24 ޖެނުއަރީ 2021 - 11:28

ޝީ ބިލްޑިންގައި މިދިޔަ މަހު ބޭއްވި ކައިވެނި ޕާޓީއަކުން އުފެދުނު ކޮވިޑް-19ގެ ކްލަސްޓާގައި މިހާތަނަށް 103 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކްލަސްޓާގައި ހިމެނުނު މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި މި ޕާޓީއަށް 120 މީހަކު ދިޔަ ކަމަށް ބެލެވިފައި ވިޔަސް ކޮވިޑް ޖެހުނު އެންމެންނަކީ ޕާޓީއަށް ދިޔަ މީހުންނެއް ނޫނެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ޕާޓީން ބަލި ޖެހުނު މީހުންނާއި އެ މީހުންނާ ކޮންޓެކްޓުވި، ޕާޓީ އަށް ނުދާ މީހުން ވެސް ހިމެނެ އެވެ.
މި ކްލަސްޓާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 89 މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް ވެސް އެޗްޕީއޭގެ ޑޭޝް ބޯޑުން ދައްކަ އެވެ. މިހާރު ރަނގަޅު ނުވެ ތިބި 13 މީހުންގެ ތެރޭގައި ހިމެނެނީ މި މަހު ޕޮޒިޓިވްވި މީހުންނެވެ. ނަމަވެސް މިދިޔަ މަހުގެ 24 ގައި ޕޮޒިޓިވްވި 46 އަހަރުގެ އަންހެނަކާއި 27 ވަނަ ދުވަހު ޕޮޒިޓިވްވި 77 އަހަރުގެ އަންހެނެއް ހިމެނެ އެވެ.
ޑޭޝް ބޯޑުގައި ހުރި މައުލޫމާތަށް ބަލާއިރު މި މަހުގެ ހަތް ވަނަ ދުވަހު ކޮވިޑްގައި 60 އަހަރުގެ ފިރިހެނަކު މަރުވެފައި ވާއިރު އެއީ ވެސް ކައިވެނި ކްލަސްޓާގައި ހިމެނޭ މީހެކެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ބޭއްވި ކަމަށް ބުނާ މި ކައިވެނި ޕާޓީގެ ކްލަސްޓާގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. މީގެ ތެރޭގައި މިހާރު ވެސް ފަރުވާ ހޯދަމުން އަންނަ ތިން އަހަރުގެ ކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކާއި 10 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.
މިހާތަނަށް 14،885 މީހަކު ރާއްޖޭން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13،813 މީހުން ވަނީ ރަނގަޅުވެފަ އެވެ. ބަލީގައި މަރުވި އަދަދު މިހާރު ވަނީ 50 އަށް އަރައިފަ އެވެ.