24 ޖެނުއަރީ 2021 - 22:49

ސަރުކާރުގެ މަގާމްތަކަށް ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މުވައްޒަފުން ސަރުކާރާ ހިޔާލު ތަފާތުވިޔަސް އެ ހިޔާލު ފާޅު ނުކުރެވޭ ގޮތަށް އުސޫލެއް ހަދައިފި އެވެ.
ރައީސް އޮފީހުން ގެޒެޓުގައި މިއަދު އާންމު ކުރި އުސޫލުގައި ބުނާ ގޮތުން ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ އެވެ. އެފަދަ ނިންމުންތަކާ މެދު ހިޔާލު ތަފާތުވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކިވަކި ފަރުދުންގެ ގާތުގަ އާއި އާންމު ތަންތަނުގައި ނުވަތަ މީޑިއާގައި ވާހަކަ ނުދެއްކޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ނޫސް މަޖައްލާ ފަދަ ތަކެއްޗާއި ސޯޝަލް މީޑިއާގައި ނުލިޔެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.
ސަރުކާރު މުވައްޒަފުން މަސްއޫލިއްޔަތު އަދާ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ނައިބަށް އަދި ދާއިރާގެ ވަޒީރަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ އެވެ. އަދި ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށުއަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް ނުގެންގުޅެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ސިޔާސީ މުވައްޒަފުގެ މަގާމްގެ ހައިސިއްޔަތުން ދޭ ކޮންމެ މައުލޫމާތެއް ތެދުވެރިކަމާ އެކު ދޭން ޖެހޭނެ ކަމަށާއި އެއްވެސް މީހެއްގެ އަބުރަށް ނުވަތަ އިއްޒަތަށް އުނިކަން ލިބޭފަދަ އަމަލެއް ނުކުރެވޭނެ ކަމަށް އުސޫލުގައި ބުުނެފައިވެ އެވެ.
އަދި ސިވިލް ސާވިސް މުއައްޒަފެއް ލައްވާ ގާނޫނާއި ގަވައިދާ ހިލާފުވުމަށް ބާރު ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރުވުމާއި ސަރުކާރު މުވައްޒަފުން މަސައްކަތުގެ ގަޑީގައި މަގާމްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތް ނޫން އެހެން ކަމެއް ހަވާލު ނުކުރުން އުސޫލުގައި ހިމެނެ އެވެ.
އެ އުސޫލުގައިވާ ގޮތުން ސިޔާސީ މުވައްޒަފުން ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިއަށް ވުރެ ލަސް ވެއްޖެ ނަމަ މުސާރައިން ކެނޑޭނެ އެވެ. އެގޮތުން ރަސްމީ ދުވަސްތަކާއި ރޯދަ މަހުގައި ވެސް ސަރުކާރުން ކަނޑައަޅާފައި އޮންނަ ގަޑިއަށް ވުރެ އެއް މިނެޓު ލަސް ވިޔަސް މުސާރައިން ކެނޑޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.