24 ޖެނުއަރީ 2021 - 10:22

ކޮވިޑް-19 ގެ ވެކްސިން ޖަހަން އެއްވެސް މީހަކަށް މަޖުބޫރު ނުކުރާނެ ކަމަށާއި ނަމަވެސް އާންމު ހާލަތަކަށް ރުޖޫއަވުން އަވަސް ވާނީ ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖަހައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
"...ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަަތު ކުޑަކޮށްދޭ،" ވެކްސިނާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް އެޗްޕީއޭ އިން ރޭ އާންމު ކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމުގައި އިސްކަން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން އިޖްތިމާއީ ހާލަތްތަކުގައި އުޅޭ މީހުންނަށް ހިދުމަތްދޭ މީހުންނަށް ކަމަށެވެ.
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވެކްސިނެއް ނުދޭނެ އެވެ. ސަބަބަކީ ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައެޅިފައިވާ ވަކި އުމުރުފުރާތަކަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކަކަށް ވާއިރު އެ ޓެސްޓުތަކުގައި 16 އަހަރުން ދަށުގެ ކުދިން ހިމަނާފައި ނުވާތީ އެވެ.
ސަރުކާރުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން ކޮވިޑާ ދެކޮޅަށް އުފެއްދި "ކޮވިޝީލްޑް" ވެކްސިންގެ 700،000 ޑޯޒް ގަތުމަށް މަސައްކަތްކުރަމުންނެވެ. މީގެ 100،000 ޑޯޒް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އަށް ހަދިޔާ ވެސް ކޮށްފަ އެވެ.
މި ވެކްސިނާ ބެހޭ ގޮތުން ވެސް އެޗްޕީއޭ އިން އަންނަނީ މައުލޫމާތު ދެމުންނެވެ. ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާތަނަށް ކޮށްފައިވާ ދިރާސާތަކާއި ވެކްސިންގެ ސައިޑްއިފެކްޓްސްތަކާ މެދު ހޭލުންތެރިކަން އިތުރުކުރަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މި ވެކްސިނަށް ހުއްދަ ހޯދުމަށް ޑަބްލިޔުއެޗްއޯ އަށް
މިހާރު ހުށަހަޅާފައި ވާއިރު އެ ތަނުން ލަފާކުރަނީ އަންނަ މަހުގެ 15 ގެ ކުރިން ހުއްދަ ދެވޭނެ ކަމަށެވެ.