24 ޖެނުއަރީ 2021 - 16:50

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ހަތް ކުށުގެ ދައުވާ އަށް އޭނާ މިއަދު ޝަރީއަތުގައި އިންކާރު ކުރައްވައިފި އެވެ.
ޝަރީއަތްތައް ހިންގަންޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ވިޔަސް މައްސަލައިގެ ބާވަތުން ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކްރިމިނަލް ކޯޓުގައި ޝަރީއަތް ބޭއްވީ އާންމުންނާއި މީޑިއާ ވެސް ނުވައްދަ އެވެ. އެހެންވެ ޝަރީއަތާ ބެހޭ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މީޑިއާ އަށް ވަކިން ދިން މައުލޫމާތުގައި ބުނީ އަލީ ވަހީދު ދައުވާތަކަށް އިންކާރު ކުރެއްވުމުން ދައުލަތުން ދައުވާތައް ސާބިތުކުރުމަށް ހެކި ހުށަހެޅި ކަމަށެވެ. ނަމަވެސް މިއީ ޖިންސީ ކުށްތަކަކާ ގުޅޭ ވާހަކަތަކަކަށް ޑީޖޭއޭ އިން ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ވަޒީރުކަމުގައި ހުންނެވި އިރު މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު މަގާމުން ވަކި ކުރި އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އެވެ.
ޑީޖޭއޭ އިން ބުނީ ދައުވާތަކަށް އިންކާރުކޮށް އަލީ ވަހީދުގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތަށް އެދުނު ކަމަށެވެ. އެހެންވެ ގާޒީ ވަނީ އަލީ ވަހީދަށް އެ ފުރުސަތު ދެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލައްވައިފަ އެވެ.
އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ގާޒީ އެންގެވި އެވެ.
އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ އަންނާނެ އެވެ.