މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!
މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!

ކޮންކްރީޓް ބަރުކޮށްގެން ސައިޓުން ބިޔަ ވެހިކަލްތައް ކުއްލިއަކަށް ނުކުންނަ ތަން ފެނުމާ އެކު ހާސްވެ ސައިކަލްގެ ކޮންޓްރޯލް ގެއްލެނީ އެވެ. މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ވެހިކަލް ދުއްވަން ދަސްކުރާ މީހުންނަށް މިއީ ކޮންމެ ދުވަހަކު ކުރިމަތިވާ ނުރައްކަލެކެވެ. ގަޔާ ދިމާލަށް ވެހިކަލް އަންނަ ތަން ފެނުމުން ބިރުން ސައިކަލާ އެކު ބައެއް މީހުން ވެއްޓެނީ އެވެ. އަނެއް ބަޔަކު ސައިކަލާ އެކު ސައިޓުގެ ތެރެއަށް ވަދެ ގޮސް ޖެހެނީ ރެޑީ މިކްސް ޕްލާންޓުގަ އެވެ. ނުވަތަ އެތަނުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކަށް ވެސް އަރާފައި އެބަ ހުއްޓެވެ.

މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!
މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!

އެއްގަމު އުޅަނދުގެ ލައިސަންސަށް ދުއްވަން ފަރިތަކުރަން މިހާރު ޚާއްސަކޮށްފައި ވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ރެޑީ މިކްސް ހަދާ ސައިޓު ސަރަހައްދެވެ. ލައިސަންސް ނަގަން އަށެއް އަޅަން ފަރިތަކުރަނީ ސައިޓު ކުރިމަތީގަ އެވެ. އެއީ، މާލޭގައި ދުއްވާ އެންމެ ބޮޑެތި ވެހިކަލްތައް އަބަދު ވަދެ ނުކުމެ އުޅޭ ތަނެވެ.

މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!
މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!

އެ ސަރަހައްދުގައި މިހާތަނަށް ހިނގާފައިވާ ހާދިސާތަކުގައި އަނިޔާއަކާ އެކު ސަލާމަތްވަނީ އެވެ. އެކަމަކު، މިއީ މީހެއްގެ ފުރާނަ އަށް ނުރައްކާ ވުމުގެ ބިރު އިންތިހާ އަށް އޮތް ކަމެކެވެ.

މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!
މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!

"ބޮޑެތި ވެހިކަލް ނުކުންނަ ގަޑީގައި ނުފެނި ގޮސް ވެސް ސައިކަލެއްގައި ޖެހިދާނެ. މި ކަހަލަ ހާދިސާއެއްގައި، ކުޑަ އަނިޔާއަކުން ސަލާމަތެއް ނުވާނެ،" މި މައްސަލައިގައި ކަންބޮޑުވާ މީހަކު ބުންޏެވެ.

މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!
މަރުގެ އެތިފަހަރަކަށް ވެދާނެ؛ ރައްކާތެރިކަން ބޭނުންވޭ!

މާލޭގައި އިމާރާތްކުރަން ބޭނުންކުރާ ހުރިހާ ކޮންކްރީޓެއް ހަދާ އެތަނުގައި އެންމެ ބާރު ބޮޑުވަނީ ހަވީރުން ފެށިގެން ރޭގަނޑު 12 ޖެހުމާ ހަމައަށެވެ. މިއީ، އެންމެ ގިނައިން އެ ސަރަހައްދުގައި ފަރިތަކުރަން މީހުން އުޅޭ ވެސް ވަގުތެވެ.

