ފަލީހަތް
ފަލީހަތް

އާދިއްތަ ދުވަހާ ގުޅޭ

"އަހަންނަށް ހީވަނީ ޒިޔާން ޔުނިޓު ހެޑަށް ހަދަން މާހިދު އެބަ ވިސްނާހެން،" ޒިޔާނަށް ޚަބަރު ގެނެސްދިން އެކުވެރިޔާ ބުންޏެވެ. "މަރުހަބާ! ކޮފީއަކުން ނުޗަލާނެ އިނގޭ!"

ޒިޔާނަށް ކުރެވުނީ މަސްހުނި އިހުސާސްތަކެކެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި ޔުނިޓުގެ އިސް މީހާއަށް ވެވޭތީ އުފާވިއެވެ. މަނާރަތު މަގާމުން ވަކިކޮށްފައި އެ މަގާމު ޒިޔާނަށް ދޭތީ ހިތްހަމަނުޖެހުނެވެ. މަނާރަތު ހިތްހަމަނުޖެހިދާނެތީ އުނދަގޫވިއެވެ. އެ ލޯބި ގެއްލިދާނެތީ ހާސްވިއެވެ. ޒިޔާނަށް އޮތީ ލޯތްބަށް ޓަކައި ޒިޔާންގެ މުސްތަގުބަލު ގުރުބާން ކުރުމެވެ. އަންބަކަށް ނެހެދޭނެ އަންހެނަކަށް ޓަކައި ބޭކާރު އިންތިޒާރެއް ކުރުމެވެ. ނުވަތަ ކާމިޔާބަށް މަރުހަބާކިޔުމެވެ. ވަރަށް ވެސް އުނދަގޫ ނިންމުމެކެވެ. ދުރުދުރުން ނަމަވެސް މަނާރަތުގެ ވިސްނުން ހުރި ގޮތެއް ނުބަލައެއް ޒިޔާނަކަށް ގޮތެއް ނުނިންމުނެވެ.

ތުލުސްދޫގެ ފަޅު ގެއެއްގައި ބިދޭސީއަކު މަރާލައިފައި އޮއްވައި ފެނުނެވެ. އެ މައްސަލައިގައި، ތަހުލީލަށް ބޭނުންވާ ސުންކު ނެގުމަށް ޓަކައި ޒިޔާން އެ ރަށަށް ދިޔައެވެ. ޒިޔާންގެ ފަހަތުން މަނާރަތު ވެސް ދާނެކަމަށް ޒިޔާން އުންމީދުކުރިއެވެ. ފުލުހުންގެ ފަރާތުން ދިޔަ ޓީމާ އެކުގައި މަނާރަތު ލޯންޗަށް އެރި ވެސް މެއެވެ. މީހުން ތިބޭ ތަނެއްގައި ސިއްރުން ނޫން ގޮތަކަށް މަނާރަތަށް ބަލާކަށް ޒިޔާނަކަށް ނުކެރެއެވެ. އޭނަ ލޯންޗަށް އެރިކަން ކަށަވަރު ކުރުމަށް ފަހު ޒިޔާން ހަމަޖެހިލައިގެން އިނީއެވެ. އެހެނަސް ތުލުސްދޫއަށް ފައިބައިފައި ބަލައިލި އިރަކު މަނާރަތެއް ނެތެވެ. ކުއްލިއަކަށް މަނާރަތުގެ ނިންމުން ބަދަލުކުރީ ކީއްވެގެން ހެއްޔެވެ؟ ބަދަލުކުރި ސަބަބު ޒިޔާނަށް، މެސެޖަކުން ނަމަވެސް މަނާރަތު ނޭންގީ ކީއްވެ ހެއްޔެވެ؟ އެ ދެ ސުވާލު ޒިޔާންގެ ހިތަށް ކަށްޓެއްހެން ހެރުނެވެ.

