27 ޖެނުއަރީ 2021 - 08:47

ބާމިންހަމް (ޖެނުއަރީ 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 5-0 އިން ވެސްޓް ބްރޮމް ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ސިޓީ އެއް ވަނަ އަށް އެރީ 19 މެޗުން 41 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 19 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. މިރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ވެސްޓް ބްރޮމް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ޖެހި ގޯލުންނެވެ. މެޗުގެ 20 ވަނަ މިނިޓްގައި ޔާއޯ ކަންސޭލޯ ސިޓީ އަށް ލީޑުފުޅާކޮށްދިންއިރު، އޭގެ 10 މިނިޓް ފަހުން ގުންޑޮގާން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ ރިޔާދު މާރޭޒް އެވެ. ދެ ވަނަ ހާފްގައި ސިޓީގެ ފަސް ވަނަ ގޯލު ޖެހީ މާރޭޒް ދިން ބޯޅައަކުން ރަހީމް ސްޓާލިން އެވެ.
އަނިޔާގެ ސަބަބުން ކެވިން ޑިބްރޭނާ ނުލައި ކުޅުނު މި މެޗުގައި ސިޓީން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ތައުރީފުކޮށްފަ އެވެ.
ލީގުގައި ރޭ އާސެނަލުން ވަނީ ރަށުންބޭރުގައި ސައުތެމްޓަން އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެފަ އެވެ. ސްޓުއާޓް އާމްސްޓްރޯންގްގެ ގޯލުން ސައުތެމްޓަން ލީޑުނަގާފައިވަނިކޮށް އާސެނަލުން ވަނީ ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލައިފަ އެވެ. ނިކޮލަސް ޕެޕޭގެ ގޯލުން އެއްވަރުކުރިއިރު، ލީޑުނެގީ ބުކާޔޯ ސާކާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ އަނެއް ގޯލު ޖެހީ އަލެކްސަންޑަ ލަކަޒޭޓް އެވެ.
މި މޮޅާ އެކު އާސެނަލް ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 20 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ރަށުންބޭރުގައި ކްރިސްޓަލް ޕެލަސް އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ލީގުގެ ހަތަރު ވަނަ އަށް އަރައިފަ އެވެ. އެއީ 20 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް ލިވަޕޫލް މި ވަގުތު ފަސް ވަނައިގައި އޮތީ 19 މެޗުން 34 ޕޮއިންޓާ އެކު އެވެ.