09 ނޮވެމްބަރ 2016 - 06:24

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
އަހަންނަށް ފެނުނީ ތަނަވަސް އުޑެވެ. އުޑުގައިވާ ތަރިތަކެވެ. ހަނދުވަރު ރީތި ރެއެކެވެ. އެންމެ ވިލާކޮޅެއް ވެސް ނެތެވެ. އެކަމަކު، ހަނދު ނިވިދިއްލޭހެން ހީވިއެވެ. ރަނގަޅަށް ވިސްނައިލީމެވެ. ނިވިދިއްލެނީކީ ނޫނެވެ. ގެއްލިފައި ފެންނަނީއެވެ. އެއީ، އުދުހެމުން އައި ކޮންމެވެސް އަނދިރި އެއްޗެއްގެ ބިޔަ ފިޔަގަނޑުގެ ސަބަބުން ވާ ގޮތެކެވެ. އެ އެތި ހީވަނީ ފަރުބަދަގަނޑެއްހެންނެވެ. ފެންނަނީ ކަޅު ހިޔަންޏެއްހެންނެވެ. ވަކި މިވެނި ބައްޓަމެކޭ ބުނާކަށް ނޭނގެއެވެ. އެ ކަހަލަ "ދޫންޏެއް" ދުވަހަކު ވެސް އަހަރެން ނުދެކެމެވެ. ކިރިޔާ ވެސް ވައްތަރީ ވާލަކާއެވެ. އެ ކަހަލަ ދެ ފިޔަގަނޑު އޮތެވެ. ދެ ލޯ ހުރީ ރަތްކުލައިން ދިއްލިފައެވެ. ވާލެއްގެ އަޑަށް ވުރެ އެތައް ސަތޭކަ ގުނައެއް އަޑު ވަރުގަދައެވެ. ފިޔަޖަހާލެއް ލަހެވެ. ޒަލްތޫން އޭރު ހުރީ އަހަރެންގެ ހަށިގަނޑު ތެރޭގައެވެ. އެ އައި އެއްޗެއް އައިސް، އޭގެ ފައިގެ ތޫނު ވަކިތަކުން ޒަލްތޫންގެ ކަރުގައި ހިފައި ދަމައިގަތެވެ. ޒަލްތޫން ގޮވައިގެން މައްޗަށް އުދުހިގަތެވެ. އައި ވައިރޯޅީގެ ގަދަކަމުން އަހަރެންގެ ދެ ލޯ މެރުނެވެ. ކޮޓަރީގެ ދޮރުފަތްތައް ލެއްޕި މަލަރުވިއެވެ. މައްޗަށް އަރައިގެން ދަމުން ވެސް އެ އެތި ވަރަށް ބާރަށް ހޭރިގަތެވެ. އަހަރެންގެ ކަންފަތުގެ ތޫރި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.
"އޭނަ ގޮވައިގެން އެ ދަނީ،" އަހަރެން ހަޅޭއްލަވައިގަތީމެވެ. "ހުއްޓުވާ! ހުއްޓުވާ!"
ޝައުކަތު ހަރަކާތްތެރިވީ ވިދުވަރެއް ފަދައިންނެވެ. ނިކަން ބާރަށް ކިޔަވަން ފެށިއެވެ. އުދުހެމުން ދިޔަ އެތީގެ ފިޔަގަނޑު ކުއްލިއަކަށް ލެއްޕުނެވެ. ބިންމައްޗަށް ވެއްޓުނެވެ. މުޅި ތަނަށް ލޮޅުންއެރިއެވެ. ދަމާފައި ގެނެސް އަހަރެންގެ ހަށިގަނޑު ތެރެއަށް އެ އެތި ވެއްދީ ޒައްރެއްގެ މިންވަރަށް ކުޑަ ކޮށްފައެވެ. ހީވީ ބޮޑު ފަރުބަދައެއް، އަނގަ ކުޑަ ފުޅިއެއްގެ ތެރެއަށް ދަމައިގަތްހެންނެވެ. އެ ސޮރުގެ ގައިގައި ޖަހައިފައި ހުރި ފަލަ ހިލިހިލާތައް އަހަންނަށް ފެނުނެވެ. ވެއްޓިފައި އޮތްއިރު ވެސް އެ ސޮރުގެ ބިޔަ ފިޔަގަނޑު ތެޅިއެވެ. ހީވަނީ މަރަށް ތެޅޭ ކުކުޅެއްހެންނެވެ.