ލައިސަންސް ނަގަން ކުރިން ޚާއްސަކޮށްފައި އޮތީ ކާނިވާ ސަރަހައްދެވެ. އެތަން އެކަމަށް ރައްކާތެރި އެވެ. އެކަމަކު ޑްރައިވިން ސްކޫލްތަކުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުވާން ޖެހުނީ ބޮޑު ތަކުރުފާނު މަގުގައި ތާރު އަޅައި މަގު ފުޅާކުރިއިރު، ލައިސަންސް ނަގާ ސަރަހައްދުން ވެސް ބޮޑު ބައެއް ހިމެނުމުންނެވެ. އެތަން މިހާރު ބޭނުންކުރަނީ ޕާކިން އަށެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި ފަރިތަކޮށްދޭން ޑްރައިވިން ސްކޫލްތަކުން ފެށީ، ދަސްކޮށްދޭ ބައެއް މީހުން ބުނިގޮތުގައި، އިތުރު ތަނެއް ނުދެއްކުމުންނެވެ. އެތަނުގައި އެކަން ކުރަނީ އެ ސަރަހައްދު އެކަމަށް ކަނޑައަޅައި ހުއްދަ ދީފައި އޮވެގެންނެއް ނޫނެވެ.

"އެންމެ ރަނގަޅު ސަރަހައްދުގައެއް ނޫން މިހާރު ކުރަން ޖެހިފައި މިއޮތީ. ޕްރޮފެޝަނަލްކޮށް ކުރެވޭނެ އެއްވެސް ގޮތެއް ނެތީ. ވެހިކަލްތައް މާ ގިނައިން ދުއްވާތީ މަގެއް [ކޯން ޖަހާ] ބަންދުކޮށްލައިގެން ވެސް އެބަ ކުރަން ޖެހޭ އެ ސަރަހައްދުގައި،" ޑްރައިވިން ސްކޫލެއްގެ ވެރިއަކު ބުންޏެވެ.

"ދަސްކުރާ މީހުން ވަރަށް ބިރުގަނޭ ވެހިކަލްތައް ސައިޓުން ނުކުމެ ވަދެ ހަދާތީ. މިގޮތަށް ހިނގި ހާދިސާތަކުގައި އަޅުގަނޑުމެންގެ އިންސްޓްރަކްޓަރުންނަށް ވެސް އެބަހުރި އަނިޔާ ލިބިފައި."

އޭނާގެ އަނެއް ކަންބޮޑުވުމަކީ އެއީ ތާރު އަޅާފައި އޮތް ސަރަހައްދަކަށް ވުމުން ބާރު ސްޕީޑުގައި ދުއްވާ މީހުން ގިނަވެ އެ ބިރު ވެސް ދަސްކުރާ މީހުންނަށް އޮތުމެވެ. މި ނުރައްކާތަކުގެ ތެރޭގައި ހިނގި އެކްސިޑެންޓުތަކުގައި ސައިކަލާ އެކު ގޮސް ޕާކުކޮށްފައި ހުންނަ އުޅަނދުތަކަށް އަރައި ގެއްލުންވުމުން ބޮޑު އަދަދުން ޖޫރިމަނާ ދައްކަން ޖެހިފައި ވެސް އެބަހުއްޓެވެ.

"ލައިސަންސް ނަގައިދޭން ޓްރާންސްޕޯޓްގެ މީހުން ތިއްބައި ވެސް އެބަހުރި މިކަހަލަ ކަންކަން ހިނގާފައި،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި އަގެއް ނަގައިގެން ނަމަވެސް ޑްރައިވިން ސްކޫލްތަކުން ދެނީ ޚިދުމަތެކެވެ. އެކަމަކު އެކަން ޕްރޮފެޝަނަލްކޮށް ކުރެވޭނެ ގޮތެއް ހަމަޖައްސައިދީފައި ނެތުމަކީ އެކަން ބަލައިނުގަތުން ކަމަށް ބުންޏެވެ.

ސައިކަލް ދުއްވަން ޑްރައިވިން ސްކޫލްތަކުން ދަސްކޮށް ނުދޭ ނަމަ ގަވާއިދާ ޚިލާފަށް މަގުތަކުގައި ދުއްވާ މީހުން ގިނަވާނެ ކަމަށް ވިދާޅުވި އެވެ.

ލައިސަންސް ނަގާ ސަރަހައްދުގެ ނުރައްކާ ހާލަތު، އެނގިފައިވާ ގޮތުގައި، އެސްޓީއޯ އިން ވެސް ވަނީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ. އެތަނުގައި ދުއްވާ ހެވީ ވެހިކަލެއްގެ ދަށުވެ މީހެއްގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުކަން އޮތީ ޓްރާންސްޕޯޓް މިނިސްޓްރީގެ ވެސް ސަމާލުކަމަށް ގެނެސްފަ އެވެ.

