25 ޖެނުއަރީ 2021 - 20:35

ކޮލަމްބޯ (ޖެނުއަރީ 25) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ކޮރޯނާވައިރަހުގެ ހާލަތު ގޯސްވަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސްރީ ލަންކާ އިން އިއްޔެ ޕޮޒިޓިވްވި 843 މީހުންގެ ތެރޭން ކޮލަމްބޯ އިން އެކަނި ވަނީ 480 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ އިތުރުން ގަމްޕަހާ ޑިސްޓްރިކްޓުން 86 މީހުން އަދި ކަލުތަރަ ޑިސްޓްރިކްޓުން ވަނީ 72 މީހުން ޕޮޒިޓިވްވެފަ އެވެ. ލަންކާގެ އެހެން ހިސާބުތަކުން ވަނީ 203 މީހުން އިއްޔެ ޕޮޒިޓިވްވެފަ އެވެ.
ނޭޝަނަލް އޮޕަރޭޝަންސް ސެންޓަ ފޯ ޕްރިވެންޝަން އޮފް ކޮވިޑް އިން ބުނީ ކޮލަމްބޯގެ ނަރަހެންޕިޓާ އާއި މައުންޓް ލެވިނިއާ، ވެއްލަމްޕިޓިޔާ، ސްލޭވް އައިލެންޑް، ވެއްލަވައްތެ އަދި ސިނަމަން ގާޑަންސް އިން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ގަމްޕަހާ އިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ނިގަމްބޯ އޭރިއާ އިންނާއި ބިޔަގަމާ އިންނެވެ.
އާބާދީގައި 21 މިލިއަން މީހުން ހިމެނޭ ސްރީ ލަންކާ އިން މިހާތަނަށް ވަނީ 58,430 މީހުން ޕޮޒިޓިވްވެ 283 މީހުން މަރުވެފަ އެވެ. ލަންކާގައި ކޭސްތައް އިތުރުވާން ފެށީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އޮކްޓޯބަރު 13 އާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 3،300 އެވެ.
ލަންކާގެ ބޯޑަރު ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ.