އާ މޫނުތަކުން ފިލްމީ ދާއިރާއަށް އުންމީދު
އާ މޫނުތަކުން ފިލްމީ ދާއިރާއަށް އުންމީދު

ދިވެހި ފިލްމީ ދާއިރާއާ ގުޅޭ ގޮތުން އާންމުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ އަބަދު ވެސް އެއް ބަޔަކު ފެންނަ ވާހަކަ އެވެ. އަދި މި ދާއިރާ އަށް އާ ކުދިން ނުކުންނަލެއް މަދު ވާހަކަ އެވެ.

އެކަމަކު މިހާރު މަންޒަރު ވަނީ ވަރަށް ބޮޑަށް ބަދަލުވާން ފަށައިފަ އެވެ. ކުރިން ފިލްމީ ދާއިރާގައި އެންމެ ނަން ކިޔާ ގިނަ ފަންނާނުން މިހާރު ތިބީ މި ދާއިރާއާ ދުރުގަ އެވެ. ނަތީޖާ އަކީ މަޑުމަޑުން އާ މޫނުތަކެއް ސްކްރީންތަކުން ބަލާލަން މިހާރު ލިބުމެވެ. ބޮޑު ސްކްރީނާއި ޓީވީ ސްކްރީނުން ކަމަށް ވިޔަސް އަދި މި ފަހަކަށް އައިސް ވައިގައި ހިފައިގެން އުޅޭ ވެބް ސީރީޒްތަކުން ވެސް ތައާރަފުވާ އާ ފަންނާނުން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

މި ފަހުން ދިވެހި އުފެއްދުމެއްގެ މައިގަނޑު މުޅި ކާސްޓް އާކޮށް ފެނުނު އެކައްޗަކަށް ބެލުންތެރިންގެ ސަމާލުކަން ހޯދި، ރަވީ ފާރޫގް ޑައިރެކްޓްކުރި ވެބް ސީރީޒް "އެހެނަސް" ވާނެ އެވެ. އެއިން ދެ ޖިންސްގެ އެތައް އާ ފަންނާނުންނެއް ފެނިއްޖެ އެވެ. އެ ސީރީޒުން ހުނަރު ދައްކައިލި ގިނަ ޒުވާނުން މިހާރު އަންނަނީ އެކި ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކުރަމުންނެވެ.

ހަގީގަތުގައި ފިލްމީ ދާއިރާ އިން މިހާ ގިނަ އަދަދަކަށް މި ފަހުން އާ ފަންނާނުން ފެންނަން ފެށީ 2016 ހިސާބުގަ އެވެ. އެ ހިސާބުން ފެށިގެން މަޑުމަޑުން އާ ފަންނާނުން އިތުރުވަމުން އަންނަ އިރު ރާއްޖޭގެ އެންމެ ބިޒީ ސްޓޫޑިއޯ ޑާކް ރެއިނުން މި ފަހުން ގެނެސްދިން ގިނަ އުފެއްދުންތަކުން ވެސް އާ ފަންނާނުން ފެނިގެން ގޮސްފައިފެ އެވެ. އެ ސްޓޫޑިއޯގެ 2018 ގެ "މީ ލޯތްބަކީ" އަކީ އާ ގިނަ ފަންނާނުންތަކެއް ފެނުނު ފިލްމެކެވެ. ޑާކް ރެއިންގެ ކުރިއަށް ހުރި ގިނަ ޕްރޮޖެކްޓްތަކަށް ބަލާ އިރު ވެސް ފިލްމީ ދާއިރާ އަށް ގިނަ އާ ކުދިންތަކެއް ނެރޭނެ އެވެ.

ފިލްމީ ދާއިރާ އަށް ނުކުންނަ އަންހެން ކުދިން މިހާރު ގިޔަނަސް އަދިވެސް ލީޑް ރޯލުތައް ކުޅެން ލިބޭ އެކްޓަރުންގެ އަދަދު ގިނައެއް ނުވެ އެވެ. މި ފަހުން އެންމެ ބޮޑަށް ވިދައިލި އެއް އެކްޓަރަކީ 2014 ގެ ފިލްމު "އަނިޔާ" އިން ނުކުތް ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ. އެކަމަކު ޖެހުނު ލައްގަނޑަކާ އެކު އޭނާ ގެއްލިއްޖެ އެވެ.

ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއިންނަށް ބަލާ އިރު ކުރު މުއްދަތެއްގައި އެންމެ ބޮޑު ޑިމާންޑެއް ލިބުނު ބަތަލާ އަކީ 2017 ގެ "މަލިކާ" އިން ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އޭނާގެ އަތުގައި މި ވަގުތު ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރި އިރު، ނުޒޫ އަކީ ހުނަރުން އެންމެންގެ ލޯބި އަތުލައިގަތް ބަތަލާއެކެވެ.

ފިލްމީ ދާއިރާ އިން މި ފަހުން އެންމެ ގިނައިން ފެންނަން ފެށި އާ މޫނުތަކަށް ބަލާ އިރު ބައިސްކޯފްގެ ވެބް ސީރީޒް "ތިން ބިބީ" އިން ނުކުތް ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ނަތާޝާ ޖަލީލުގެ އިތުރުން "އެހެނަސް" ގެ ބަތަލާ ޝަރާ އާއި 2017 ގެ ފިލްމު "ދެވަންސޫރަ" އިން ތައާރަފުވި ބަތަލާ މަރިޔަމް ޝިފާ އާއި ޑާކް ރެއިންގެ "ގޮށްރާޅު" އިން 2019 ގައި ތައާރަފުވި އައިމިނަތު ރަޝްފާ (އާޝާ) ފަދަ ތަރިން ވަރަށް ފާހަގަކޮށްލެވެ އެވެ. މި ތަރިންނަކީ މިހާރު ފިލްމީ ޕްރޮޖެކްޓްތަކުގެ އިތުރުން ޓީވީ އިޝްތިހާރުތަކުން ވެސް ފެންނަ އާންމު މޫނުތަކެވެ.

އެކްޓަރުންނަށް ބަލާ އިރު ކުރިއަށް އޮތް ތަނުގައި އެންމެ ވިދައިލާނެ ކަމަށް ބެލެވޭ އެކަކީ "ބަވަތި" ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "ނީނާ" ގެ ބަތަލު ޝަރަފު އަބްދުﷲ އެވެ. މި އަހަރު ރިލީޒްކުރާނެ އެ ފިލްމުގެ ބަތަލާ އަކީ ނުޒޫ އެވެ. ޝަރަފަކީ ޑާކް ރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން "ބަޅިނދު" ގެ ކާސްޓްގައި ވެސް ހިމެނޭ އެކްޓަރެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ ޖުމައްޔިލް ހޯދި ވަރުގެ ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭ އެކްޓަރެކެވެ. އެހެންވެ މި އަހަރު އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމަކީ "ނީނާ" އެވެ.

ފިލްމީ ދާއިރާ އަށް ނުކުންނަ އާ ފަންނާނުން މަދުވާ ސަބަބެއް ވެސް އެބައޮތެވެ؛ މިއީ އަބަދު ވެސް ދެކެވޭ ބޮޑު އެކަމަކު ބާ ވާހަކައެކެވެ. އެއީ ބައެއް ފިލްމީ ތަރިންގެ އަހުލާގީ ފެންވަރާ މެދު ސުވާލު އުފެދުމެވެ. މިފަދަ މައްސަލަކުތަކުގައި ކުރިން ވެސް އަދި މިހާރު ވެސް ތަރިންތަކެއް އޮއްސިގެން ގޮސްފައިވެ އެވެ.

މި ފަހުން ފިލްމީ ދާއިރާ އަށް ނުކުތް އާ ފަންނާނުންގެ ތެރެއިން ފާތުމަތު ނަހުލާގެ "ބޮސް" ކުޅުނު މުހައްމަދު ޔުނާން އާއި 2016 ގައި "ނޭނގި ޔާރު ވަކިވީ" އިން ތައާރަފުވި މަލީހާ ވަހީދު ފަދަ ތަރިންގެ އަހުލާގީ މައްސަލަތަކުގެ ވާހަކަ އަކީ މީޑިއާތަކުގައި ވެސް އެންމެ ހޫނުކޮށް ދެކެވުނު ވާހަކަތެކެވެ.

ފިލްމީ ދާއިރާއާ ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުކުރެވެން އޮތީ ވެސް ފިލްމީ ތަރިންނަކީ ނަމޫނާ ބަޔަކަށްވެގެންނެވެ. މި ދާއިރާ އަށް އާ ފަންނާނުން ނުކުންނަ މިންވަރު އިތުރުވެ، ކުރިއަރާނީ ވެސް އެކަން ދެމަހެއްޓޭ ނަމަ އެވެ.