އާތިފް ދައުވާއަށް އިންކާރު ކުރައްވައިފި
އާތިފް ދައުވާއަށް އިންކާރު ކުރައްވައިފި

ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިިޔާ އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ޚިލާފްވުމުގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ އަމަލުތަކާ މެދު ފާރަވެރިވާން އުފައްދާފައިވާ އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިނުވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އާތިފް ވިދާޅުވީ އޭނާ އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން އޭނާ އައްޔަން ކުރެއްވި އިސް ވަކީލު ކަމަށްވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް އެ މައްސަލާގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމި ނިންމުން އިސްތިއުނާފް ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ. އަދި މައްސަލާގެ ބާވަތުން އޭނާ ބޭނުންވަނީ ނިހާޔަތު ފަދަ ތަޖްރިބާ ހުރި ވަކީލެއް ކަމަށާއި އެފަދަ އެހެން ވަކީލަކު ހޯދޭނީ ވެސް އޭނާ ވަކީލެއްގެ ގޮތުގައި ކޯޓުން ބަލައިނުގަތް ނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތްކަން ނުވަތަ ނޫންކަން އެނގިގެން ކަމަށް އާތިފް ވިދާޅުވި އެވެ.

ނިހާޔަތަށް އެ މައްސަލާގައި އާތިފް ތަމްސީލު ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށް އާތިފްގެ ވަކީލުންގެ ޓީމުގައި ދެން ތިބި ވަކީލުން ވެސް ވިދާޅުވި އެވެ.

އެ ޓީމުގައި ދެން ހިމެނޭ ވަކީލް އަލީ ސައީދު ވިދާޅުވީ އެ މީހަކު އިހްތިޔާރުކުރާ ވަކީލަކު ލިބުމަކީ އަސާސީ ހައްގެއް ކަމަށާއި އެ ފުރުސަތު ނުލިބޭ ގޮތަށް ނިންމި ނިންމުން އިސްތިއުނާފް ކުރަން ހުރަސް އެޅިފައިވަނީ ކޯޓުގެ ނިންމުން ލިބިފައިނުވާތީ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ނިންމުންތައް އިސްތިއުނާފް ކުރެވޭނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ކޯޓުގެ ނިންމުން އޮތް ނަމަ، އެ ނިންމުން ލިޔުމުން ދެ ފަރާތަށް ވެސް ދީފައިވާނެ ކަމަށެވެ. އަދި މަތީ ކޯޓަކުން ޝަރީއަތް މަޑުޖައްސާލަން ނާންގާ ހިނދަކު އެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

އިސް ގާޒީ ވިދާޅުވި ގޮތުގައި ނިހާޔަތަށް އެ މައްސަލާގައި ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމީ އެމްއެމްޕީއާރުސީގެ މައްސަލާގެ ތަހުގީގު ހިނގަމުން ދިޔައިރު ތަހުގީގު މަރުހަލާގައި މަޝްވަރާތަކުގައި ނިހާޔަތު ބައިވެރިވެފައިވާތީ އެވެ. މަސްލަހަތު ފުށުއަރާ ކަންކަމުގައި ވަކީލުން ބައިވެރިވުމަކީ އިންސާފެއް ނޫން ކަމަށާއި އެ ފުރުސަތު ނުދެވޭނެ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

ވަކީލް އަލީ ވިދާޅުވީ ނިންމުން ލިޔުމުން ހޯދަން އެދުމުން ކޯޓުން ދިނީ އިދާރީ ޖަވާބެއް ކަމަށެވެ. އަދި ނިހާޔަތާ އެކު އެ މައްސަލަ ކުރިއަށް ގެންދަން އާތިފް ބޭނުންވާތީ ދެން ތިބި ވަކީލުންނަށް އެކަމާ ދެކޮޅު ހެދެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ބުނި ގޮތުގައި ކޯޓުގެ އެފަދަ ނިންމުންތައް ކޮންމެ ފަހަރަކު އިސްތިއުނާފް ކުރާ ނަމަ، ޝަރީއަތް ދުވަހަކު ވެސް ކުރިއަށް ނުގެންދެވޭނެ އެވެ. އަދި ނިހާޔަތަށް އެ މައްސަލާގައި ބައިވެރިނުވެވޭނެ ކަމަށް ނިންމުމުން ދެން އެކަމާ މެދު އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އިސްގާޒީ ޝަކީލް ވެސް ނިންމެވީ ޝަރީއަތް މަޑުޖައްސާލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމަވައި، ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހާމަ ކުރުމާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ގާޒީ އެންގެވި އެވެ.