ތުލުސްދޫއަށް ދިޔަ މަސައްކަތް ކޮޅެއްގައި ޖައްސައިފައި މަނާރަތަށް ޒިޔާން ގުޅިއެވެ. ފޯނެއް ނުނެގިއެވެ. ޒިޔާން ފޮނުވި މެސެޖަށް ވެސް ޖަވާބެއް ނުދިނެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. ހިތާހިތުން ޒިޔާން ބުނެލިއެވެ. މަނާރަތު ލޯންޗަށް އެރި ފަހުން ކުއްލި ޚަބަރެއް ލިބުނީ ހެއްޔެވެ؟ ކުރިން ނޭނގި އޮތް ކަމެއް އެނގުނީ ހެއްޔެވެ؟ ތުލުސްދޫގައި ހުރެގެން ޒިޔާން ފަނަރަ ފަހަރު މަނާރަތަށް ގުޅިއެވެ. އެކި ވަގުތުގައެވެ. މަނާރަތު ޖަވާބެއް ނުދިނެވެ. އެއީ ކުރިން މަނާރަތު ކުރި ކަމެއް ނޫނެވެ.

ޒިޔާނަށް މާލެ އާދެވުނީ ދުވަހެއްގެ އިރު އޮއްސެނިކޮށެވެ. އަމިއްލަ ގެއަށް ދިޔުމުގެ ބަދަލުގައި ޒިޔާން ދިޔައީ މަނާރަތުގެ ގެއަށެވެ. ދަށުން މަސައްކަތްކުރާ މުވައްޒަފަކު ވެރިމީހާގެ ގެއަށް ހިނގައިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މީހަކު ޝައްކެއް ވެސް ނުކުރާނެއެވެ. ޒިޔާން ނިންމީ އެހެންނެވެ. މަނާރަތުގެ އެޕާޓުމަންޓުގެ ދޮރުގައި ޓަކިޖެހުމުން ކޮންމެވެސް މީހަކު ދޮރު ކައިރިއަށް އައިކަން ޒިޔާނަށް އެނގެއެވެ. ދޮރުގައި ހަރުކޮށްފައި ހުރި ދޮރުކަޅިއަށް ހިޔަނިއެޅުނުތަން ޒިޔާނަށް ފެނުނެވެ. އިރުކޮޅަކު އެ މީހަކު ދޮރު ކައިރީގައި ހުރެފައި ދިޔައީއެވެ. އޭގެ އިރުކޮޅެއް ފަހުން ދޮރު ހުޅުވީ މަނާރަތެވެ. އޭނަ ހުރީ ވަރަށް ކުރު ސޯޓަކާއި ޓީޝާޓެއްގައެވެ. މޫނުމަތިން ބަލި ފާޑު ޖަހައެވެ. ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރިހެން ވެސް ހީވިއެވެ.

"ހާދަ ވަރަކަށް ގުޅައިފީމޭ!" އެތެރެއަށް ވަންނަމުން ޒިޔާން ބުންޏެވެ.

"ފޯނެއް ނުބަލަން. އޮފީހަކަށް ވެސް ނުދަން،" ޒިޔާން ވަނުމުން ދޮރު ލައްޕައިލަމުން މަނާރަތު ބުންޏެވެ. "ހުންއައިސްގެން މި އުޅެނީ."

މަނާރަތު ގައިގައި ޒިޔާން އަތްޖައްސައިލިއެވެ. ޔަގީނުން ވެސް އެ ވަގުތަކު ހުމެއް ނެތެވެ.

"މި ވަގުތު އޯކޭ!" މަނާރަތު ބުނެލިއެވެ. "ކީއްކުރަން ގުޅީ؟"

ވާހަކަދައްކަމުން ޒިޔާން ސޯފާގައި އިށީނދެލިއެވެ. އެއީ މާލޭގެ ގެއަކުން މަދުން ނޫނީ ނުފެންނަހާ ހިތްގައިމު ބޮޑުކޮޓަރިއެކެވެ. މަނާރަތު ސޯފާގައި އިން އިރު އިންނަނީ އިސްޖަހައިލައިގެންނެވެ. ޒިޔާންގެ މޫނަށް ބަލަން އޭނަ ބޭނުން ނުވާ ކަހަލައެވެ.

