25 ޖެނުއަރީ 2021 - 00:39

މެންޗެސްޓާ (ޖެނުއަރީ 24) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި މިރޭ ލިވަޕޫލް އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާުތުގެ ފަސް ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ފަސް ވަނަ ބުރުގައި ޔުނައިޓެޑް އަންނަ މަހު ނުކުންނާނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ފެބްރުއަރީ 10 ނޫނީ 11 ގަ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ މުހައްމަދު ސަލާހު އެވެ. އޭގެ އަށް މިނިޓް ފަހުން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ. އޭނާ މި ގޯލު ޖެހީ މާކަސް ރެޝްފޯޑް ދިން ބޯޅައަކުންނެވެ. ދެ ވަނަ ހާފް ފެށިގެން ތިން މިނިޓް ތެރޭ ޔުނައިޓެޑުން ލީޑުނެގީ ރެޝްފޯޑް ޖެހި ގޯލުންނެވެ. މިއީ ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ރީސް ވިލިއަމްސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޔުނައިޓެޑުން ޖެހި ގޯލެކެވެ.
ނަތީޖާ ހަމަހަމަކުރަން ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 58 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ސަލާހަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެެރެއަށް ފޮނުވާލައިފަ އެވެ. އެ ގޯލުގައި ލިވަޕޫލްގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާގެ ދައުރު ބޮޑެވެ.
ލިވަޕޫލުން އެއްވަރުކުރުމުން ޔުނައިޓެޑުން ވަނީ ފްރެޑް އާއި ބްރޫނޯ ފެނާންޑޭސް ކުޅެން އަރުވައިފަ އެވެ. ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ފެނާންޑޭސް އެވެ. އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން ފެނާންޑޭސް ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވިއިރު، އެ ބޯޅަ ހުއްޓުވަން ލިވަޕޫލްގެ ގޯލްކީިޕަރު އެލިސަން ބެކާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ޔުނައިޓެޑަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން ފެނާންޑޭސް ނަގައިދިން ހުރަހަކުން އެޑިންސަން ކަވާނީ ބޮލުން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ފަހު ވަގުތު ނަތީޖާ ހަަމަހަމަކުރަން ލިވަޕޫލްގެ ސަލާހު ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
މިއީ އެފްއޭ ކަޕްގެ ތާރީހުގައި ޔުނައިޓެޑުން ލިވަޕޫލްގެ މައްޗަށް ކުރިހޯދި 10 ވަނަ ފަހަރެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މެޗުގެ ކުރީކޮޅުގައި ލިވަޕޫލުން ލީޑުނެގި ނަމަވެސް ޔުނައިޓެޑުން އަލުން މެޗުގެ ތެރެއަށް އައިސް ރަނގަޅު ކުޅުމެއް ދައްކައި މި ހޯދީ މުހިއްމު މޮޅެއް ކަމަށެވެ.
ގޯސް ނަތީޖާތަކުގެ ސަބަބުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް މި ވަގުތު ނަތީޖާ ނެރުމުގައި ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާއިރު، އޭނާ ބުނީ އެންމެ ފަހުން ބަލިވި މެޗުތަކާ އަޅާކިޔާއިރު މި މެޗުން ޕޮޒިޓިވް ކަންތައްތަކެއް ފެނުނު ކަމަށެވެ. ޔުނައިޓެޑް ދަނޑުގައި މޮޅެއް ހޯދޭނީ ވަރަށް ރަނގަޅަށް ވީހާވެސް އަމިއްލަ އަށް ހެދޭ ގޯސް މަދުކޮށްގެން ކަމަށާއި އެ ގޮތަށް ބަލާއިރު ޔުނައިޓެޑްގެ ދެ ވަނަ ގޯލުގައި ލިވަޕޫލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކީ މެޗުގެ އޮއެވަރު ބަދަލުވި ބޮޑު ސަބަބެއް ކަމަށް ކްލޮޕް ބުންޏެވެ.
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޗެލްސީ ކުުޅުނު މެޗުން ޓެމީ އަބްރަހަމްގެ ހެޓްރިކުން ވަނީ 3-1 އިން ލޫޓަން ޓައުން ބަލިކޮށްފަ އެވެ. އަދި ލެސްޓާ ސިޓީން ވަނީ ފަހަތުން އަރައި 3-1 އިން ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. ފުލަމް ދަނޑުގައި ބާންލީ މޮޅުވީ 3-0 އިންނެވެ.