25 ޖެނުއަރީ 2021 - 18:51

ކޮންޓެއިނާ އުފުލަން ބޭނުން ކުރާ "ރީޗް ސްޓޭކާ"އެއް އެމްޕީއެލުން މިފްކޯއަށް ވިއްކައިފި އެވެ.

އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ.
ޝާހިދު ވިދާޅުވީ މިފްކޯގެ މިވަގުތުގެ މާލީ ހާލަތަށް ބެލުމަށްފަހު ރީޗް ސްޓޭކާ ވިއްކަން ނިންމާފައިވަނީ ކުޑަ އަގެއްގައި ކަމަށެވެ. އަދި މި ވެހިކަލަކީ އެމްޕީއެލުގައި ބޭނުން ކުރަމުން އައި ވެހިކަލަކަށްވުމުުން އޭގެ އަގު ދަށްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރީޗް ސްޓޭކާ އެމްޕީއެލުގައި ބޭނުން ކުރަމުން އައި ނަމަވެސް އެ ވެހިކަލަކީ ރަނގަޅު ހާލަތެއްގައި ހުރި އެއްޗެއް ކަމުގެ ޔަގީންކަން ޝާހިދު ދެއްވި އެވެ.
"ރީޗް ސްޓެކާއަކީ ވަރަށް އަގުބޮޑު އެއްޗެއް. އެކަމަކު އަޅުގަނޑުމެން އެ ބޭނުންކުރާތީ ކޮންމެވެސް ވަރަކަށް އޭގެ ވެލިއު ވަނީ ދަށްވެފައި. އެހެންނަމަވެސް އަޅުގަނޑުމެން މިފްކޯއަށް ފޯރުކޮށްދެނީ އެ ކުންފުނީގެ މާލީ ހާލަތައް ބަލައި ކުޑަ އަގެއްގައި،" ޝާހިދު ވިދާޅުވި އެވެ.
އެމްޕީއެލުން މި ވެހިކަލް މިފްކޯއަށް ވިއްކީ 1.5 މިލިއަން ރުފިޔާ އަށެވެ. މި ފައިސާ އެ ކުންފުނިން ދައްކަން ޖެހޭނީ 5 އަހަރު ދުވަހަށް ބަހާލައިގެންނެވެ. ދުނިޔޭގެ ބާޒާރުގައި އާ ރީޗް ސްޓޭކާއެއް ލިބެން ހުންނާނީ ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ އަށެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި ބޭނުންވާ އުޅަނދުތައް ނެތުމުން ފެލިވަރުގައި މިވަގުތު އޮޕަރޭޝަން ކުރިއަށް ގެންދަން ދަތިތަކާ ދިމާވެ އެވެ. ނަމަވެސް މި ވެހިކަލްގެ ސަބަބުން އޮޕަރޭޝަންތައް ފަސޭހަވެ މަސައްކަތްތައް އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ކޮންޓެއިނާތައް ކޫއްޑޫއިން ލޯޑުކޮށްގެން މާލެ ޕޯޓާ ހަމައަށް ގެންނަން މިޖެހެނީ. އެހެންވީމާ ކޮސްޓުގެ ގޮތުން ވެސް ވަރަށް ބޮޑު ލުއިތަކެއް ހުންނާނެ ސީދާ ފެލިވަރުން އަޅުގަނޑުމެން އެ ލޯޑު ކޮށްގެން ގެންނަންޏާ،" އިސްމާއިލް ވިދާޅުވި އެވެ.
އެމްޕީއެލުން ވަނީ ރީޗް ސްޓޭކާ ވިއްކުމުގެ އިތުރުން މިފްކޯގެ މުވައްޒަފުންނަށް އެ ވެހިކަލް އޮޕަރޭޓު ކުރަން ވެސް ދަސްކޮށްދީފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ވެހިކަލްގެ މެއިންޓެނެންސާއި އިތުރު އެހީތައް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.