26 ޖެނުއަރީ 2021 - 23:41

ލަންޑަން (ޖެނުއަރީ 26) - ޗެލްސީގެ ކޯޗުކަމުން ހޯމަ ދުވަހު ވަކިކުރި ފްރޭންކް ލަމްޕާޑްގެ މަގާމަށް މިދިޔަ މަހު ޕީއެސްޖީން ދޫކޮށްލި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ރޭ ހަމަޖައްސައިފި އެވެ.
ޗެލްސީން ޓުޗެލް ގެނައީ 18 މަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިންގްލެންޑުން އަަމަލުކުރަމުން އަންނަ ކޮވިޑް-19ގެ އުސޫލުގެ ދަށުން ޓުޗެލް ވަނީ ރޭ ކޮވިޑް-19 އަށް ޓެސްޓްކޮށް ނެގެޓިވްވުމުން ޗެލްސީގެ ފަރިތަކުރުންތަކެއް ބާއްވައިފަ އެވެ. ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މިރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަަށް ކުޅޭ މެޗެވެ.
ޗެލްސީ އަށް ކުރިން ކުޅުނު ލަމްޕާޑް އެ ޓީމާ ހަވާލުވިތާ 18 މަސް ދުވަސް ފަހުން ވަކިކުރަން ނިންމީ މި ސީޒަނަށް ބޮޑު ހަރަދުކޮށްގެން ތައްޔާރުވި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވޭތީ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ޗެލްސީ މޮޅުވީ އެންމެ މެޗަކުންނެވެ. ލަމްޕާޑް ބުނީ އޭނާ އަށް ޓީމު ދެން އޮތް ލެވަލަށް ގެންދަން އެކަށީގެންވާ ވަގުތު ނުދޭ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކުރަން ނިންމީ ކްލަބްގެ ބޯޑު މެމްބަރުންގެ މެޖޯރިޓީ އޭނާއާ ދެކޮޅުވުމުގެެ އިތުރުން ޗެލްސީގެ ޑިރެކްޓަރު މަރީނާ ގްރަނޮވްސްކައިއާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ.
އުމުރުން 47 އަހަރުގެ ޓުޗެލް ޕީއެސްޖީއާ ހަވާލުވީ 2018 ވަނަ އަހަރު ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މިދިޔަ ސީޒަނުގައި ޓުޗެލްގެ ކޯޗުކަމުގައި ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނެވެ. އެއީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ. އެ ފައިނަލުން ބަލިވިތާ ހަތަރު މަހެއްހާ ދުވަސް ފަހުން ޕީއެސްޖީން ޓުޗެލް ވަކިކުރީ މި ސީޒަނުގައި އެ ޓީމުގެ ނަތީޖާ އެންމެ ރަނގަޅު ނޫން ކަމަށް ބަލައިފަ އެވެ. ޕީއެސްޖީގެ ކޯޗަކަށް ގެންދިޔައީ ކުރިން ޓޮޓެންހަމްގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އެވެ.
އޯގްސްބާގުން 2007 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޓުޗެލް ވަނީ އެއް އަހަރު ފަހުން މައިންޒާ ހަވާލުވެފަ އެވެ. ޑިފެންޑަރަކަށް ކުޅުނު ޓުޗެލް ކޯޗިން ކެރިއަރުގައި ބޮޑަށް ފާހަގަވާން ފެށީ 2015 ވަނަ އަހަރު ޑޯޓްމަންޑާ ހަވާލުވި ފަހުންނެވެ. އެ ޓީމަށް 2017 ވަނަ އަހަރު ޖަރުމަނު ކަޕް ކާމިޔާބުކޮށްދިނެވެ. ޕީއެސްޖީއާ އެއް އަހަރު ފަހުން ގުޅުމަށް ފަހު އެ ޓީމާ އެކު ހަ މުބާރާތް ކާމިޔާބުކުރި އެވެ.
ޓުޗެލް އަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް، 2003 ވަނަ އަހަރު އެ ކްލަބް ގަތް ފަހުން އެ ޓީމާ ހަވާލުވި 11 ވަނަ ފުލްޓައިމް ކޯޗެވެ. އަދި ސީޒަނެއްގެ މެދުތެރެއިން އެ ޓީމާ ހަވާލުވި ފަސް ވަނަ ކޯޗެވެ. ޗެލްސީގެ ކޯޗުކަމަށް މީގެ ކުރިން ސީޒަނުގެ މެދުތެރެއިން ގެނައި ކޯޗުންނަކީ އަވްރަމް ގްރާންޓް، ރޮބާޓޯ ޑި މަޓެއޯ، ގޫސް ހިޑިންކް އަދި ރަފައެެލް ބެނިޓޭޒް އެވެ. މީގެ ތެރެއިން ހިޑިންކް ވަނީ ސީޒަނެއްގެ މެދުތެރެއިން ދެ ފަހަރެއްގެ މަތިން ޗެލްސީއާ ހަވާލުވެފަ އެވެ.