ވެލެންސިއާ މެޗުން ލީގާ މެދު ގޮތެއް ނިންމަން އަަވަސް: ވިޑަކޮވިޗް
ވެލެންސިއާ މެޗުން ލީގާ މެދު ގޮތެއް ނިންމަން އަަވަސް: ވިޑަކޮވިޗް

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުންނަ މެޗުގެ ނަތީޖާ އަށް ބަލައިގެން ލީގާ މެދު ގޮތެއް ނިންމަން އަދި އަވަސް ކަމަށް މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ވެލެންސިއާ މެޗުން ލީގާ މެދު ގޮތެއް ނިންމަން އަަވަސް: ވިޑަކޮވިޗް
ވެލެންސިއާ މެޗުން ލީގާ މެދު ގޮތެއް ނިންމަން އަަވަސް: ވިޑަކޮވިޗް

ފުރަތަމަ ބުރުގެ ހުރިހާ މެޗަކަށް ފަހު މާޒިޔާ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާ ދެ ވަނައިގައި އޮތީ ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރަށް ހަތް މެޗުން 12 ޕޮއިންޓާ އެކު އެވެ.

ވެލެންސިއާ ބަލިކޮށްގެން މާޒިޔާ އަށް އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އޮތްއިރު، ވިޑަކޮވިޗްގެ ވިސްނުން ހުރީ ލީގުގެ އެހެން މެޗެކޭ އެއްގޮތަށް މާ ދުރަށް ވިސްނުމެއް ނެތި މި މެޗުން މޮޅުވުމަށެވެ.

"ވަރަށް ބައިވަރު މެޗު އެބައޮތް. އަހަރެމެން ވެސް 21 މެޗު ކުޅެގެން މި ނިމެނީ. ހަތް މެޗު މި ކުޅެވުނީ. އެހެންވީމާ ވަރަށް ބައިވަރު ކަންތައް ވާން އަދި ފުރުސަތު އެބައޮތް މި ލީގުގައި. ނޯމަލް މެޗެއްގެ ގޮތުގައި މެޗުން މޮޅުވުން މީގެ އެންމެ ރަނގަޅު ގޮތަކީ. އަހަރެމެން ވިސްނައިގެން ނުވާނެ ބަލިވީމަ ނޫނީ މޮޅުވީމަ ދެން ވާނެ ގޮތަކަށް. ފުރަތަމަ މި މެޗު ރަނގަޅަށް ކުޅެންވީ،" މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުންޏެވެ.

މި ލީގުގައި މިހާތަނަށް ފެނިފައިވާ ކަންތައްތަކަށް ބަލާއިރު ކޮންމެ ޓީމަކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމަށް ވިޑަކޮވިޗް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އޭނާ ބުނީ މާޒިޔާ މެޗަކުން ބަލިނުވެ އޮތްއިރު، އެ ޓީމާ ދެކޮޅަށް ކުޅެން ކޮންމެ ޓީމެއް ވެސް އަންނަނީ ޑިފެންސްކޮށްގެން ތިބެފައި ކައުންޓަ އެޓޭކަށް ވިސްނައިގެން ކަމަށެވެ.

"ކުރިން ވެސް ބުނިހެން ކޮންމެ ޓީމެއް ވެސް މި ކުޅެނީ ވަރަށް އެއް ކަހަލަ ގޮތަކަށް މާޒިޔާއާ ދެކޮޅަށް. ވަރަށް ޑީޕްކޮށް ޑިފެންސްކޮށްފައި. އަހަރެމެންނަށް އޮތް އަނެއް އުނދަގުލަކީ ކުޅެން ބޭނުންވާ ގޮތަށް އެކަން ކުރަން ދަނޑުވެސް ރަނގަޅަކަށް ނޫން އޮތީ. އެޓޭކްކުރުމަށް ވުރެ މި ދަނޑުގައި ޑިފެންސްކުރަން ފަސޭހަކޮށް އޮންނަނީ،" ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗް ބުނީ އޭނާ ހަވާލުވި ފަހުން ކުޅުނު ތިން މެޗުގައި މާޒިޔާގެ ކުޅުން މެޗަކަށް ފަހު މެޗެއް ރަނގަޅު ކަމަށެވެ. ދެން ބޭނުންވަނީ ބޯޅަ ހިފަަހައްޓައިގެން އެނާ ބޭނުންވާ ސްޓައިލަށް ކުޅޭއިރު، މަތިން ކުޅޭ ބޯޅަތައް މަދުކޮށް ވީހާވެސް ބޮޑަށް ތިިބި ކުޅުންތެރިންގެ ބޭނުންހިފައި ނަތީޖާ ނެރުމަށް ކަމަށް ވިޑަކޮވިޗް ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އާއި ވެލެންސިއާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗަކީ މާޒިޔާގެ ކޯޗެއްގެ ގޮތުގައި މުހައްމަދު ނިޒާމް (ނިޒާމްބެ) ފެނުނު ފަހު މެޗެވެ. ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ވިޑަކޮވިޗް މާޒިޔާއާ ހަވާލުވި ފަހުން އެ ޓީމު ކުޅުވާ ސްޓައިލް ވެސް ފެނިފައިވާ ކަމަށާއި މީގެ ވެލެންސިއާ އިން ޕްލޭނެއް ހަދާނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށެވެ.

