25 ޖެނުއަރީ 2021 - 14:13

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ދައުވާއަށް އިންކާރުކޮށްފައި އޮތުމަށް ފަހު އަނެއްކާވެސް އެކަމަށް އެއްބަސްވާން ބޭނުންވާ ކަމަށް މިއަދު ބުނެފި އެވެ.
ޑިސެމްބަރު، 2019 ގައި ގާސިމާ އެކު ޓެކްސީ ދަތުރު ކުރަމުން ގޮސް އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގެ ދައުވާލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމްގެ ކުރިން ކޯޓުގައި ދައުވާއަށް އެއްބަސްވި އެވެ. އޭރު އެކަމަށް އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދޭން ޝަރުތުކޮށްފަ އެވެ. ދައުވާއަށް އިއުތިރާފްވުމުން އަދުހަމަށް 17 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އެއްބަސްވުން ހަދާފައި ވަނިކޮށް ފަހުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމްގެ ވަކީލް ވިދާޅުވީ ފަހުން ދައުވާއަށް އިންކާރު ކުރިޔަސް، މިހާރު ބޭނުންވަނީ ކުށަށް އިއުތިރާފްވާން ކަމަށެވެ. އަދި އަލުން އިއުތިރާފްވެއްޖެ ނަމަ، އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ލުއި ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދޭން ވަކީލް އެދިވަޑައިގަތެވެ.
އެކަމަކު ދައުލަތުން ބުނީ އިއުތިރާފް އެއްބަސްވުމާ ޚިލާފްވެއްޖެ ނަމަ، ލުއިތައް ގެއްލޭނެ ކަން އަދުހަމަށް ކުރިން ބުނެދީފައިވާނެ ކަމަށާއި އޭނާ އެކަން އެނގިހުރެ ދައުވާއަށް އިންކާރު ކޮށްފައިވާތީ އިއުތިރާފްގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ދައުލަތުން އެދުނީ އިއުތިރާފް އެއްބަސްވުމަށް ނުގޮސް، ޝަރީއަތް ކުރިއަށް ގެންގޮސް މައްސަލަ ނިންމުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވެސް ވިދާޅުވީ އަދުހަމް އޭރު ދައުވާއަށް އިންކާރު ކުރުމުން އިއުތިރާފް އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކުރިން ކޯޓުން ނިންމާފައިވާތީ އެ އެއްބަސްވުމުގެ ދަށުން އަދުހަމަށް ލިބޭނެ ލުޔެއް މިހާރު ނެތް ކަމަށެވެ.
ދައުލަތުން މިއަދުގެ އަޑުއެހުމުގައި ހެކި ހާމަ ކުރުމުން ގާޒީ އިސްމާއިލް ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހަޅަންތައް ދެން އޮންނަ އަޑުއެހުމެއްގައި ހުށަހަޅަން ގާޒީ އެންގެވި އެވެ.
އަދުހަމްގެ ބަންދުގެ މުރާޖާ ކުރުމުގެ ބައި ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ. ގާޒީ ނިންމެވީ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތުމުން ބަންދު ދެމެހެއްޓުމަށެވެ.