25 ޖެނުއަރީ 2021 - 11:52

ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން ކޮވިޑް ފެތުރި އުފެދުނު ކްލަސްޓާގައި ހިމެނޭ މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުގައި އޮތް މައުލޫމާތު އިސްލާހުކޮށް، އެ ކްލަސްޓާގައި މީހަކު މަރު ނުވާ ކަމަށް ބުނެފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުބޭއްވި ވެޑިން ޕާޓީ އަކާ ގުޅިގެން އުފެދުނު ކޮވިޑް-19 ކްލަސްޓާގައި ހިމެނޭ މީހަކު މަރުވެފައިވާ ކަމަށް "މިހާރު" އިން އިއްޔެ ރިޕޯޓްކުރީ ކޮވިޑް ޖެހޭ މީހުންގެ މައުލޫމާތު ހާމަކުރުމަށް އެޗްޕީއޭ އިން ހަދާފައިވާ ޑޭޝްބޯޑުގައިވާ މައުލޫމާތަށް ބަލައިގެންނެވެ. އޭގައި އިއްޔެ އޮތް ގޮތުން، ކޮވިޑް ޖެހިގެން މި މަހުގެ ހަތް ވަނަ ދުވަހު 60 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި ވާއިރު އެއީ ވެޑިން ކްލަސްޓާގައި ހިމެނޭ މީހެކެވެ.
ނަމަވެސް މިހާރު އޮތީ، މަރުވި މީހާ އެއްވެސް ކްލަސްޓާއެއްގައި ނުހިމެނޭ ކަމަށެވެ.
އެޗްޕީއޭގެ ހިސާބުތަކުގައި އިއްޔެ އޮތް ގޮތުގައި، އެ ކްލަސްޓާގައި 103 މީހުން ހިމެނެ އެވެ. ގެނައި އިސްލާހާ އެކު މިހާރު އޮތީ ކްލަސްޓާގެ އަދަދު 102 ކަމަށެވެ.
ވެޑިން ކްލަސްޓާގައި ގިނަ ބަޔަކު ހިމެނުނަސް އެ އެންމެންނަކީ ޕާޓީއަށް ދިޔަ މީހުންނެއް ނޫނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕާޓީ އަށް ގޮސް ކޮވިޑް ޖެހުނު މީހުންނާއި އެ މީހުންނާ ކޮންޓެކްޓްވި މީހުންނެވެ. ޕާޓީއަށް 120 މީހަކު ދިޔަ ކަމަށް އެޗްޕީއޭ އިން ކުރިން ބުނެފައިވެ އެވެ.
މި ކްލަސްޓާގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 13 މީހެކެވެ. އޭގެ ތެރޭގައި 77 އަހަރުގެ އަންހެނަކު ހިމެނެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު މިހާރު ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިއްޔެ އަކީ ދެ މަހެއްހާ ދުވަސް ފަހުން، ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. މިއާ އެކު ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 14،993 އަށް އަރައިފަ އެވެ.