އިންޑިއާގެ ވަރުގަދަ ޝަހުސިއްޔަތެއް "އޮޅިއްޖެ"
އިންޑިއާގެ ވަރުގަދަ ޝަހުސިއްޔަތެއް "އޮޅިއްޖެ"

އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ކުރީގެ މަޝްހޫރު ސިޔާސީ ޝަހުސިއްތެއް ކަމަށްވާ ސުބާޝް ޗަންދުރަ ބޯސްގެ 125 ވަނަ އުފަން ދުވަހާ ދިމާކޮށް ސަރުކާރުން ދައްކާލި ހާއްސަ ކުރެހުމެއްގައި އިނީ "އެހެން މީހެއް" ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ޖޯކް ޖަހައިފި އެވެ

މި މަހުގެ 23 ވަނަ ދުވަހު ޗަންދުރަ ބޯސްގެ ފޮޓޯއެއް "ޕަރަކްރަމް ދިވާސް" ގެ ނަމުގައި ދައްކައިލީ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދެވެ. މި ފޮޓޯގެ ވާހަކަ ރައީސްގެ ރަސްމީ ޓްވިޓާގައި އެކައުންޓްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އެއާއެކު ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ވަނީ ސަރުކާރަށް އެ އޮތީ އަސްލު މީހާ އޮޅިފައި ކަމަށް ބުނެ ޖޯކް ޖަހައިފަ އެވެ. ރައީސް ދެއްކެވި ފޮޓޯގައި އަސްލު އިނީ ސުބާޝް ޗަންދުރަ ބޯސް އަށް ބިނާކޮށް ހެދި ފިލްމެއްގައި އޭނާގެ ރޯލު ކުޅުނު ބެންގާލީ އެކްޓަރު ޕްރޮސެންޖީތު ސިފަވާ ކުރެހުމެކެވެ. އޭނާ ޗަންދުރަ ބޯސްގެ ރޯލު ކުޅުނީ 2019 ގެ ބައޮގްރަފިކަލް ޑްރާމާ "ގުމްނަމީ" ގަ އެވެ.

ޓްވިޓާގައި ފޮޓޯ އަށް ޖޯކް ޖެހި މީހުން ބުނެފައިވާ ގޮތުގައި އޭގައި އިން މީހާގެ ލޮލަށް ރަނގަޅަށް ބަލައިފި ނަމަ އެއީ ސީދާ ޕްރޮސެންޖީތުކަން އެނގޭނެ އެވެ. އަދި އެ ކުރެހުމުގެ އަސްލަކަށް ބެލި ފޮޓޯ އާއި ޕްރޮސެންޖީތުގެ ފޮޓޯ ވެސް ބައެއް މީހުން ޓްވިޓާގައި ޕޯސްޓްކޮށްފައިވެ އެވެ.

ބައެއް މީހުން ބުނީ މި ގޮތަށް މީހުން އޮޅޭ ނަމަ ސަރުކާރުން ބަގަތު ސިންގްގެ ގޮތުގައި އަޖޭ ދޭވްގަން ވެސް ދައްކައިފާނެ ކަމަށެވެ. މިނިވަންކަމަށް މަސައްކަތްކުރި ބަގަތު ސިންގްގެ ރޯލު އަޖޭ ކުޅުނީ 2002 ގެ ފިލްމު "ދަ ލެޖެންޑް އޮފް ބަގަތު ސިންގް" ގަ އެވެ. އަދި ހަމަ އެގޮތަށް މަހާތުމާ ގާންދީގެ ގޮތުގައި އޭނާގެ ރޯލު ކުޅުނު ހޮލީވުޑްގެ އެކްޓަރު ބެން ކިންގްސްލީ އާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލު 2019 ގެ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގައި ކުޅުނު ވިވެކް އޮބެރޯއީ މޯދީގެ ގޮތުގައި ސަރުކާރުން ދައްކައިފާނެ ކަމަށް ބައެއް މީހުން ބުނެ މަލާމާތްކޮށްފައިވެ އެވެ.

މި ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، ވެރިކަންކުރާ ބީޖޭޕީގެ ބައެއް އޮޮފިޝަލުން ވަނީ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށް ބުނެފަ އެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި ރައީސް ދައްކައިލެއްވި ފޮޓޯ އަކީ ޕަދުމާ ޝްރީ އެވޯޑް ވެސް ހާސިލުކޮށްފައިވާ އިންޑިއާގެ ކުރެހުންތެރިޔާ ޕަރޭޝް މައިތީ، 56، ގެ ކުރެހުމެކެވެ. އަދި އޭނާގެ އެ ކުރެހުމަކީ ސުބާޝް ޗަންދުރަ ބޯސްގެ އާއިލާ އިން ފޯރުކޮށް ދިން ތަސްވީރެއް އަސްލަކަށް ބަލައިގެން ކުރަހާފައި އިން އެއްޗެއް ކަމަށް ވެސް ބުންޏެވެ.

ބީޖޭޕީން ބެންގާލަށް ކަނޑައަޅާފައި ހުންނަ ސޯޝަލް މީޑިއާ ޗީފް އަމިތު މަލްވިޔާ ވަނީ ސުބާޝް ޗަންދުރަ ބޯސްގެ ކުރެހުމުން ސިފަކޮށްދެނީ ޕްރޮސެންޖީތު ކަމަށް ބުނާތީ އެކަމަށް ފާޑުކިޔާ މީހުންނަށް ރައްދު ވެސް ދީފަ އެވެ. އޭނާ ބުނީ އެހެން ހީވެހެން އުޅެނީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރުގެ މަމްތާ ބެނަޖީގެ ފަހަތުން އުޅޭ މީހުންނަށް ކަމަށާއި މިކަމުން ވެސް އެނގެނީ އެ މީހުންގެ ގަމާރުކަން ކަމަށެވެ.