ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ސްޕެއިން ސަރުކާރުގެ ޓޫރިޒަމް ކުންފުންޏާ އެކު މަޝްވަރާކޮށްފި
ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ސްޕެއިން ސަރުކާރުގެ ޓޫރިޒަމް ކުންފުންޏާ އެކު މަޝްވަރާކޮށްފި

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ ގުޅޭގޮތުން ސްޕެއިންގެ ޓޫރިޒަމާ ބެހޭ ސަރުކާރުގެ ކުންފުނި "ސަޖިޓޫރު" އާ އެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަޝްވަރާކުރައްވައިފި އެވެ.

ޔޫއެންޑަބްލިއުޓީއޯގެ 113 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންއަށް ކުރެއްވި ދަތުރުގައި ސަޖިޓޫރުގެ ރައީސް އެންރިކް މާޓިނެޒް މަރިން އާއި އެ ކުންފުނީގެ ޑިރެކްޓަ އޮފް ޓޫރިޒަމް ރިސާޗް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން، ކާސް ރޮމާރިއޯއާ ޑރ. މައުސޫމް ބައްދަލުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި މައުސޫމް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ޓޫރިޒަމް ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެކަމުގައި ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ގިނަ ކަންތައްތަކެއް ރާއްޖޭގައި ތަންފީޒުކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ.

ސަޖިޓޫރުން ވަނީ އެ ކުންފުނިން ސްޕެއިންގެ ޓޫރިޒަމް ތަރައްގީކުރަން ގެންގުޅޭ ސިޔާސަތުތަކާއި، ޓޫރިޒަމް ކުރިއެރުވަން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި ޓޫރިޒަމް ކުރިއެރުވުމުގައި ރިސާޗާއި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާއި ބޭނުން ކުރަމުންދާ ގޮތްތަކުގެ މައުލޫމާތު ވެސް އެ ކުންފުނިން ހިއްސާކުރި އެވެ.

ސަޖިޓޫރަކީ ރިސާޗާއި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ޒަމާނާ އެއްގޮތަށް ޓޫރިޒަމް ކުރިއަރުވައި، ދުނިޔޭގެ ޓޫރިޒަމުގެ ވާދަވެރިކަމުގައި ސްޕެއިނަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރަން އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.