އިސްވެ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ އިރު، ލައިސަންސް ޓެސްޓަށް އެތަނަށް ދާ ޓްރާންސްޕޯޓުގެ އޮފިޝަލުންނަށް ވެސް އެތަނުގައި ދިމާވާ ހާދިސާތައް ފެންނާނެ އެވެ. މި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީން ހައްލު ހޯދަން ކުރާ މަސައްކަތުގެ ތަފްސީލަށް އެދުމުން ޖަވާބެއް ނުލިބުނެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ ސަރަހައްދުގައި ދިމާވެފައިވާ އުނދަގޫތަކުގެ ވާހަކަ ރަސްމީކޮށް ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެ ސަރަހައްދު ބަލަހައްޓަނީ ވެސް ކައުންސިލުންނެއް ނޫނެވެ. އެކަމަކު ލައިސަންސް ނަގަން އެއަށް ވުރެން ރައްކާތެރި ސަރަަހައްދެއް ކަނޑައަޅަން ޖެހިފައި އޮތް ކަން އޭނާ ގަބޫލުކުރައްވަ އެވެ. އެކަމުގެ މަޝްވަރާތައް ކަމާ ގުޅޭ އިދާރާތަކާ އެކު ކުރިއަށް ގެންދިޔަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލޭ ސިޓީ ކައުންސިލުން އެ ބައްދަލުވުމުގައި ބައިވެރި ވިޔަސް އެކަމުގައި އިސް ދައުރެއް އަދާކުރަނީ ޓްރާންސްޕޯޓުން ކަމަށް ވާތީ ޝަމާއު ތަފްސީލަކަށް ވަޑައެއްނުގަންނަވަ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ރަނގަޅު ފީޗާސްތަކަކާ އެކު ހަމަ މާލޭގައި ލައިސަންސް ނަގަން ވަކި ސަރަހައްދެއް އޮންނަން ޖެހޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޝަމާއު ކުރިން އިޝާރާތް ކުރެއްވި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވެސް ބައިވެރިވި ބައްދަލުވުމުގައި ވާހަކަ ދެކެވުނީ، އެނގިފައިވާ ގޮތުގައި، ލައިސަންސް ނެގުމަށް ހުޅުމާލެ އިން ވަކި ޚާއްސަ ބިމެއް ކަނޑައެޅުމަށެވެ.

އޭރު ހިނގި މަޝްވަރާގެ މައްޗަށް ނިމިފައި އޮތީ ހުޅުމާލޭގެ ކުރީގެ ފެރީ ޓާމިނަލް ސަރަހައްދުން ބިމެއް ކަނޑައަޅަން ކަން އެޗްޑީސީން "މިހާރު"އަށް ކަށަވަރުކޮށްދިނެވެ. އެކަމަކު އެކަން މުޅިން ހަމަނުޖެހި އޮތީ، ޓްރާންސްޕޯޓު މެދުވެރިވެ ފުރިހަމަވާން ޖެހޭ ކަންކަން އަދި ނުނިމޭތީ ކަން ވެސް އެނގިފައިވެ އެވެ.

ލައިސަންސް ނަގަން ފަރިތަކުރާ ސަރަހައްދުގެ ނުރައްކާ ހާލަތަށް ފިޔަވަޅު އަޅަން ޖެހެ އެވެ. ރައްކާތެރިކަމާ އެކު އެކަން ކުރެވޭނެ މަގެއް ހޯދަން ޖެހެ އެވެ. މިއީ، ލައިސަންސް ނަގަން ފަރިތަކުރާ މީހުން ވެހިކަލްތަކުގެ ތެރެއަށް ދޫކޮށްލައި، ބޮޑު އަނިޔާއެއް ލިބުމުން ފިޔަވަޅު އަޅަން ތިބުމަށް ވުރެން ސީރިއަސް މައްސަލައެކެވެ. ފުރާނަ އަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.