26 ޖެނުއަރީ 2021 - 10:49

ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް ނޭދެވޭ އަސަރު ކޮށްފައިވާ ރާއްޖޭގެ މަސައްކަތްތެރިންނަށް އެހީވުމަށް ވޯލްޑް ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
ވޯލްޑް ބޭންކުން އިތުރަށް ހަމަޖެއްސި މި ފައިސާ ހޭދަކުރާނީ "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާކުރުމަށެވެ. މިއީ ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދޭ އެހީ އެކެވެ.
ވޯލްޑް ބޭންކުން އިތުރަށް ހަމަޖެހުނު ފައިސާއާ އެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 34.4 މިލިއަން ޑޮލަރު ލިބުނީ އެވެ. އޭގެ ތެރޭގައި، އައިޑީއޭ އިން ދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ވެސް ހިމެނެ އެވެ. މިދިޔަ އަހަރުގެ އޭޕްރީލްގައި ވޯލްޑް ބޭންކުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައިވެ އެވެ.
މީގެ އިތުރުން ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީ އާއި ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއަށް ނުވަ ލައްކަ ޑޮލަރު ދީފައިވެ އެވެ.
މި ވަގުތު ރާއްޖޭގައި ވޯލްޑް ބޭންކްގެ 148 މިލިއަން ޑޮލަރުގެ 10 މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ކޮވިޑްގެ ހާލަތަށް ބަލާއިރު ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި މިކަންކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ހައްލެއް އަންނަން ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކާއި ދިވެހިރާއްޖޭގައި ވެސް ވައިރަސް ފެތުރިފައިވާ މިންވަރުގެ ސަބަބުން، ފިނިމޫސުމުގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައި ވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމަށް ހޮޓާތަކާއި ރިސޯޓްތަކުން އަންދާޒާކުރޭ. ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ ކުޑަ މުސާރައަކާ އެކު ޗުއްޓީގައި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ވަނީ ގެއްލިފައި،" އޭނާ ވިދާޅުވި އެވެ.
ވަޒީފާ ގެއްލުނު މީހުންނަށް ވޯލްޑް ބޭންކް މެދުވެރިކޮށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 10.3 މިލިއަން ޑޮލަރު ވަނީ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދީފަ އެވެ. މި އެހީން، އަމިއްލަ މަސައްކަތްކުރާ މީހުންނާއި ނުރަސްމީ ދާއިރާތަކާއި ރަސްމީ އެއްބަސްވުންތައް ނެތް ގޮތަށް މަސައްކަތްކުރާ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.