އީސީގެ ނައިބު ރައީސަކަށް ހަބީބް
އީސީގެ ނައިބު ރައީސަކަށް ހަބީބް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް މިއަދު ހަމަޖައްސައިފި އެވެ.

އިންތިޚާބުތައް ބޭއްވުމާއި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ސިޔާސީ ޕާޓީތަކާ ގުޅޭ ކަންކަން ހިންގުމަށް ލާޒިމްކޮށްފައިވާ ކޮމިޝަންގެ ނައިބަކަށް ހަބީބް ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމުންނެވެ.

އަކްރަމް، ނޮވެމްބަރު 19، 2020 ގައި އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުންނެވެ. މަޖިލީހުގެ ކޮމިޓީން އެ ގޮތަށް ނިންމީ، އަކްރަމްއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ.

އީސީގެ ނައިބު ރައީސަކަށް ހަމަޖެއްސެވި ހަބީބަކީ، އެ ކޮމިޝަންގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ މެމްބަރެވެ. މެމްބަރުކަމުގެ ދެ ވަނަ ދައުރަށް އޭނާ އައްޔަންކޮށްފައިވަނީ މާޗު 13، 2019 ގަ އެވެ.