ލަތީފްގެ ސިޔާސީ މަގްސަދަށް ވީއޭއެމް ބޭނުންނުކުރުން އެދެން: ވޮލީ އެސޯސިއޭޝަން
ލަތީފްގެ ސިޔާސީ މަގްސަދަށް ވީއޭއެމް ބޭނުންނުކުރުން އެދެން: ވޮލީ އެސޯސިއޭޝަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނަމުގައި ބަސް ބުނުމުގެ ހައްގެއް މިހާރު އެ އެސޯސިއޭޝަންގެ އެންމެ ފަހުގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފަށް ނޯންނާނެ ކަމަށާއި އޭނާގެ ސިޔާސީ މަގުސަދު ހާސިލްކުރަން ވީއޭއެމް ބޭނުންނުކުރަން، ވީއޭއެމްގެ އިންޓަރިމް ކޮމިޓީން އެދިއްޖެ އެވެ.

ވީއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، ލަތީފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ވަނީ މި މަހު 20 ވަނަ ދުވަހު އޭނާއާ ދެކޮޅަށް ހުކުމްކޮށްފަ އެވެ. ރާއްޖެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ލަތީފް ވަނީ ސިވިލް ކޯޓުގެ އެ ހުކުމަށް ނުފޫޒުފޯރުވާފައިވާ ކަމަށް ވިދާޅުވެ، މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފަ އެވެ.

ދެހާސްނަވާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކްލަބްތަކުން އިސްވެ، ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެސޯސިއޭޝަން ހިންގުން ވަނީ ތިން މެމްބަރުންގެ އިންޓަރިމް ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. އެ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ވީއޭއެމްގެ އިންޓަރިމް ކޮމިޓީން އިއްޔެ ގެޒެޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަން ހިންގުމުގެ ޒިންމާއާ މި ވަގުތު ހަވާލުވެ އޮތް ކޮމިޓީ އަކީ ސައްހަ ކޮމިޓީއެއްކަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވެސް ބަލައިގެންފައިވާ ކަމަށެވެ.

"ވޮލީބޯޅަ ރަނގަޅުކުރުމުގެ ނަމުގައި ކަމަށް ބުނެ މި ވަގުތު މުހައްމަދު ލަތީފް އެކި މީޑިއާތަކުގައި ވޮލީބޯޅަ އާއިލާ އާއި ސަރުކާރާ ޖެހޭގޮތަށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކަމުން ގެންދާކަމީ މި ކޮމިޓީން ނުހަނު ހިތާމަކުރާކަމެކެވެ. އަމިއްލަ ސިޔާސީ މަގުސަދު ހާސިލްކުރުމަށްޓަކައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން ކިލަނބުވާ ގޮތަށް ފިތުނަފަސާދަ އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް ލަތީފަށް ނަސޭހަތްތެރިވަމެވެ،" ވީއޭއެމްގެ ނޫސްބަޔާނުގައިވެ އެވެ.

ލަތީފް ވީއޭއެމްގެ ރައީސްކަމަށް އިންތިހާބުވީ އޮކްޓޫބަރު 1، 2016 ގަ އެވެ. ހަތަރު އަހަރުގެ ދައުރު އެ ދުވަހު ފަށާ ނަމަ ލަތީފްގެ ދައުރު މިދިޔަ އޮކްޓޫބަރު މަހަށް ހަމަވާނެ އެވެ. ނަމަވެސް އެކްޓިން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި އިބްރާހިމް އިސްމާއިލް ހުންނެވިއިރު، 2019 ވަނަ އަހަރު ވީއޭއެމް އަށް ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން ލަތީފްގެ ލީޑަޝިޕްގައި އެންމެ ފަހުން ހިންގާ ކޮމިޓީއަށް ގެނެވިފައިވާ ބަދަލުތަކާ އެކު ހިންގާ ކޮމިޓީގެ ދައުރު ހަމަވާނެ ކަމަށް ކަނޑައަޅާފައި އޮތީ އަންނަ މަހުގެ 22 ވަނަ ދުވަހެވެ.

އިންޓަރިމް ކޮމިޓީގެ ބަޔާނުގައި ބުނެފައިވަނީ ލަތީފްގެ ދައުރު މިދިޔަ އޮކްޓޫބަރު މަހު އެއް ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށާއި އެހެންވެ ވީއޭއެމްގެ ނަމުގައި ލަތީފަށް މިހާރު ބަސްބުނެވޭނެކަމަށް ނުދެކޭ ކަމަށެވެ.

ވީހާވެސް އަވަހަށް ވީއޭއެމްގެ އިންތިހާބެއް ބާއްވަން ގޮވާލައްވައި ލަތީފް ވަނީ ދެން ބާއްވާ ވީއޭއެމްގެ އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ލަތީފް ދައްކަވާ އެ ވާހަކަތަކަކީ މަކަރުވެރި ރޭވުމެއްގެ ބައެއް ކަމަށާއި އިންތިހާބު ލަސްކުރަން ކުރެވެން ހުރި ކަމެއް ލަތީފް ކުރައްވަމުން އަންނަ ކަމަށް ވީއޭއެމް އިންޓަރިމް ކޮމިޓީން ތުހުމަތުކުރެ އެވެ.

ވީއޭއެމް އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވަނީ 2019 ވަަނަ އަހަރުގެ ނޮވެމްބަރު މަހު ސްވިޓްޒަލެންޑްގައި މަޝްވަރާކުރައްވައިފަ އެވެ. އެ ފަހަރުގެ މަޝްވަރާތަކަށް ފަހު އެފްއައިވީބީން ވަނީ ވީއޭއެމްގެ ކަންތައްތަކަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ހާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ކޮމިޓީގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ލަތީފްގެ ފަރާތުން މެމްބަރެއް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި އެ ކޮމިޓީގެ މަސައްކަތް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދަނިކޮށް ކޮވިޑް-19 އާ ހެދި މަސައްކަތްތައް މަޑުޖެހުނެވެ. އެކަމަކު މިހާރު އަނެއްކާ ވެސް އެ ކަމުގެ ބައެއް މަސައްކަތްތައް ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ. ރާއްޖޭގެ ވޮލީ އަށް ދެމެހެއްޓެނިވި ހައްލެއް ނުލިބި އޮންނަތާ މިހާރު 18 މަސް ދުވަހަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.