24 ޖެނުއަރީ 2021 - 17:15

ހައި ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފާތިމަތު ފަރުހީޒާ އާއި އެ ކޯޓުގެ އިތުރު ތިން ފަނޑިޔާރަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބަލަން ނިންމައި އެކަމަށް ތަހުގީގު ކޮމިޓީ އެކުލަވާލައިފި އެވެ.
ފަރުހީޒާގެ އިތުރުން ދެން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރުގެ މައްސަލައެކެވެ. މި ބޭފުޅުންގެ މައްސަލަ ބަލަނީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް މަންފާއެއް ލިބިގަނެ ބަލައިގަތް ކަމަށް ބުނެ އެވެ. މިއީ ކުރީގެ ހައުސިން މިނިސްޓްރީން ފަނޑިޔާރުންނަށް ފްލެޓް ހަމަޖައްސައިދިން މައްސަލަ އެވެ.
ފަރުހީޒާގެ މައްސަލަ ބަލަނީ އޭނާ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީއަކަށް ހުންނެވި އިރު، ޝަރީއަތުގެ މަޖިލީހެއް ނިންމަވާލެއްވިކަން އިއުލާނުކުރެއްވުމަށް ފަހު، މައްސަލާގައި ހިމެނޭ މީހަކާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ހައި ކޯޓުގެ މި ފަނޑިޔާރުންގެ އިތުރުން އެހެން ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
މި ބޭފުޅުންގެ އިތުރުން ދ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖައާކުރުމަށް ޕީޖީ އޮފީހުން އެދުމުން ވެސް ގޮތެއް ނުނިންމާ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވި މައްސަލައެއްގައި އެ މައްސަލަ ބައްލަވާ އިސް މެޖިސްޓްރޭޓް އަލީ ޝަފީގްގެ މައްސަލަ ވެސް ބަލަން ވަނީ ނިންމައިފަ އެވެ. އޭނާއާ ދެކޮޅަށް ހުށަހަޅާފައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުމުގެ މައްސަލައެކެވެ.