25 ޖެނުއަރީ 2021 - 08:04

މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގައި ސަލްމާން ޚާންގެ ލޯބިވެރިޔާގެ ގޮތުގައި ފެންނާނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ޕްރިގިއާ ޖައިސްވާލް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަލްމާނާއި ޅިޔަނު އާޔޫޝް ޝަރުމާގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިމެނޭ ފިލްމުގެ ޝޫޓިން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށްދާ އިރު، ޕްރިގިއާ އަށް ލިބުނު ރޯލަށް އޭނާ ވަރަށް ސިއްރުން ޝޫޓްކުރާތާ ވެސް މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "އަންތިމް" ގައި ސަލްމާނާއި ޕްރަގިއާ އެކީގައި ފެނިގެންދާނެ ވަރަށް އަސަރު ގަދަ ލޯބީގެ ލަވައެއް ވެސް ހިމެނޭނެ އެވެ. ސަލްމާން މީގެ ކުރިން ވެސް ދެކުނުގެ ބައެއް ބަތަލާއިންނާ އެކު ފިލްމުތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ރިވަތީއާ އެކު ކުޅުނު 1991 ގެ "ލަވް" އާއި 2003 ގައި ބޫމީ ޗާވްލާއާ އެކު ކުޅުނު "ތެރެ ނާމް" ގެ އިތުރުން 2005 ގައި ސްނޭހާ އުލާލްއާ އެކު ކުޅުނު "ލަކީ: ނޯ ޓައިމް ފޮ ލަވް" ހިމެނެ އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި "އަންތިމް" ގައި ސަލްމާންގެ ބަތަލާއަކަށް ވާނީ އޭނާއާ އެކު 2019 ގެ "ދަބަންގް 3" އިން ތައާރަފުކުރި ސާއި މަންޖްރޭކަރެވެ. ސާއީ އަކީ "އަންތިމް" ގެ ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރްގެ ދަރިއެކެވެ.
"އަންތިމް" ގައި އާޔޫޝްގެ ބަތަލާ ރޯލު ކުޅޭނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ ސިލްސިލާ "ބަލިކާ ވަދޫ" އިން މަޝްހޫރުވި އަވިކާ ގޯރް ނުވަތަ "ޝުބްއާރަމްބް" ފަދަ ސިލްސިލާތައް ކުޅުނު މަހީމާ މަކްވާނީ ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ. ބުންޏެވެ. ނަމަވެސް އަޔޫޝްއާ ފެންނާނީ ކާކުކަން އަދިވެސް ކަށަވަރެއް ނުވެ އެވެ.
"އަންތިމް" ގެ ޝޫޓިން އަންނަ މަހު ނިންމައިލާ އިރު މި ފިލްމު މި އަހަރު ސިނަމާތަކަށް ވެސް ގެންނާނެ އެވެ. މިއީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
ސަލްމާން "އަންތިމް" ގައި ކުޅެނީ ފަގުޑި އެޅި ފުލުހެއްގެ ރޯލެވެ. އާޔޫޝް އަކީ ނުރައްކާތެރި ގޭންގްސްޓާރެކެވެ.