ހިލަރީ އާއި ޓްރަމްޕް: އެންމެ ފަހު ކެމްޕޭނުގައި
ހިލަރީ އާއި ޓްރަމްޕް: އެންމެ ފަހު ކެމްޕޭނުގައި

ވޮޝިންޓަން (ނޮވެމްބަރު 8) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިއަދު ވޯޓުލާން ފަށާއިރު ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަރަށް އަވަދިނެތި އުޅުއްވީ ސްވިންގް ސްޓޭޓް ނުވަތަ ނަތީޖާ އެންމެ ހަމަހަމަ ކަމަށް ބެލެވޭ ސްޓޭޓްތަކުގެ ކެމްޕޭނުގަ އެވެ.

ހިލަރީ އާއި ޓްރަމްޕް: އެންމެ ފަހު ކެމްޕޭނުގައި
ހިލަރީ އާއި ޓްރަމްޕް: އެންމެ ފަހު ކެމްޕޭނުގައި

ނޯތު ކެރޮލީނާ، ޕެންސިލވޭނިއާ އަދި މިޝިގަންގައި ކެމްޕޭން ކުރައްވަމުން ހިލަރީ ވަނީ އެކަމަނާގެ ސަޕޯޓަރުންނަށް އުއްމީދުތަކެއް ދެއްވައިފަ އެވެ. ޓްރަމްޕް ވަނީ އެމެރިކާގައި އޮތް ކަރަޕްޓް ނިޒާމް ބަލިކޮށްލެވޭނެ ކަމުގެ ބޮޑު އުއްމީދެއް އޮތް ކަމަށް ވިދާޅުވެފަ އެވެ. ފިލެޑެލްފިއާ، ޕެންސިލްވޭނިއާގައި ހިލަރީ ބޭއްވެވި ކެމްޕޭނުގައި ވަނީ ބްރޫސް ސްޕްރިންޓީން އަދި ޖޮން ބޮން ޖޯވީ ފަދަ މަޝްހޫރު ފަރާތްތައް ބައިވެރިވެފަ އެވެ. ޓްރަމްޕް ކެމްޕޭނުގެ ފަހު އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިޝިގަންގަ އެވެ.

އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން ހިލަރީ އުޅުއްވަނީ ހަތަރު ޕޮއިންޓުގެ ލީޑެއްގަ އެވެ. އެމެރިކާގައި ވޯޓުލާން މިއަދު ފަށާއިރު (ރާއްޖޭ ގަޑިން މިރޭ) އާލީ ވޯޓިންގައި ރެކޯޑް އަދަދެއް ކަމަށްވާ 44.9 މިލިއަން މީހުން ވަނީ ޕޯސްޓުންނާއި ޕޯލިން ސްޓޭޝަންތަކަށް ގޮސް ވޯޓުދީފަ އެވެ. ހިސްޕޭނިކް ދަރިކޮޅުގެ މީހުން ވެސް ވަނީ ގިނަ އަދަދަކަށް ވޯޓުދީފަ އެވެ. އެއީ ހިލަރީ އަށް ލިބޭ އެޑްވާންޓޭޖެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ހިލަރީ ދެއްވި ރޭޑިއޯ އިންޓަވިއުއެއްގައި އެކަމަނާ ވަނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގައުމު އެކަތިގަނޑަކަށް ހެދުމަށް ޓްރަމްޕަށް ބިނާކުރަނިވި ރޯލެއް އަދާ ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ފްލޮރިޑާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ހިލަރީ އަކީ އެމެރިކާގެ ވެރިކަމަށް ވާދަކުރެއްވި އެންމެ ކޮރަޕްޓް މީހާ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި އެ ވަނީ ޚާރިޖީ ވަޒީރު ކަމުގައި އެކަމަނާގެ އަމިއްލަ އީމެއިލް ސާވާ ބޭނުން ކުރި މައްސަލައިގައި އެފްބީއައި އިން ކުރިއަށް ގެންދިޔަ ތަހުގީގަށެވެ. އެކަމަކު އެފްބީއައި އެންމެ ފަހުން ކުރިއަށް ގެންދިޔަ މައްސަލަ އިން އެކަމަނާ އިއްޔެ ސާފުވުމާ ގުޅިގެން ކެމްޕޭނަށް ވަނީ އިތުރު ބާރެއް ލިބިފަ އެވެ.