25 ޖެނުއަރީ 2021 - 20:17

އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) މައްސަލަތައް ހައްލުކުރަން އެ ތަނުގެ އިސްވެރިއަކަށް މިއަދު ދިވެއްސަކު ހަމަޖައްސައިފި އެވެ.
އެ އެކަޑެމީން ނެރުނު ބަޔާނުގައި ބުނީ ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް މ. ޒޭވަރު، މުހައްމަދު ފަޒީލް ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ. ޕޮލިސީ ލެވެލް އަށް ދިވެއްސަކު ހަމަޖެއްސީ ސްކޫލު ހިންގުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކުރުމުގައި ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ މަގުސަދުގައި ކަމަށް ބަޔާނުގައި ވެ އެވެ.
"މިގޮތުން، މި އެކަޑެމީ ހިންގުމަށް ދިމާވެފައިވާ ދަތިތަކަށް މުސްތަގުބަލުގައި އަވަސް ހައްލެއް ގެނެވޭނެ ކަމަށް އުއްމީދުކުރާކަން ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށް ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
މައްސަލަތައް ބޮއްސުންލައި ދަރިވަރުންގެ އެތައް ކަންބޮޑުވުންތަކެއް ހިމެނޭ ފްލައިން ސްކޫލު ހިންގުމުގައި މި ވަގުތު އިސްކޮށް ތިބީ ބިދޭސީންނެވެ.
އެ ތަނާ ގުޅޭގޮތުން ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ކޯސް ނުނިމި ދިގުލައިގެން ގޮސް ދަރިވަރުންގެ އަތުން ބޮޑު ހަރަދެއް ހިނގުމެވެ. އޭގެ އިތުރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބޭކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ދެ ތިން އަހަރުވެއްޖެ އެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ބެލުމަށް ހަ މެމްބަރުންގެ ޓީމެއް އައްޑުއަށް ޒިޔާރަތްކޮށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށްފައި ވެ އެވެ. އެކަމުން ފާހަގަވި ކަންތަކަށްފަހު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އަންނަނީ މަޖިލީހަށް ރިޕޯޓެއް ހުށަހަޅަން ތައްޔާރުވަމުންނެވެ.