24 ޖެނުއަރީ 2021 - 22:38

ރާއްޖޭގައި މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އަށް ވުރެ އިތުރުވެއްޖެ އެވެ. މިއީ މިފަހަކަށް އައިސް ކޮވިޑް-19 އަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ދުވަހެވެ.
ހެލްތު ޕްރޮޓެކޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 6:00 އާ ހަމަޔަށް 108 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 79 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތަކުން ފަސް މީހަކާއި ރިސޯޓުތަކުން 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެންމެ ފަހުން ކޮވިޑް-19 ގެ އަދަދު 100 އިން މައްޗަށް އަރާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ގަ އެވެ. އެ ދުވަހު 130 މީހުން ޕޮޒިޓިވްވި އެވެ.
ސަތޭކައަށް ވުރެ ގިނަ މީހުން މިއަދު ޕޮޒިޓިވްވި އިރު ކޮވިޑް ބަލީގައި މިއަދު 86 އަހަރުގެ މީހަކު ވަނީ މަރު ވެސް ވެފަ އެވެ. މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މަރުވި 51 ވަނަ މީހާ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 15،000 އާ ގާތްކުރާއިރު 80 މީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެ އެވެ.
ކޭސްތައް އިތުރުވި ނަމަވެސް މިއަދުވެސް ވަނީ ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފަ އެވެ.