ދެ މަސް ފަހުން ނިއު ޒީލެންޑުން ކޮމިއުނިޓީ ކޭހެއް ފެނިއްޖެ
ދެ މަސް ފަހުން ނިއު ޒީލެންޑުން ކޮމިއުނިޓީ ކޭހެއް ފެނިއްޖެ

ވެލިންޓަން (ޖެނުއަރީ 24) - ވޭތުވެދިޔަ ދެ މަސް ތެރޭ ނިއު ޒީލެންޑުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަހުގެ ކޮމިއުނިޓީ ކޭހެއް ފެނިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ޔޫރަޕުން ދާދި ފަހުން ނިއު ޒީލެންޑަށް ދިޔަ 56 އަހަރުގެ އަންހެނެއްގެ ދެ ހަފުތާގެ ކަރަންޓީނުގެ މުއްދަތު ނިމުނުތާ 10 ދުވަސް ފަހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހާ ޓެސްޓް ކުރުމުގެ ދުވަސްކޮޅެއް ކުރިން ވެސް ބަލީގެ އަލާމާތްތައް ވަނީ ފެންނަން ފަށައިފަ އެވެ.

ކޮމިއުނިޓީ ކޭހެއް ފެނުމާ ގުޅިގެން އޮކްލޭންޑުގެ އުތުރުގެ ސަރަހައްދުތަކުން ވަނީ ކޮންޓެކްޓް ދެނެގަތުމުގެ މަސައްކަތް ހަލުވިކޮށްފަ އެވެ. އެއީ އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ ނޯތުލޭންޑް ސަރަހައްދުގައި ދަތުރުކޮށްފައިވާތީ އެވެ. އެ މީހާ ވަނީ ތަފާތު 30 ތަނަކަށް ޒިޔާރަތްކޮށްފަ އެވެ.

ހެލްތު މިނިސްޓަރު ކްރިސް ހިޕްކިންސް ވިދާޅުވީ އަލަށް ފެނުނު ކޭސްއާ ގުޅިގެން ލޮކްޑައުނަކަށް ދާނީތޯ ނިންމުން އަދި މާބޮޑަށް އަވަސް ކަމަށެވެ.

ޕޮޒިޓިވްވި އަންހެން މީހާ ނިއު ޒީލެންޑަށް ދިޔައީ ޑިސެމްބަރު 30 ގަ އެވެ. އޭގެ ކުރިން އެ މީހާ ވަނީ ޔޫރަޕުގައި ހަތަރު މަސް ދުވަސް ހޭދަކޮށްފަ އެވެ. ގިނައިން އުޅުނީ ސްޕޭނާއި ނެދަލޭންޑްސްގަ އެވެ. އޯކްލޭންޑުގައި ކަރަންޓީނުގައި ހުރި ހޮޓަލުން އެ މީހާ ދޫކޮށްލީ ޖެނުއަރީ 13 ގަ އެވެ. އެ ހޮޓަލުގައި ހޭދަކުރި 600 ވަރަކަށް މީހުން އެކަހެރިކޮށް އުޅުމަށް މިހާރު ވަނީ އަންގައިފަ އެވެ. ނުވަތަ އަލުން ކޮވިޑަށް ޓެސްޓް ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

ނިއު ޒީލެންޑުގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު އޭޝްލީ ބްލޫމްފީލްޑް ވިދާޅުވީ އެ މީހާ ކަރަންޓީނުގައި ހުރި އިރު ނެގި ސާމްޕަލްގެ ޕީސީއާރް ދެ ޓެސްޓް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. މިއީ ނޮވެމްބަރު 18 ގެ ފަހުން ނިއު ޒީލެންޑުން ފެނުނު ފުރަތަމަ ކޮމިއުނިޓީ ކޭސް އެވެ.

ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއު ޒީލެންޑުން މިހާތަނަށް 1،927 މީހުން ޕޮޒިޓިވްވި އިރު މަރުވީ 25 މީހުންނެވެ.