"ކާކު ތީ؟" އަމުރުވެރި ރާގަކަށް ޝައުކަތު އެހިއެވެ.
"އުޕެކްޝާ!" ފިޔަގަނޑުތަޅަމުން ރުޅިއައިސްފައި އެ ސޮރު ވާހަކަދެއްކިއެވެ. "މަގޭ ނަމަކީ އުޕެކްޝާ! މަ ދޫކޮށްލާ! ތީގެ ނަތީޖާ ވަރަށް ހިތިވާނެ."
އުޕެކްޝާ ނިސްބަތްވަނީ ލަންކާއަށެވެ. އޭނައަކީ އެ ނަސްލުގެ އަންހެން އެއްޗެކެވެ. ވާހަކަދެއްކީ، މަޖުބޫރުން ޖަވާބު ދޭ ކަހަލަ ރާގެއްގައެވެ.
"މަށަކީ އިބިލީހުގެ މަލާއިކަތެއް. މި އައީ އިބިލީސް ފޮނުވައިގެން ޒަލްތޫން ބަލާ!" އުޕެކްޝާ ރުޅިއައިސްފައި ބުންޏެވެ. "ސީދާ އިބިލީސް މަށަށް އަމުރުކުރާނީ. މަގޭ ބާރު ވަރަށް ގަދަވާނެ. މަ ދޫކޮށްލާ! އެހެންނޫނީ ކަލޭ ވަރަށް ހިތާމަކުރާނެ ފަހުން. އިބިލީސް ނޫން ފަރާތަކަށް މަ ކިޔަމަނެއް ނުކުރެވޭނެ. ދޫކޮށްލާ!"
"ފުރަތަމަ ކަންތައް،" ޝައުކަތު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އިބިލީހުގެ މަލާއިކަތުން ތިބޭ ކަމެއް މަ ނުދެނަހުރިން. ގަބޫލެއް ނުވެސް ކުރާނަން. ދެވަނަ ކަންތައް. ކަލޭ ތިހާ ބާރުގަދައިއްޔާ ސަލާމަތްވެގެން ނިކަން ރައްކާވެބަލަ. ﷲ ގެ މަތިވެރި ކަލާމްފުޅުގެ ބާރުގަ ކަލޭ ތި އޮތީ އިނދަޖައްސާލާފަ. ބާރުގަދައީ ކޯޗެއްކަން އަދިވެސް ކަލެއަކަށް ނޭނގޭ؟ މަލާއިކަތުންނަކީ ގަދަ ކީރިތިވަންތަ ﷲ ގެ ދަރުބާރުގަ ތިއްބަވާ ބައެއް. ހަމައެކަނި ﷲ ގެ އަމުރުފުޅު އެ ބޭކަލުންގެ މައްޗަށް ހިނގާނީ. ކަލެއަކަށް ނޭނގޭދޯ އެ ވަރު ވެސް. މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ."
މަލާއިކަތުންގެ ބައެއް ނަންފުޅުތަކާއި، އެ ބޭކަލުންގެ މަތިވެރިކަމާއި ހައިބަތު ޝައުކަތު ކިޔައިދިނެވެ. ވަރަށް ތަފުސީލުކޮށެވެ.
"ކަލޭ ބިރެއްނުގަނޭތަ ޖިބްރީލްދެކެ؟" ޝައުކަތު ސުވާލުކުރިއެވެ.
އުޕެކްޝާ ބިރުގަތީ އެ ހިސާބުންނެވެ. ކުރިން ހުރި ބޮޑާކަމާއި ކިބުރުވެރިކަން ކެނޑި، ވަގުތުން މައިތިރިވިއެވެ. ވަށައިގެން ހޯދަން ފެށިއެވެ. އޭނައަށް އަހުވަދައްކާނެ އެހެން އެއްޗެއް އަތުވެދާނެތީ ކަންބޮޑުވާ ކަހަލައެވެ.
"ކަލޭ ބިރެއްނުގަނޭތަ މަލަކުލްމައުތުގެފާނު ވަޑައިގެންފާނެތީއެއް؟" ޖެހިލުން ކުޑަ ރާގެއްގައި ޝައުކަތު އެހިއެވެ. "ކޮންމެ ވަގުތަކު ވެސް ވަޑައިގެން ކަލޭގެ މަރު ހިއްޕަވައިފާނެ."
