ރޭގެ މާރާމާރީއާ ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފި
ރޭގެ މާރާމާރީއާ ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފި

މަޖީދީމަގުގައި ރޭ މާރާމާރީ ހިންގައި ދެ މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މާލޭގައި އަނެއްކާ ވެސް މާރާމާރީތައް އިތުރުވާން ފެށުމާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެ އޮޕަރޭޝަންގައި ފިނޭންސް މިނިސްޓްރީ ކުރިމަތިން ކަހަލަ ގޮތަކަށް ހުންނަ ސެންޓްރަލް ޕާކު ކެފޭ ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ވަކި އަދަދެއް ނޭނގެ،" ތަރުޖަމާނު ވިދާޅުވި އެވެ.

އެކަމަކު، މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އެ ކެފޭ ތެރެއަށް ދެ ފަހަރެއްގެ މަތިން ފުލުހުން ވަދެ ޒުވާނުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ އަދަދު 25 ނުވަތަ 30 އަށް އަރާނެ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ، މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި، ތިން ވެހިކަލެއްގަ އެވެ. އަދި ފިނޭންސް މިނިސްޓްރީ ކައިރީގައި ހަރަކާތްތެރިވި ބައެއް ފުލުހުން ތިބީ މާސްކް އަޅާފައި ކަމަށް ވެސް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު މާލޭގައި ހިންގި މާރާމާރީގައި ހިންގާފައިވަނީ މަރުތޭލާއި ފަތިބުރި އާއި ތޫނު ހަތިޔާރު ބޭނުންކޮށްގެންނެވެ. ރޭ 11:00 ގައި މަޖީދީމަގުން އިބްރާހިމީ މިސްކިތް ހުންނަ ސަރަހައްދުގައި ތިބި ގުރޫޕަކުން، ސައިކަލުގައި ދިޔަ ދެ މީހަކަށް ހަމަލާ ދިނުމަށް ފަހު ވަނީ ފިލައިފަ އެވެ. އަދި ޒަހަމްވި މީހުން ވެސް ވަނީ، އެ ސަރަހައްދަށް ފުލުހުން ދިއުމުގެ ކުރިން އެ ތަނުން ގޮސްފަ އެވެ.