25 ޖެނުއަރީ 2021 - 11:59

ކޮވިޑް-19ގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖެއަށް އަހަރަކު އެންމެ ގިނަ ޓޫރިސްޓުން އައި ގައުމު ކަަމަށް ވާ ޗައިނާގެ ޓޫރިސްޓުން އަލުން ރާއްޖެއަށް ދަތުރުކުރަން ފެށުމާ ބެހޭ ގޮތުން ދެ ގައުމުން މާދަމާ މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާ ޓޫރިސްޓުން އަލުން އައުމާ ބެހޭ ގޮތުން ވާހަކަ ދައްކާނީ މާދަމާ ދެ ގައުމުގެ މެދުގައި ވާޗުއަލްކޮށް އޮންނަ މަޝްވަރާތަކުގައި ކަމަށެވެ. ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޗައިނާއިން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ އެގައުމުގެ ވައިސް މިނިސްޓަ އޮފް ފޮރިން އެފެއާޒްް ލޫ ޝައުހުއީ އެވެ.
ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރުމުގެ އިތުރުން މަޝްވަރާތަކުގައި ހިމެނޭ އެހެން ބައިތަކުގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ، އިގުތިސާދު އަލުން ކޮޅަށްޖެހުމާއި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި ފުޅާކުރުން ހިމެނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ މި ދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްގީގެ ބައިވެރިންނާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން މި އަހަރު ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ޗައިނާއާ އެކު މަޝްވަރާކުރާނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ޓޫރިޒަމަށް ޗައިނާ އަކީ ވަރަށް މުހިންމު ބައިވެރިއެކެވެ. ޗައިނާގެ ޓޫރިސްޓުންނަށް ރާއްޖެއަށް ދަތުރުކުރެވޭ ނަމަ މި ދުވަސްވަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިިޔައީސް ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.
ކޮވިޑް ފުރަތަމަ ފެށުނު ގައުމު ކަމަށްވާ ޗައިނާއިން ވެސް އެ ގައުމުގެ ރައްޔިތުން ބޭރަަށް ދަތުރުކުރުން އަދި މުޅިން ހުޅުވައެއް ނުލަ އެވެ. ދަތުރުފަތުރަށް އަދިވެސް ބޮޑެތި ހުރަސްތަކެއް އެބަ ހުއްޓެވެ.