"ދެން ހަބަރެއް ނުވާތީ ދޯ!" ޒިޔާން ބުންޏެވެ. "ޑޮކަށް ދައްކައިފިން؟"

"އާނ! މިހާރު އުޅޭ ހުމެކޭ ބުނީ. ޕެނަޑޯލް ދިނީ!" މަނާރަތު ޖަވާބުދިނެވެ. "އެކަމަކު ޕެނަޑޯލް ކާން ފެށި ފަހުން ބަނޑު ސަކަރާތް ވެއްޖެ! ހިޔެއް ނުވޭ މާ ގިނަ އިރަކު ވާހަކަދައްކަން އިނދެވޭނެހެނެއް ވެސް. ތުލުސްދޫ ޓްރިޕް ކިހިނެއް؟"

"ވަރަށް ސަޅިކޮށް ދިޔައީ،" ޒިޔާން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "މިރޭ މަސައްކަތް ކޮށްލާފަ މާދަމާ ރިޕޯޓު ދޭނަން. ވަޅި ފެނިއްޖެ! އެއަކު ނެތް ފިންގަޕްރިންޓެއް. އެކަމަކު ކުށްވެރިއެއް ސްމާޓެއް ނުވާނެއްނު! ސްމާޓް ނަމަ ކުށެއް ނުކުރާނެ. ނައިންޓީ ނައިން ޕަސަންޓް ގެރެންޓީ މި ދެނީ އޭނަގެ ފިންގަޕްރިންޓް އަހަރެން ހޯދާނަން. މާދަމާ އިރު އޮއްސޭ އިރު އޭނަ ހުންނާނީ ޖަލުގަ."

"ހުހ!" އުފަލަށް ވުރެ ހިތްހަމަނުޖެހުން ފާޅުވާ ގޮތަކަށް މަނާރަތު ބުނެލިއެވެ. "ތީ ދެން ޔުނިޓްގެ ނަންބަރ ވަން އެއްނު. އެހެން ހުރިހާ މީހުންނަކީ މިހާރު ގާބޭޖް! ދެން ނީނދެވޭނެ. ޓޮއިލެޓަށް ދާންވެއްޖެ! ޒިޔާން ދަމުން ދޮރު ލައްޕާލައްޗޭ!"

މަނާރަތު ދިޔައީ، ޒިޔާން ދެން ދާށޭ ބުނެވޭނެ އެންމެ ރީތި ގޮތަށް ބުނެފައެވެ. އެ ވަރު ޒިޔާނަށް ވިސްނެއެވެ.

އޭގެ ފަހުން މަނާރަތުގެ މިޒާޖަށް ބަދަލުތަކެއް އައިކަން ޒިޔާނަށް ފާހަގަވިއެވެ. ދެމީހުންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. އެކަމަކު މަނާރަތު ހިނިއައިސްފައި ހުއްޓައެއް ޒިޔާނަކަށް ނުފެނެއެވެ. ހިނިތުންވާން ގަދަކަމުން މަސައްކަތްކޮށް މަނާރަތު ނާކާމިޔާބުވާ ތަން ޒިޔާނަށް ފެނެއެވެ. ޒިޔާނަށް އިވުނު އަޑާއި މަނާރަތުގެ ފަރާތުން ފެންނަ މަންޒަރާ ގުޅުވައިލެވޭލެއް ފަސޭހަކަމުން ޒިޔާން އެ ވާހަކައެއް ނުދައްކައެވެ. މަނާރަތުގެ މަގާމު ޒިޔާނަށް ލިބޭނެކަމާއި، އެ ކަމަށް މަނާރަތު މަރުހަބާ ނުކިޔާނެކަން ޒިޔާނަށް ކަށަވަރުވިއެވެ. އެހެންވިޔަސް ޒިޔާން ހުރީ ކުރިޔަށް ދާން ނިންމައިގެންނެވެ.

ފުލުހުންގެ ތެރޭގައި ވަޒީފާގެ ކުރިއެރުން ދޭ އިރު ބަލަނީ ދެ ކަމަކަށެވެ. އެއް ކަމަކީ ޖިސްމާނީ ގާބިލުކަމެވެ. އަނެއް ކަމަކީ އަޚުލާގާއި މަސައްކަތުގެ ގާބިލުކަމެވެ. އެ ކަން ވަޒަންކުރަނީ މުވައްޒަފުގެ އެކި ރެކޯޑުތަކަށް ބަލައިގެންނެވެ. މުޅި ޑިޕާޓުމަންޓުން ވެސް އެންމެ ގިނަ ޕޮއިންޓު ޒިޔާނަށް ލިބެނީ، މުވައްޒަފުންގެ ރެކޯޑުތައް މަނާރަތު ބަލަހައްޓާތީއެއް ނޫނެވެ. ޒިޔާންގެ ތޫނުފިލިކަމާއި، ހުނަރުވެރިކަމާއި، ހަރުދަނާކަމަށް ގޮންޖަހައިލެވޭ ވަރުގެ އެހެން މުވައްޒަފަކު ނުހުރެއެވެ. ވަޒީފާއަށް ވަނުމުގެ ކުރިންނާއި ފަހުން ވެސް ޒިޔާނަކީ ކަސްރަތަށް ލޯބިކުރާ މީހެކެވެ.

