ފަގީރު ގައުމުތަކަށް ފައިޒާގެ ވެކްސިންގެ 40 މިލިއަން ޑޯޒް
ފަގީރު ގައުމުތަކަށް ފައިޒާގެ ވެކްސިންގެ 40 މިލިއަން ޑޯޒް

ޖެނީވާ (ޖެނުއަރީ 23) - ފަގީރު ގައުމުތަކަށް ފައިޒާގެ ވެކްސިންގެ 40 މިލިއަން ޑޯޒް އެއްވެސް ފައިދާއެއް ނެތި ފޯރުކޮށްދޭން އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުގައި ކޮރޯނާވައިރަހުގެ ވެކްސިން މިހާރު ދޭން ފަށާފައިވާ އިރު ފަގީރު ގައުމުތަކުގައި އަދި ވެކްސިން ދޭން ވެސް ނުފަށަ އެވެ.

މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށް ދިނުމަށް އދ. އިން އިސްނަގައިގެން އުފައްދާފައިވާ ކޯވެކްސް އިން ފޯރުކޮށްދޭ ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ ތެރޭގައި ގައުމުތަކަށް ފޮނުވަން ފެށޭނެ ކަމަށްވެ އެވެ. ޑަބްލިއުއެޗްއޯ އިން މިހާތަނަށް ހުއްދަ ދީފައި ވަނީ ހަމައެކަނި ފައިޒާގެ ވެކްސިނަށެވެ.

"ދުނިޔޭގެ މުއްސަނދި ގައުމުތަކެކޭ އެއްގޮތަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެސް ވެކްސިން ލިބެން ޖެހޭނެ،" ފައިޒާގެ ޗެއާމަން އަލްބާޓް ބޯލާ ވިދާޅުވި އެވެ. "ކޯވެކްސް މެދުވެރިކޮށް ފައިދާއެއް ނެތި އަޅުގަނޑުމެން ވެކްސިން ފޯރުކޮށްދޭނަން."

ކޯވެކްސް އިން އަމާޒުކޮށްފައި ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވާ ގައުމުތަކުގެ އެންމެ ނާޒުކް ކެޓަގަރީތަކުގެ 20 ޕަސެންޓް މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށެވެ.