26 ޖެނުއަރީ 2021 - 13:46

ޖިއްދާ (ޖެނުއަރީ 26) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑުތަކަށް ފެތޭ އެންމެ ރަނގަޅު ސިޓީތަކުގެ ތެރޭގައި ސައުދީ އަރަބިއާގެ މުގައްދަސް މަދީނާ ހިމެނިއްޖެ އެވެ.
ކީރިތި ރަސޫލާގެ މިސްކިތް ހުންނަ މަދީނާ އަށް ޒިޔާރަތް ކުރި ޑަބްލިއުއެޗްއޯގެ ޓީމަކުން ބުނެފައި ވަނީ ސިއްހީ މިންގަނޑަކަށް ފެތޭ ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް މަދީނާގައި ފުރިހަމަވެފައިވާ ކަމަށެވެ. މަދީނާ އަކީ ޑަބްލިއުއެޗްއޯގެ ސިއްހީ މިންގަނޑުތަކަށް ފެތޭ ސިޓީ ޕްރޮގްރާމުގައި ހިމެނުނު ދެ މިލިއަނުން މަތީގެ އާބާދީއެއް އޮންނަ ފުރަތަމަ ސިޓީ އެވެ.
ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ސިޓީތައް ކަނޑައެޅުމުގައި 22 ގައުމެއްގެ ސަރުކާރާއި ޗެރިޓީ އަދި ވޮލަންޓިއާ އެޖެންސީތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ޑަބްލިއުއެޗްއޯގެ ސިއްހީ މިންގަނޑަށް ފެތޭ ސިޓީތަކުގެ ތެރޭގައި މީހުންގެ ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމާއި އިޖްތިމާއީ ވެށި ތަރައްގީވުމާއި މުޖްތަމައުގެ ވަސީލަތްތައް ފުޅާވުމާއި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ މިންވަރު ހިމެނެ އެވެ. ޑަބްލިއުއެޗްއޯގެ ސްކީމުގެ ބޭނުމަކީ ތިމާވެއްޓާއި އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމުން ސިއްހަތަށް އަސަރުކުރާ މިންވަރު ކުޑަކުރުމެވެ.