ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވެސް 100 އިން މަތީގައި
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވެސް 100 އިން މަތީގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވެސް 100 އިން މައްޗަށް އަރައި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 15،000 އިން މަތިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 78 މީހުންނާއި ރަށްރަށުން 11 މީހުން އަދި ރިސޯޓުތަކުން 20 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުން ޕޮޒިޓިވްވީ 4،742 ސާމްޕަލްގެ ތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާ އެކު، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 15،102 އަށް އަރައިފަ އެވެ. ބަލިން 35 މީހުން ރަނގަޅުވެފައިވާތީ އެ ބައްޔަށް މި ވަގުތު ފަރުވާ ހޯދަމުން އަންނަނީ 1،160 މީހުންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވެ އޮތުމަށް ފަހު އެ ބަލި ޖެހޭ މީހުންގެ އަދަދު މި ވަނީ އަނެއްކާ ވެސް އިތުރުވެފަ އެވެ. އިއްޔެ ވެސް 108 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

މީގެ ކުރިން، އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ ނޮވެމްބަރު 23 ގަ އެވެ. އެ ދުވަހު 130 މީހުންނަށް ކޮވިޑް ޖެހުނެވެ. އެކަމަކު ބަލި ފެތުރުން ކޮންޓްރޯލް ކުރެވި ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގާތްގަނޑަކަށް 50 އިން ދަށުގައި ވެސް ހިފެހެއްޓުނެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ ކޮވިޑްގެ ކޭސްތައް އިތުރުވީ ފަރުވާ ކުޑަކުރުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު ވެސް ކޭސްތައް މަދުވާއިރަށް މީހުން މާ ބޮޑަށް "ރިލެކްސް" ކޮށްލާ ކަމަށެވެ. އެ ގޮތަށް ފަރުވާ ކުޑަކޮށްލައިގެން މީގެ ކުރިން ދެ ފަހަރަށް ކޭސްތަކުގެ އަދަދު މަތިވި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

މިއީ އެންމެން ވެސް ދިރިއުޅުމުގެ ކަންކަން ތަފާތުކުރަން ޖެހޭ ހާލަތެއް ކަމަށާއި ކައިވެނި ޕާޓީއެއް ނުވަތަ އޮފީހުގެ ޖަލްސާއެއް ބޭއްވިޔަސް ގައިޑްލައިންއާ އެއްގޮތަށް ކުރިޔަށް ގެންގޮސްގެން ނޫނީ ކޭސްތައް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

"ދެން ޖެހޭނީ ހަރުކަށި ފިޔަވަޅުތައް އިތުރުކުރަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.