"ވެލެންސިއާ ނުކުންނައިރު ވެސް އެބަ އެނގޭ މާޒިޔާ އަކީ މި ލީގުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމުކަން. ވެލެންސިއާ އެއް ވަނަ ނޫނީ ދެ ވަނައިގައި އޮތުމަށް މި ތިން ޕޮއިންޓް ވަރަށް މުހިއްމު،" އާތީ ބުންޏެވެ.

"މި މެޗުގެ ނަތީޖާ އަކީ ދެ ޓީމަށް ވެސް ވަރަށް މުހިއްމު ނަތީޖާ އެއް. އެހެން ނަމަވެސް މި މެޗުން ބަލިވާ ޓީމަކީ ޕޮއިންޓް ޓޭބަލްގެ އެއް ވަަނަ ދެ ވަނައިގައި ހިފަހައްޓައިނުލެވޭނެ ޓީމެއް ނޫން. މި ވަގުތު ޕޮއިންޓް ޓޭބަލުން ފެންނައިރު ތަފާތުތަކެއް ފެނިދާނެ. ރައުންޑް ނިމޭއިރު ރަނގަޅު ހިސާބުގައި މި ދެ ޓީމު ވެސް އިންނާނީ. ގައިމު ވެސް ވެލެންސިއާ އިންނާނެ،"

އާތީ ބުނީ މުޅި ލީގަށް ބަލާކަމަށްވާނަމަ ފުރަތަމަ ބުރު ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އެއީ ލީގު ފަށައިގެން މާޒިޔާ އާއި ވެލެންސިއާ ލީޑެއް ނެގި ނަމަވެސް ފަހުން އެހެން ޓީމުތަކުން ކުޅުން ރަނގަޅުކޮށް ފަރަގުކުޑަކުރި ކަމަށެވެ. އެ ގޮތަށް ބަލާއިރު ލީގުގެ ދެ ވަނަ ބުރު ނިމޭއިރު ޕޮއިންޓް ޓޭބަލް އިންނާނީ ވަރަށް ބޮޑަށް ޓީމުތައް ދާންޖެހޭ މިސްރާބު ފެންނަގޮތަށް ކަމަށް އާތީ ގަބޫލުކުރެ އެވެ.

"ޕޮއިންޓް ޓޭބަލް މިހާރު އިން ގޮތުން އެއްވެސް ޓީމަކަށް އެއްވެސް މެޗަކުން ޕޮއިންޓެއް ގެއްލެން ކަމުދާ ކަހަލަ ގޮތަކަށް ނޫން މިއިނީ. ވަރަށް ޗެލެންޖިން ވަރަށް ކައިރި ކައިރީގައި މީނީ. އެއް މެޗުން މޮޅުވާއިރަށް ދެ ސްޓެޕްވަރު ޖަމްޕް ކުރެވޭ ކަހަލަ ގޮތަކަށް މީނީ. ވެލެންސިއާ މޮޅުވެއްޖިއްޔާ މާޒިޔާއާ އެއްވަރުވީ. މާޒިޔާ މޮޅުވެއްޖިއްޔާ މާޒިޔާ ބޮޑު ލީޑަކަށް ދިޔައީ. ވެލެންސިއާ ބަލިވެފައި ދަ ގްރާންޑޭ މޮޅުވެއްޖިއްޔާ އެ ޓީމު ދެ ވަނަ އަށް ދިޔައީ،" އާތީ ބުންޏެވެ.

"މިހާރު ޕޮއިންޓް ޓޭބަލް މި އިން ގޮތުން އެއްވެސް ޓީމެއް މެޗަކަށް އޯޕަންކޮށް އައިސްފާނެ ކަމަށް ނުބެލެވޭ. މާޒިޔާ ވެސް ވެލެންސިއާއާ ދެކޮޅަށް އެގޮތަށް އައިސްފާނެ ކަމަށް ނުބެލެވޭ،"

ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަދިވެސް އެއްކޮށް ފިޓް ނޫން ކަމަށާއި އޭގެ އިތުރުން އެހެން ދެ ކުޅުންތެރިއަކަށް ވެސް އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އާތީ ބުންޏެވެ. އެކަމަކު އެންމެ ފަހުން ކުޅުނު މެޗަށް ސަސްއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ މި މެޗުގައި ވެސް ބޭނުންކޮށްފާނެ ކަމުގެ އިޝާރާތެއް އާތީ ވަނީ ދީފަ އެވެ. ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4:05 ގަ އެވެ.