"މަ އަދި ތައްޔާރެއް ނޫން!" ރޮއިގެންފައި އުޕެކްޝާ ހަޅޭއްލަވައިގަތެވެ. "ތައްޔާރެއް ނޫން."
މަކަރާއި ހީލަތުން ޝައިތާނުންނަށް އިބިލީސް އޮޅުވައިލައިފައިވާ ވަރު އަހަންނަށް އަންދާޒާ ކުރެވުނެވެ. ތެދެއް ނުބުނެދެއެވެ. ތާރީޚުގައި ހިނގައިފައިވާ ކަންކަން ވެސް އޮންނަނީ އޮޅުވައިލައިފައެވެ. ކޮންމެ ކަމެއް ވެސް އިބިލީހަށް ފަހިވާ ގޮތަށެވެ. ރާޤީގެ މަސައްކަތަކީ އެ އޮޅުން ފިލުވައިދިނުމެވެ.
"އެހެންވީމަ އެނގޭދޯ ކަލޭ ވެސް މަރުވާނެކަން؟" ޝައުކަތު ސުވާލުކުރިއެވެ. "ފުރާނަ ގެންދަވާނީ ﷲ ގެ އަމުރުފުޅަށް. ކަލޭ ތައްޔާރުވިތޯ ނުވޭތޯއެއް ނުބައްލަވާނެ. ވަގުތު ޖެހުނީމަ ކަލޭ ވެސް ޖެހޭނީ މަރުވާން."
"މަށެއް މަރެއް ނުވާނެ،" އުޕެކްޝާގެ ޖަވާބު އަވަހެވެ. "ދުވަހަކު ވެސް މަށެއް މަރެއް ނުވާނެ. އަހަރުމެންނަށް ވުރެ މާތް ބަޔަކު ނުތިބޭނެ. އަހަރުމެންގެ އުމުރު ހުހެއްނުވާނެ."
"އެހެންތަ؟" މަލާމާތުގެ ރާގެއްގައި ޝައުކަތު ބުންޏެވެ. "ދެން އެހެންވިއްޔާ މި ދުނިޔެމަތީގަ ކަލޭމެންނަށް ކިހިނެއްވާނީ؟"
އޮޅުންފިލުވި ވަރަކަށް ޙަޤީޤަތް ހާމަވަމުންދިޔައެވެ. އޭރު އަހަރެންގެ ހަށިގަނޑަށް ކެތްވާ ވަރެއް ނޫނެވެ. އެ އެތީގެ ސައިޒު ކުނޑިފުކަކަށް ކުޑަކޮށްލައިފައި އޮތް ނަމަވެސް، އަހަރެންގެ ހަށިގަނޑު ހީވަނީ ފުރިފައި ހުރިހެންނެވެ. ހަންގަނޑަށް ވާންވެ، ނާރުތައް ދެމި، މަސްތައް ހަރުކަށިވަމުންދިޔައެވެ.
"އަހަރުމެން ދާގޮތަށް ދާނީ ސުވަރުގެއަށް،" ފިޔަގަނޑު ތަޅުވައިގެންފައި އުޕެކްޝާ ބުނެލިއެވެ. "އިމްތިޙާން އޮތީ ކަލޭމެން އިންސާނުންނަށް."
"ތީ އިބިލީސް ދައްކާ ބުހުތާނު ވާހަކަ،" ޝައުކަތު ޖަވާބުދިނެވެ. "މަ ކިޔައިދީފާނަން ކަލޭމެން ދުނިޔެއަށް ފޮނުއްވީ ކީއްވެގެންކަމާ، އަހަރުމެން އިންސާނުންނާ ކަލެއަށް ވެސް ވާނެ ގޮތް. އަޑުއަހާ! މީ ﷲ ގެ ޙައްޤު ބަސްފުޅު."
ޝައުކަތު ޤުރުއާން ކިޔަވަން ފެށިއެވެ. އިންސީންނާއި ޖިންނީން ދުނިޔެއަށް ފޮނުއްވީ ކީއްވެގެންކަން ބުނެދިނެވެ. އިސްލާމްދީނުގެ މަތިވެރިކަމާއި، ކާފަރުންނަށް ހުރި އަޒާބުގެ ވާހަކަ ވެސް ކިޔައިދިނެވެ. ބައެއް ސޫރަތް ނިމެންދެން ކިޔައިދިނެވެ.
