ހިންނަވަރު ސިއްހީ މަރުކަޒު ހަދަން އެތައް ބަޔަކަށްދީ، ދައުލަތަށް ގެއްލުން
ހިންނަވަރު ސިއްހީ މަރުކަޒު ހަދަން އެތައް ބަޔަކަށްދީ، ދައުލަތަށް ގެއްލުން

ޅ. ހިންނަވަރު ސިއްހީ މަރުކަޒު އިމާރާތްކުރަން ހަވާލު ކުރުމުގައި މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން، 2016 ވަނަ އަހަރު 10.4 މިލިއަން ރުފިޔާ އަށް ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޑެޓާ ހިންނަވަރުގެ ސިއްހީ މަރުކަޒު ހަވާލުކުރި ނަމަވެސް އޭގެ އަނެއް އަހަރު އެ އެއްބަސްވުން ބާތިލްކޮށް އެމްއާރްޑީސީއާ އެ މަސައްކަތް ހަވާލުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނިއަރިން އަތުން އެ ޕްރޮޖެކްޓް އަތުލީ ބަޖެޓުގައި އެ މަޝްރޫއު އަށް ފައިސާ ނެތް ކަމަށް ބުނެ އެވެ. އޮޑިޓް އޮފީހުން ބުނީ ބަޖެޓުގައި ފައިސާ ނެތި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފު ކަމަށެވެ.

އޮޑިޓް އޮފީހުން ބުނީ މި ޕްރޮޖެކްޓް 2017 ވަނަ އަހަރު އެމްއާރްޑީސީއާ ހަވާލުކޮށްފައި ވަނީ އަށް މިލިއަން ރުފިޔާ އަށް ކަމަށާއި މަސައްކަތް ފެށުމުގެ ކުރިން އެޑްވާންސްކޮށް އެއް މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް އެމްއާރްޑީސީން ވަނީ ވިލުކޮޅު މޯލްޑިވްސް އަށް ސަބްލީޒްކޮށްފަ އެވެ. މިއީ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު މުބީންގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ބުނީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް މި މަސައްކަތް ހަވާލު ކުރީ ބިޑު ކުރުމުގެ މަރުހަލާ ކުރިއަށް ނުގެންގޮސް ވަކި ފަރާތަކަށް ހަވާލު ކުރަންކަން ބުނުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެމްއާރްޑީސީއާ މަސައްކަތް އޭރު ހަވާލުކުރި ނަމަވެސް އޭޕްރީލް 2018 ވަނަ އަހަރު އެ ކުންފުނި އުވާލުމާ ގުޅިގެން އެ މަސައްކަތް ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އަދި މި ޕްރޮޖެކްޓަށް 2.7 މިލިއަން ރުފިޔާ ހަރަދުކުރި ފަހުން މަސައްކަތް ނުނިމުނު ކަމަށް ބަލައި ނޮވެމްބަރު 2018 ވަނަ އަހަރު ވިލުކޮޅު މޯލްޑިވްސްގެ އަތުން އެ ޕްރޮޖެކްޓް އަތުލި އެވެ. މީގެ އިތުރުން އެ ކުންފުނިން އޭރު ހަދާފައިވާ ހެލްތު ސެންޓަރުގެ ސްޓީލް ސްޓްރަކްޗާގެ ބަލިކަށިކަމުން އެ މަސައްކަތަށް އިތުރު 24،000ރ. ވެސް ދައުލަތުން 2019 ވަނަ އަހަރު އިތުރަށް ހޭދަކުރަން ޖެހުނެވެ.