26 ޖެނުއަރީ 2021 - 09:59

ލަންޑަން (ޖެނުއަރީ 26) - ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުގެ ތެރެއިން ޔޫރަޕްގެ އެންމެ މުއްސަނދި 20 ކްލަބަށް މި ސީޒަނުގެ ނިޔަަލަށް 2.3 ބިލިއަން ޑޮލަރު (1.7 ބިލިއަން ޕައުންޑް)ގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ މިދިޔަ އަހަރު މާޗް މަހު ގިނަ ގައުމުތަކެއް ލޮކްޑައުން އަކަށް ގޮސް ފުޓްބޯޅަ ކުޅުން ތިން މަހެއްހާ ދުވަހަށް މެދުކަނޑާލި އެވެ. އަލުން މެޗުތައް ފަށައިގެން މިހާތަނަށް ވެސް މެޗުތައް ކުޅެމުން އަންނަނީ ދަނޑަށް ސަޕޯޓަރުން ނުވައްދަ އެވެ. މީގެ ސަބަބުން އާމްދަނީ އެތައް ގުނައެއް ދަށަށް ގޮސްފައިވާ ކަމަށް ކްލަބްތަކުން އަންނަނީ ބުނަމުންނެވެ.
ޑެލޮއިޓް ފުޓްބޯލް މަނީ ލީގުން އެންމެ ފަހުން ކުރި ސާވޭ އިން ދައްކާ ގޮތުގައި މިދިޔަ ސީޒަަން ދިގުލައިގޮސް ފަހުން ސީޒަން ފުރިހަމަކުރަން ކުރި މަސައްކަތުގެ ތެރޭގައި ޔޫރަޕްގެ އެ 20 ކްލަބަށް 1.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވި އެވެ. މިއީ ސަޕޯޓަރުން ވައްދައިގެން ލިބޭ އާމްދަނީގެ އިތުރުން ބްރޯޑްކާސްޓް ކޮށްގެން ލިބޭ ފައިސާ އަށް ބަލާއިރު ކުރިމަތިވި ގެއްލުމެކެވެ. މި އަދަދު މި ސީޒަނުގެ ނިޔަލަށް އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ ސީޒަނުގެ ފަހު މެޗުތައް ކުޅެން ޖެހުނު ހާލަތުގައި މި ސީޒަން އެއްކޮށް ފުރިހަމަކުރަން ޖެހިއްޖެނަމަ ކްލަބްތަކަށް ލިބޭ ގެއްލުން އުޅޭނީ 2.3 ބިލިއަން ޑޮލަރުގައި ކަމަށް ފުޓްބޯޅައިގެ މާލީ ކަންތައްތައް ދިރާސާކުރާ ގިނަ ތަޖުރިބާކާރުންގެ ރިޕޯޓްތަކާއި ޑެލޮއިޓް މަނީ ލީގުގެ ސާވޭ އިން ދައްކަ އެވެ.
ބްރޯޑްކާސްޓްކޮށްގެން ލިބޭ އާމްދަނީ އަށް ބަލާއިރު ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ކްލަބްތަކަށް ގެއްލުނު ފައިސާގެ އަދަދު އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ސީޒަނަށް ބަލާއިރު މެޗުތައް ކުޅޭ ދުވަހު ލިބޭ އާމްދަނީ އިން މުއްސަނދި 20 ކްލަބް އަތުން 311 މިލިއަން ޑޮލަރު މަދުވި އެވެ. އެކަމަކު ހުރިހާ މެޗެއް ލައިވްކުރުމުން ކޮމާޝަލް ރެވެނިއުގެ ގޮތުގައި އެ ކްލަބްތަކަށް 126 މިލިއަން ޑޮލަރު އިތުރުވި އެވެ. ކްލަބްތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވެސް ކޮމާޝަލް ރެވެނިއު އިންނެވެ.
އެންމެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ޑެލޮއިޓް މަނީ ލީގުގެ ސާވޭ އިން ދައްކާ 10 ޓީމަކީ ބާސެލޯނާ، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، މެންޗެސްޓާ ސިޓީ، ޕީއެސްޖީ، ޗެލްސީ، ޓޮޓެންހަމް އަދި ޔުވެންޓަސް އެވެ.