"މަ ބޭނުން އިސްލާމްވާން،" އުޕެކްޝާ އެއްބަސްވިއެވެ. "ހަމަ މިހާރު."
ޝައުކަތު އެންމެ ފުރަތަމަ އުޕެކްޝާ މިނިވަންކުރިއެވެ. އެ އަށް ފަހު ދީނަށް ދަޢުވަތު ދިނެވެ. އެއްވެސް މަޖުބޫރުކަމެއް ނެތި އުޕެކްޝާ އިސްލާމްވިއެވެ. އުޕެކްޝާ ބޭރަށް ނުކުތެވެ. ހިންދަމައިލުމުން އޭނަގެ އިސްކޮޅުގައި ދެ ހާސް އަށް ސަތޭކަ ފޫޓު ހުއްޓެވެ.
"ކޮން ނަމެއް ކިޔާނީ؟" ޝައުކަތުގެ އެދުމަށް އަހަރެން ސުވާލު ކުރީމެވެ.
"މަރިޔަމް!" އޭނަ ޖަވާބުގައި ބުންޏެވެ.
އިބިލީހުގެ ދަރުބާރުގެ މެންބަރު ޒަލްތޫން ވެސް އިސްލާމް ވިއެވެ. އޭނައަށް ކިއީ މުޙައްމަދެވެ. އިސްލާމްވުމަށް ފަހު ޢިލްމު އުނގެނުމަށްޓަކައި އެ މީހުން ދިޔައީ މައްކާއަށެވެ. އަހަރެން ހީކުރީ، ދެން އިތުރު ޖިންނިއެއް ނާންނާނެކަމަށެވެ.
އަހަރެންގެ ހަޔާތުގައި ކުރިމަތިވި އެންމެ އާދަޔާޚިލާފު ހާދިސާ ނިމެން ދެ ދުވަހަށް ވިއެވެ. ކާމިޔާބުގެ ކޮޅުމަތި ފެންނަން ފެށިއެވެ. ހަތް ދުވަސް ހަމަކުރެވޭނެ ހެއްޔެވެ؟ އިރުއިރުކޮޅާ އަހަންނަށް އެ ސުވާލު ކުރެވެއެވެ. ސަރަޙައްދުގެ އެންމެ ވަރުގަދަ ސިހުރުވެރިޔާ އަހަންނަށް ސިހުރުހަދާކަމަށް ބުނާއިރު، އޭނަ ބަލިކުރުމަކީ އެހާ ފަސޭހަކަމެއް ހެއްޔެވެ؟ ފަސްވަނަ ދުވަހުގެ އަސުރު ވަގުތާ ހަމައަށް ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އަމާންކޮށެވެ. އަސުރުން ފައިބައިގެން ޝައުކަތު އައިއިރު އަހަރެން އޮތީ ހަރަކާތް ހުއްޓިފައި ކަމުގައި ޝައުކަތު ފަހުން ބުންޏެވެ. އެއީ، ކުރިން ޝައުކަތު ނުދެކޭ ކަހަލަ މަންޒަރެކެވެ. ވަގުތުން ކިޔަވަން ފެށިއެވެ. އިސާހިތަކު، ޝައިތާނާ އާއި ޝައުކަތާ ދެމެދު މަޝްވަރާކުރަން ފެށުނެވެ. އޭނަ ބުނި ގޮތުގައި އޭނައަކީ ވެސް އިބިލީހުގެ ރަސޫލެކެވެ.
"މަ މި އިންތިޒާރު ކުރަނީ ކަލެއަށް. މި ފަހަރު ކަލޭ މަރާލުން ނޫން އެހެން ގޮތެއް ނެތް،" ޖިންނި ނިންމައިފައިވާ ގޮތް ބުންޏެވެ. "މި ތަނަށް އަންނަ މީހުން އިސްލާމްކުރާ ވަރުން އިބިލީސްގެ ބޮލަށް ތުރާވެއްޖެ! ކިތައް ފަހަރު ބުނެފިން މަރާލިޔަސް ހެވޭ އިސްލާމް ނުކުރާށޭ."