ޖިސްމާނީ ގާބިލުކަމަށް ފުލުހުންގެ ތެރޭގައި ތިން މެޑެލި ލިބެއެވެ. އެއީ ލޮއި މެޑެއްޔާއި، ރިހި މެޑެއްޔާއި، ރަން މެޑެއްޔެވެ. އޭގެ ތެރެއިން ރަން މެޑެއްޔަކީ ތަދު އެއްޗެކެވެ. މަދު މީހަކަށް މެނުވީ ނުލިބޭ އަލިމަހެކެވެ. އެ ޝަރަފު ވެސް ޒިޔާން އަތުގައި އޮވެއެވެ. ތައުލީމީ ގޮތުން ޒިޔާން ޝަރުތު ހަމަވެއެވެ. ޒިޔާނަށް ކުރިއެރުން ދޭން ނިންމާނީ އެ ހުރިހައި ކަމަކަށް ބަލައިފައެވެ. އެކަމަކު ޝަރުތު ހަމަވިޔަސް ޒިޔާނަކަށް ކުރިއެރުމެއް ނުލިބެއެވެ. އޭގެ ސިއްރެއް ޒިޔާނަކަށް ނޭނގެއެވެ. ދެ ފަހަރަށް ނަން ހުށައަޅައިގެން ވެސް ޒިޔާންގެ ނަސީބު އަތުގައި ހިފާ ގޮތެއް ނުވެއެވެ.

މަނާރަތުގެ މަގާމަށް ޒިޔާން ބަދަލުވާނެކަން ޒިޔާނަށް އެނގުނުތާ ދެ ހަފުތާ ވީއިރު ވެސް އެ ބަދަލެއް ނައެވެ. އެ ކަމާ މެދު ޒިޔާނަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. އެކަމަކު މަގާމުގެ ކުރިއެރުން ހޯދައިދޭނެ ކަމަށް މަނާރަތު އޮތީ ބުނެފައެވެ. އެ ކަން ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަކީ ޒިޔާންގެ ހައްގެއް ކަމުގައި ޒިޔާން ބެލިއެވެ. ޒިޔާން ދަނޑިވަޅެއް ހޯދީ އޮފީހުގެ ރަސްމީ ވަގުތުގައެވެ. މަނާރަތުގެ ރަސްމީ ކޮޓަރީގައެވެ.

"މަނާ މިހާރު ހާދަ ޗޭންޖުވެއްޖޭ!" ޒިޔާން ފުރަތަމަ ކުރީ ޝަކުވާއެކެވެ. "ކޮބައިތަ މައްސަލައަކީ؟ އަހަންނަށް ކަމެއް ކުރެވުނީތަ؟"

"ބިޒީކަމުން ޓައިމެއް ނުވަނީ!" މަނާރަތު ބުންޏެވެ. "މިއަދު ވެސް ވަރަށް ޓައިޓްކޮށް މި އުޅެނީ. ރަސްމީ ކަމެއް ނެތިއްޔާ ފަހުން.."

"ރަސްމީކަމެއްގައޭ މިއައީ." ޒިޔާން ތަންކޮޅެއް ބާރަށް ބުންޏެވެ.

ޒިޔާން ހިތްހަމަނުޖެހުނުކަން މަނާރަތަށް އެނގުނެވެ. އެއީ ކީއްވެގެންކަން ވެސް މަނާރަތަށް އެނގޭ ކަހަލައެވެ.

"އެ ކަމެއް ބުނީމަތާ އެނގޭނީ." މަނާރަތު މަޑުމަޑުން ބުނެލިއެވެ.

