސް ބޭނުންކުރަނީ އެސްޓީއޯގެ ޕަވާމިކްސް އެވެ.

މިއީ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ވެސް ކަން ކުރާ ގޮތެވެ. ހާއްސަކޮށް ބޮޑެތި އިމާރާތްތަކަށް ބޭނުންވާ ކޮންކްރީޓް ސިމެންތި ގަށާ ކުދިކުދި މެޝިނުތަކުން ތައްޔާރުކުރަން ބައެއް ގައުމުތަކުގައި މަނަ އެވެ. އޭގެ އެންމެ ބޮޑު މަގްސަދަކީ ކޮންކްރީޓްގެ ފެންވަރު އެއް ހަމައެއްގައި ހިފެހެއްޓުމެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ކޮންކްރީޓް ތަައްޔާރުކުރަން ފެށީ ވެހިކަލްތަކުގައި މިކްސްކޮށްގެންނެވެ. އެކަމަކު މިހާރު ކޮންކްރީޓް ތައްޔާރުކުރަނީ ހުޅުމާލެ އާއި މާލޭގައި ޕްލާންޓްތައް ބަހައްޓައިގެންނެވެ. އެއީ އޮޓަމެޓިކުން ސިމެންތި މިކްސްކުރާ ނިޒާމެކެވެ. އޭގެ އިތުރުން ހުޅުމާލޭގައި ކޮންކްރީޓް ޕަމްޕްކުރާ މެޝިންތައް ވެސް ގެންގުޅެ އެވެ.

ކޮންސްޓްރަކްޝަން ދާއިރާއަށް ގެނައި މި އިންގިލާބީ ބަދަލުގެ ސަބަބުން މިހާރު ޝީޓެއް އަޅަން ހޭދަވާ ވަގުތާއި ގެންގުޅެން ޖެހޭ ލޭބަރުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުކުރެވިއްޖެ އެވެ. ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތުގެ ވައްޓަފާޅި ވެސް އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުވެއްޖެ އެވެ. މިހާރު ކޮންސްޓްރަކްޝަން ސައިޓުތަކުގައި ސިމެންތި ގަށާ މެޝިންތައް ބަހައްޓާކަށް ނުޖެހޭނެ އެވެ.
ޕަވާމިކްސްއަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކުރިއާލާ ނަން ނޯޓު ކުރަން ޖެހެ އެވެ. ދުވާލަކު 100 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ބޭނުންވާ ވަރަށް ކޮންކްރީޓް އުފެއްދުމުގެ ކެޕޭސިޓީ އެސްޓީއޯގެ އެބަ ހުއްޓެވެ. އެކަމަކު ޑިމާންޑް ބޮޑުވަމުން އަންނާތީ އެސްޓީއޯ އިން މިހާރު މަސައްކަތްކުރަނީ އެ ކެޕޭސިޓީ އިތުރުކުރާށެވެ.
އެސްޓީއޯގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މެނޭޖަރު މުހައްމަދު ހައްސާން ނަސީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި މާލެ އާއި ހުޅުމާލެއަށް އެއް ލައްކަ ކިއުބިކް މީޓަރުގެ ކޮންކްރީޓް ފޯރުކޮށްދީފައިވާ ކަމަށެވެ. މާލޭގެ 1،000 އަކަފޫޓުގެ ބިމެއްގައި 10 ބުރީގެ އިމާރާތެއް އަޅާ ނަމަ ގާތްގަނޑަކަށް ބޭނުންވާނީ 200 ކިއުބިކް މީޓަރުގެ ކޮންކްރީޓެވެ. އެހެންކަމުން މިދިޔަ ފަސް އަހަރު އެވަނީ އެ ސައިޒުގެ 500 އިމާރާތަށް ބޭނުންވާ ވަރަށް ޕަވާމިކްސް އިން ކޮންކްރީޓް ފޯރުކޮށްދީފަ އެވެ.
ހައްސާން ވިދާޅުވި ގޮތުގައި ފަސް އަހަރު ތެރޭގައި އެސްޓީއޯގެ ޕަވާމިކްސް ކޮންކްރީޓަށް ކޮންޓްރެކްޓަރުންގެ އިތުބާރާއި ޔަގީންކަން ވަނީ ލިބިފަ އެވެ.
ފަހަރަކު ސިމެންތި ބަސްތާއެއް ކަނޑާފައި މެޝިނަށް އެޅުމުގެ ބަދަލުގައި އެސްޓީއޯ އިން ހިލަ އާއި ވެއްޔާއި ސިމެންތި، ވަކި ފެންވަރެއްގައި ގަށައިގެން ހާއްސަ ވެހިކަލްތަކުގައި ސައިޓާ ހަމައަށް ގެންގޮސްދިނުމަކީ ވަރަަށް ބޮޑު ފަސޭހައެކެވެ. ކުރިން 1،000 އަކަފޫޓުގެ އިމާރާތެއްގެ ޝީޓެއް އަޅަން ހަ ގަޑި އިރު ހޭދަވެ އެވެ. އެކަމަކު އެސްޓީއޯ މެދުވެރިކޮށް އެކަން ކުރާ ނަމަ ދެ ގަޑި އިރު ތެރޭގައި އެވަރުގެ ޝީޓެއް އަޅާ ނިންމާލެވެ އެވެ.
އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތެއްކުރާ ނަމަ އެންމެ އާދައިގެ ގެއެއްގެ މަސައްކަތަށް ވެސް 15 ވަރަކަށް ލޭބަރުން ބޭނުންވެ އެވެ. އެކަމަކު އެވަރުގެ ޝީޓެއް އެޅުމުގެ މަސައްކަތަށް މިހާރު ބޭނުންވަނީ ހަތަރު ވަރަކަށް ލޭބަރުންނެވެ. މިއީ ވެސް ކޮންޓްރެކްޓަރުންނަށް ވަރަށް ބޮޑު ލުޔެކެވެ.
އެސްޓީއޯ ޕަވާމިކްސް އިން ކޮންކްރީޓް ފޯރުކޮށްދިން އެންމެ ބޮޑު މަސައްކަތަކީ ނަސަންދުރަ އެވެ. އެ ބިޔަ އިމާރާތުގެ ކޮންމެ ޝީޓެއް އަޅަން 48 ގަޑިއިރު ހޭދަވި އެވެ. އެތަނުގެ ކޮންމެ ޝީޓެއް އެޅީ މުވައްޒަފުން ހަތަރު ޝިޕްޓަކަށް ބަހާލައިގެންނެވެ.
ނަސަންދުރައިގެ 14 ބުރީގެ ދެ އިމާރާތަށް 14،000 ކިއުބިކް މީޓަރުގެ ކޮންކްރީޓް އެސްޓީއޯ އިން ފޯރުކޮށްދިނެވެ. އާންމު ގޮތެއްގައި މާލޭގައި އަޅާ އިމާރާތެއްގެ ޝީޓަކަށް ސީ30 ކުއަލިޓީގެ ކޮންކްރީޓް ފޯރުކޮށްދިން ނަމަވެސް ނަސަންދުރައިގެ ބޮޑު އިމާރާތުގެ ކޮންކްރީޓްގެ ކޮލިޓީ އަކީ ސީ45 އެވެ. މިއީ އެސްޓީއޯއިން މި ކޮލިޓީގައި ކޮންކްރީޓް ފޯރުކޮށްދިން ފުރަތަމަ އިމާރާތެވެ.
ހައްސާން ވިދާޅުވީ މިފަދަ ބޮޑެތި އިމާރާތްތަކަށް ކޮންކްރީޓް ފޯރުކޮށްދިނުމުގެ ގާބިލްގައި އެ ކުންފުނީގައި އެބަހުރި ކަމަށެވެ.
އެސްޓީއޯ ޕަވާމިކްސް ކޮންކްރީޓް އުފެއްދުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކޮންކްރީޓުގެ ފެންވަރު އެއް ހަމައެއްގައި ހުރިހާ ކޮންޓްރެކްޓަރުންނަށް ވެސް ފޯރުކޮށްދިނުމަށެވެ. އެކަން އެގޮތަށް ކުރަން ކޮންމެ އޯޑަރެއްގެ ކޮންކްރީޓުގެ ސާމްޕަލް ނަގަ އެވެ. ކޮންސްޓްރަކްޝަން ސައިޓަށް ގެންދިއުމުގެ ކުރިން އަދި ގެންދިއުމަށް ފަހު ވެސް ކޮންކްރީޓުގެ ސާމްޕަލް ނަގައި އެ ބަޔެއް އެދުނު ކޮލިޓީގައި ކޮންކްރީޓް ތައްޔާރުކޮށްދެވުނުތޯ ޔަގީންކުރެ އެވެ.
"ކްލަޔަންޓަށް 28 ދުވަސް ފަހުން ޓެސްޓުގެ ނަތީޖާ ލިބޭނެ. އެގޮތަށް ފުލް ސާވިސެއް މިދެނީ. އެ ކްލަޔަންޓަކް ބޭނުންވާ ސްޓްރެންތަށް ވުރެ ވެސް އަޅުގަނޑުމެންގެ ކޮންކްރީޓް ގިނަ ފަހަރަށް ކޮލިޓީ ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.
ސާމްޕަލްގެ ނަތީޖާ އެސްޓީއޯއިން ހުރިހާ ކޮންޓްރެކްޓަރުންނާ ހިއްސާކުރަމުން ދިއުމުގެ ސަބަބުން އެސްޓީއޯގެ ޕަވާމިކްސްއަށް އޮތް އިތުބާރު ބޮޑުވެ އެވެ.
އެސްޓީއޯގެ ޕަވާމިކްސްގެ ސަބަބުން ލިބުނު ފަސޭހަތައް ކިތައްމެހާ ވެސް ބޮޑެވެ. މަސައްކަތްކުރާ މީހުންނާއި އާންމުންނަށެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާއިން އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ 75 ޕަސެންޓަށް އިތުރުވެފަ އެވެ. މި ކާމިޔާބީއާ އެކު އެކުންފުނިން ވަނީ މި ދާއިރާ އިތުރަށް ފުޅާކުރަން އަމާޒު ހިފައިފަ އެވެ.