25 ޖެނުއަރީ 2021 - 12:55

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 30 ޕަސެންޓު ދަށްވެއްޖެ އެވެ.
ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތައް ލިބުނީ 252 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ވަނީ 359 މިލިއަން ރުފިޔާ ލިބިފަ އެވެ.
މިދިޔަ މަހު ރާއްޖޭން ބޭރު ކުރި މުދާ ވަނީ 2019 ވަނަ އަހަރާ އަޅާބަލާއިރު އަށް ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 459 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، 2019 ވަނަ އަހަރުގެ މި މުއްދަތުގައި ބޭރު ކުރީ 425 މިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން، 2019 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ އަހަރު އެތެރެކުރީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ އާއި އޫއޭއީ އަދި އިންޑިއާ އެވެ. ޗައިނާ އަދި ޔޫއޭއީން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.