"އަހަރުމެންގެ ދީނުގަ އޮންނަނީ ރަސޫލުންނަށް ތަބާވާން. އެކަމަކު ކަލޭމެންނަކަށް ތަބައެއް ނުވެވޭނެ،" ޝައުކަތު ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އެކަމަކު މަރާލާކަށް ވެސް ބޭނުމެއް ނޫން. ތި ކޮޅުން ހުށައަޅަނީ ހުށައެޅުމެއް. އަހަރެން ވެސް ހުށައެޅުމެއް ހުށައަޅަނީ. އަހަރެން މި ކުރާ ކަމަކީ ދީނަށް ދަޢުވަތު ދިނުން. އެ ކަން ގަބޫލުކުރަނީ އަމިއްލަ އިޚުތިޔާރުގަ. މަށަށް ޔަގީން ކަލޭ ވެސް ހުށައެޅުމެއް ހިފައިގެންކަން އަންނާނީ."
"އާނ!" އޭނަ އެއްބަސްވިއެވެ. "އެބަ އޮތް ހުށައެޅުމެއް. މި އަށް ވުރެ ރަނގަޅު ފުރުޞަތެއް ކަލެއަކަށް ދެނެއް ނުލިބޭނެ. ކަލޭ ގާތުގަ މަ ބަހައްޓައިދޭނަން އެއް ހާސް އަންހެނުން. ދުވާލަކު ޤައުމަކަށް ގެންގޮސްދޭނަން."
"ބޭނުމެއް ނެތް." ޝައުކަތު ދިނީ ކުރު ޖަވާބެކެވެ.
"މައްސަލައެއް ނެތް،" ޖިންނި އެ ކަން ބަލައިގަތެވެ. "އަހަރެންގެ ކޮނޑުގަ ކަލޭ މައްކާގެ ރަށްބޭރަށް ގެންގޮސްދީފާނަން. އެ ގޮތް ކިހިނެއް؟ އޭރުން ކަލޭ އަޅުކަންކޮށް ނިމުނީމަ، އަހަރެންގެ ކޮނޑުގަ ގެންނާނަން މި ތަނަށް."
"ދެން ކަލޭ ތިހެން ކިޔާފަ، ކޮނޑަށްލައިގެން މަ ގެންގޮސް ކަނޑަކަށްނު އެއްލާލާނީ." ޝައުކަތު ވިސްނުންތެރިކަމާ އެކުގައި ބުންޏެވެ.
ޖިންނި ހޭން ފެށިއެވެ. އޭނަގެ މަކަރުވެރިކަން ފަޅާއެރުމުން ހޭ ކަހަލަ ގޮތަކަށެވެ.
"މަ އުޅުނީ ހަމަ އެހެން ހަދަން،" ޖިންނި ވަގުތުން އެއްބަސްވިއެވެ. "އޭރުން ކަލޭގެ ކިބައިން ސަލާމަތްވީނު. އެކަމަކު މަށަށް އެނގޭ ކަލެއަށް އެނގޭނެކަން. ކަލޭ ހާދަ މޮޅޭ! އަޖައިބުވާހާ މޮޅު."
އަހަންނަށް އެހެން ކަމެއް ފާހަގަވިއެވެ. އެ ޖިންނިއަކީ ކުރިން އެއް ފަހަރަކު އައި ޖިންނިއެކެވެ. އިސްލާމްދީނުގެ މަތިވެރިކަމުގެ ވާހަކަ ޝައުކަތު ކިޔައިދޭއިރު، ފިސާރި ކަނުލައި އެ ވާހަކަތައް އަޑުއަހަން އެ ޖިންނި ދުރުގައި ހުރެއެވެ. އަހަރެން އެ ވާހަކަ ޝައުކަތު ގާތުގައި ބުނީމެވެ.
"މަގޭ މޮޅުކަން ކަލެއަށް އަދި ނޭނގެނީ،" ޝައުކަތު ގަޔާވެލައިފައި ޖިންނި ގާތުގައި ބުންޏެވެ. "މަ ބުނެފާނަން ކަލޭ ބޭނުންވެގެން ތި އުޅޭ ކަމެއް ވެސް. ކަލޭ ބޭނުންވަނީ އިސްލާމްވާކަށްނު!"
ނުނިމޭ