ޗައިނާ އާއި އިންޑިއާ ސިފައިން ބޯޑަރުގައި ކުރިމަތިލުންތަކެއް ހިންގައިފި
ޗައިނާ އާއި އިންޑިއާ ސިފައިން ބޯޑަރުގައި ކުރިމަތިލުންތަކެއް ހިންގައިފި

ނިއު ދިއްލީ (ޖެނުއަރީ 25) - ދެ ގައުމު ގުޅޭ ބޯޑަރުގައި ޗައިނާ އާއި އިންޑިއާ ސިފައިން އަނެއްކާވެސް ކުރިމަތިލުންތަކެއް ހިންގައިފި އެވެ.

ދެ ގައުމުގެ ސިފައިން މިދިޔަ ބުދަ ދުވަހު ކުރިމަތިލުމަކަށް ގޮސްފައި ވަނީ ސިއްކީމްގެ އުތުރުގަ އެވެ. އިންޑިއާ ސިފައިން ބުނެފައި ވަނީ ކުރިމަތިލުމެއް ހިންގި ނަމަވެސް ފަހުން އެކަން ހައްލުކޮށްފައިވާ ކަމަށެވެ.

ބޯޑަރުގައި ތިބޭ އިންޑިއާ އާއި ޗައިނާ ސިފައިންގެ މެދުގައި ދޭތެރެދޭރެއިން ހަމަނުޖެހުންތައް ހިންގަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ހިންގި ހަމަނުޖެހުމެއްގައި އިންޑިއާ ސިފައިންގެ 20 މީހުން ވަނީ މަރުވެފަ އެވެ.

ހަމަނުޖެހުން ހިންގި ސިއްކީމަކީ ބޫޓާނާއި ނޭޕާލްއާ ދެމެދު އޮންނަ އިންޑިއާގެ ސަރަހައްދެކެވެ. އޮފިޝަލުން ބުނެފައި ވަނީ ހަމަނުޖެހުމަކަށް ދިޔައީ ޗައިނާ ސިފައިންގެ ގްރޫޕަކުން އެ ސަރަހައްދަށް ވަންނަން އުޅުމުން ކަމަށެވެ.

އިންޑިއާ އާއި ޗައިނާ އިން ފަހަކަށް އައިސް އެންމެ ބޮޑު ކުރިމަތިލުމެއް ހިންގީ މިދިޔަ ޖޫން މަހު 15 ގަ އެވެ. އިންޑިއާ އިން ބުނެފައި ވަނީ އެ ފަހަރުގެ ބޯޑަރު ކުރިމަތިލުމުގައި އިންޑިއާގެ ބިމުން އެންމެ އިންޗިއެއްގެ މިންވަރު ވެސް ގެއްލިފައި ނުވާ ކަމަށެވެ. ނަމަވެސް ސެޓެލައިޓް ފޮޓޯތަކުގެ އެހީގައި އަސްކަރީ ތަޖްރިބާކާރުން ބުނެފައި ވަނީ އެތައް އަހަރެއް ވަންދެން އިންޑިއާ ސިފައިން ވެރިކޮށްގެން އުޅުނު ބިމުގެ ސަރަހައްދެއް ޗައިނާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.