08 ނޮވެމްބަރ 2016 - 08:44

މެޑްރިޑް (ނޮވެމްބަރު 8) – އިތުރު 10 އަހަރު ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށް ރެއާލް މެޑްރިޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރެއާލް މެޑްރިޑާ އެކު 2021 ވަނަ އަހަރުގެ ނިޔަލަށް އިއްޔެ ކޮންޓްރެކްޓް އާކުރުމަށް ފަހު ރޮނާލްޑޯ ބުނީ މިއީ އޭނާ ސޮއިކުރާ ފަހު ކޮންޓްރެކްޓް ނޫން ކަމަށެވެ.
"އަހަރެން މިހާރު އެންމެ ކުރަން ބޭނުންވާ ކަމަކީ ކެރިއަރުގައި ބާކީ އޮތް އަހަރުތަކުގައި ފުޓްބޯޅައިން ހިތްހަމެޖެހުން ހޯދުން. އަހަރެންގެ އަދިވެސް ބާކީ އެބައޮތް 10 އަހަރު،" މިހާރު އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.
އެކަމަކު ރޮނާލްޑޯ ބުނީ ކުރިމަގުގައި ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭގޭނެ ކަަމަށެވެ. ރޮނާލްޑޯ ގެންދަން ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ އަބަދުވެސް މަސައްކަތްކުރަމުންނެވެ.
"އަހަރެން ވަރަށް ގިނަ ފަހަރު ބުނެފިން ރެއާލް މެޑްރިޑާ އަހަންނާ އޮންނަނީ ހިތާ ހިތުގެ ގުޅުމެކޭ. މި ކްލަބުގައި ހޭދަކުރާ ދުވަސްތަކަކީ އަހަރެންގެ ހަޔާތުގެ ހާއްސަ ދުވަސްތަކެއް،" ރޮނާލްޑޯ ބުންޏެވެ.
ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ވެސް ވަނީ ރޮނާލްޑޯ ވީހާ ވެސް ގިނަ ދުވަހަކު އެ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އާ ކޮންޓްރެކްޓާ އެކު ރޮނާލްޑޯގެ މުސާރައަށް ބަދަލެއް ނާދެ އެވެ. އޭނާ އަށް މިހާރު ހަފުތާއަކު ލިބެނީ 454،735 ޑޮލަރު (ގާތްގަނޑަކަށް 6.9 މިލިއަން ރުފިޔާ) އެވެ.