"ބުނީމެއްނު ޕްރަމޯޝަނެއްގެ ވާހަކަ. ކޮބާ އޭގެ އަޕްޑޭޓަކީ؟" ޒިޔާން ސުވާލުކުރިއެވެ.

"އެ ހަމަ އެ ދުވަހު ފޮނުވައިފިން. އެކަމަކު އެ ކޮޅުން އަދިވެސް ރިޕްލައިއެއް ނާދޭ!" މަނާރަތު އެހެން ބުނި އިރު އެއީ ތެދެއްހެނެއް އޭނަގެ މޫނުމައްޗަކުން ހިޔެއް ނުވެއެވެ. "ނޭނގެ އެ ވާ ގޮތެއް. ކޮންމެވެސް މީހަކު އެތެރޭން ކުޅެނީ ކަންނޭނގެ. ޒިޔާނަށް ޖެލަސްވާ މީހަކު ޓޮޕްގަ އުޅެފާނެބާ ދޯ؟ އެކަމަކު ޒިޔާނަށް ޕްރަމޯޝަން ހައްގު. ލިބެން ޖެހޭނެ. އަހަރެން ފައިޓްކޮށްދޭނަން. އަހަންނަށް ޓްރަސްޓްކުރޭ!"

މަނާރަތުގެ ވާހަކަ ޒިޔާނަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު ޒިޔާނަކަށް ކުރެވޭނެ ކަމެއް ނެތެވެ. އެހެންވެ ކެތްކޮށްލައިގެން ހުރީއެވެ. މަނާރަތާއި ޒިޔާންގެ ގުޅުން ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ހީނަރުވަމުންނެވެ. އެހެން މީހެއްގެ ފަރާތުން ޒިޔާނަށް އެނގުނު ގޮތުގައި، މަނާރަތުގެ މަގާމު ވަރަށް އަވަހަށް ޒިޔާނަށް ލިބޭނެއެވެ. މަނާރަތު ހިތްހަމަނުޖެހެނީ މަނާރަތަށް ޓަކައި ޒިޔާން އެ ފުރުސަތު ދޫކޮށްނުލީމައެވެ. އެއީ، މަނާރަތުގެ ލޯބީގެ ދަންތުރައިގައި ޒިޔާން ހައްޔަރު ނުވިކަމުގެ ހެތްކެކެވެ. މަގާމަށް ޓަކައި އަމިއްލަ ނަފުސު ވިއްކާ މަނާރަތު ހުރީ ފަސޭހައިން ދޫ ދޭ ގޮތަކަށް ނޫނެވެ.

"ޒިޔާން ވަރަށް ވިސްނައިގެން ހުންނާތި!" ޚަބަރު ގެނެސްދިން އެކުވެރިޔާ ޒިޔާން ގާތުގައި ބުންޏެވެ. "މަގާމު ހޯދަން ހަށިގަނޑު ވިއްކާ މީހަކު، މަގާމު ދިފާއުކުރަން ހަށިގަނޑު ނީލަމަށް ވެސް ލާނެ. އޭނަ ވިންކުރާނެ. ޒިޔާންގެ ދުވަސް ވެސް ދުއްވާލާނެ."

ހަތަރު ދުވަހަށް މަނާރަތު އިންޑިޔާއަށް ފުރަން ޖެހުނެވެ. އެ ޚަބަރު ޒިޔާނަށް ލިބުނު ދުވަހަކީ މާލޭގައި ވަރަށް އަނިޔާވެރިކޮށް މީހަކު މަރާލެވުނު ދުވަހެކެވެ. އެ މީހަކީ ރަޝީދެވެ. ރަޝީދަކީ ވެސް ޒިޔާންގެ އެކުވެރިއެކެވެ. މަރުގެ ތަހުގީގު ރަސްމީކޮށް ފެށުމުގެ ކުރިން މީސްމީޑިޔާގައި ތަހުގީގު ފަށައި ނިންމައިލިއެވެ. އެންމެ ދެތިން ގަޑި އިރު ތެރޭގައެވެ. ތުހުމަތުގެ އިނގިލި ދިއްކުރެވުނީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުވައިކޮށްގެން ހުރި މީހާއަށެވެ. ރައީސުލް ޖުމްހޫރިއްޔާއަށެވެ.

ނުނިމޭ