26 ޖެނުއަރީ 2021 - 23:02

އިދިކޮޅު ފަރާތްތަކުން އަންނަ ހުކުރު ދުވަހު ހުރިހާ ރަށެއްގައި މުޒާހަރާ ބާއްވަން ނިންމައިފި އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ކޯލިޝަނުން ފާސްކުރި ގަރާރުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ބާއްވަނީ "އިންސާފު ކޮބާ" މި ނަމުގައި ކަމަށެވެ. އެ މުޒާހަރާ ބާއްވަނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބޭތީ އެކަނި ނޫން ކަމަށާއި އެތައް ރައްޔިތުންނެއް ތިބީ ހާލުގައި ޖެހިފައި ކަމަށްވާތީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިއަދު ދިވެހި ރައްޔިތުން ތިބީ މަގުމަތީގައި. މިއަދު މަސްވެރިން އެ ދުވަނީ ސަރުކާރުން އެ ވިދާޅުވި އިންސާފު ނުވަތަ ހައްގުވާ މިންވަރު ކޮބައިތޯ އަހަމުން. ޒުވާނުން އެ ދަނީ މި ސަރުކާރުން އޭރު ޒުވާނުންނަށް ވިއްކި އިންސާފު ނުވަތަ ހައްގުވާ މިންވަރު، ޒުވާނުންގެ މަގާމު ކޮބައިތޯ އަހަމުން،" ޝިޔާމް ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ މުޒާހަރާއަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށާއި އެހެންވެ، އެކަމަށް އެއްބާރުން ދިނުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށެވެ. އަދި މާލޭގައި މުޒާހަރާ ބާއްވާނީ ސޯޝަލް ސެންޓަރުން ފެށިގެން ޕީޕީއެމް އޮފީހާ ހަމައަށް ކަމަށާއި އަތޮޅު ތެރޭގައި އެއްވުންތައް ބާއްވާނެ ގޮތް ފަހުން އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ މި މުޒާހަރާގައި ބައިވެރިވެ ވަޑައިގެން، ގެއްލިފައިވާ އިންސާފު ކޮބައިތޯ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް އަޑުއިއްވަން މި ހިނގާލުމުގައި ބައިވެރިވެ ވަޑައިގަތުން،" ޝުޖާއު ވިދާޅުވި އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓުމާ އެކު، އިދިކޮޅު ކޯލިޝަނުން މިހާރު ދަނީ ސީދާ ހަރަކާތަށް ނުކުންނަން ނިންމައި، މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ. އެ އެއްވުމުގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ އިސްވެރިންތަކެއް ވެސް ދާދިފަހުން ހައްޔަރުުކުރި އެވެ. އެކަމަކު ފަހުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.