27 ޖެނުއަރީ 2021 - 07:17

ޓްވިޓާގައި ހިއްސާކުރާ ވާހަކަތަކުގެ ތެދު ދޮގު ކަށަވަރުކުރުމަށްޓަކައި އެ ބޭނުންކުރާ މީހުންނަށް "ފެކްޓް-ޗެކްކުރަން" "ބާޑްވޮޗް" ގެ ނަމުގައި ހޯމަ ދުވަހު ޕްރޮގްރާމެއް ފަށައިފި އެވެ.
ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ފެށި "ބާޑްވޮޗް" މި ވަގުތު ކުރިއަށް ގެންދަނީ އެމެރިކާގައި އެ ޕްލެޓްފޯމް ބޭނުންކުރާ 100 އެއްހާ މީހުން ބޭނުންކޮށްގެންނެވެ.
"ބާޑްވޮޗް" ގައި ވާ ގޮތަކީ މީސްމީހުން ކޮށްފައި ހުންނަ ޓްވީޓްތަކާއި ޝެއާކޮށްފައި ހުންނަ ލިޔުންތަކާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްދީ، އެ އެއްޗެހީގެ ތެދުދޮގު ކަށަވަރުކޮށް ދޭން މަގުފަހިކޮށް ދިނުމެވެ. އަދި އެ އެއްޗެހީގައި މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ނޯޓް ވެސް ލިޔެވޭނެ އެވެ. އެކަމަކު އެ ނޯޓްތައް އާންމުކޮށް ފެންނާކަށް ނުހުންނާނެ އެވެ. ފެންނާނީ ހަމައެކަނި ޓްވިޓާގެ ރަސްމީ ފަރާތްތަކަށެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ ކުރިން ވެސް އަހަރެމެން މަސައްކަތްކުރަމުން އައި ގޮތަށް ސައްހަ ނޫން މައުލޫމާތުތަކުން ޓްވިޓާ ބޭނުންކުރާ މީހުން ރައްކާތެރިކޮށް ދިނުން." ޓްވިޓާގެ ޕްރޮޑަކްޓްގެ ވައިސް ޕްރެޒިޑަންޓް ކީތު ކޯލްމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ބާޑްވޮޗް" ވާނީ ވީހާ ވެސް އަވަހަކަށް މައުލޫމާތުތަކުގެ ތެދުދޮގު ކަށަވަރުކޮށް ދޭނެ އެއްޗަކަށެވެ.
ޓްވިޓާގެ އަމާޒަކީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި "ބާޑްވޮޗް" ހިންގުމަށް ފަހު، މިހާރު ލިބޭ ހިޔާލާއި ލަފާތަކަށް ރިއާޔަތްކޮށް އާންމުކޮށް ޓްވިޓާ ބޭނުންކުރާ މީހުންނަށް އެ ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.
"މިއީ ޓްވިޓާ ކޮމިއުނިޓީ ބައްޓަންވުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމަކަށްވާނެ." ކީތު ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި "ބާޑްވޮޗް" ޕްރޮގްރާމް ފުޅާކުރަން ނިންމާފައިވާތީ ތިރީގައި އޮތް ލިންކުން އޭގައި ބައިވެރިވެވިދާނެ އެވެ.