ވެކްސިން ޖަހާފައިވާ ނަމަ ދުބާއީގެ ރެސްޓޯރެންޓްތަކުން ޑިސްކައުންޓް
ވެކްސިން ޖަހާފައިވާ ނަމަ ދުބާއީގެ ރެސްޓޯރެންޓްތަކުން ޑިސްކައުންޓް

ދުބާއީ (ޖެނުއަރީ 26) - ކޮރޯނާވައިރަހަށް ވެކްސިން ޖަހާފައިވާ ނަމަ ދުބާއީގެ ރެސްޓޯރެންޓްތަކުން ޑިސްކައުންޓް ދޭން ފަށައިފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިހާތަނަށް ވަނީ އާބާދީގެ 10 މިލިއަންގެ ތެރޭން 2.5 މިލިއަން މީހުންނަށް ވެކްސިން ދީފަ އެވެ. ޔޫއޭއީ އަކީ އިޒްރޭލަށް ފަހު އެންމެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ގައުމެވެ.

ގޭޓްސް ހޮސްޕިޓަލިޓީން ހިންގާ ރެސްޓޯރެންޓްތަކުން ޑިސްކައުންޓް ދޭން ނިންމާފައި ވަނީ ވެކްސިން ޖެހުމަށް މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ފުރަތަމަ ޑޯޒް ޖަހާފައިވާ ނަމަ 10 ޕަސެންޓް އަދި ދެ ވަނަ ޑޯޒް ޖަހާފައިވާ ނަމަ 20 ޕަސެންޓުގެ ޑިސްކައުންޓެއް ދެ އެވެ. ޑިސްކައުންޓް ދޭނީ ވެކްސިން ޖެހިކަމުގެ ލިޔުން ދެއްކުމުންނެވެ.

ޗައިނާގެ ސިނޯފާމްގެ ވެކްސިނާއި އެމެރިކާގެ ފައިޒާގެ ވެކްސިނަށް ޔޫއޭއީން ހުއްދަ ދިނުމުން ދުބާއީ އިން ވެކްސިން ދޭން ފަށާފައި ވަނީ ޑިސެމްބަރު މަހު އެވެ.

ދުބާއީގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވި ނަމަވެސް ޓޫރިސްޓުންނަށް ވަނީ ޖުލައި މަހުން ފެށިގެން ހުޅުވާލައިފަ އެވެ. އަދި ރެސްޓޯރެންޓްތަކުން ވެސް ޚިދުމަތް ދެ އެވެ.

އާދިއްތަ ދުވަހު ޔޫއޭއީން ވަނީ 3،579 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 277،000 މީހުން ޕޮޒިޓިވްވެ 792 މީހުން މަރުވެފަ އެވެ.