23 ޖެނުއަރީ 2021 - 23:02

ކޮލަމްބޯ (ޖެނުއަރީ 23) - ސްރީ ލަންކާގެ ހެލްތު މިނިސްޓަރަށް ކޮވިޑް ޖެހިގެން އޭނާ މިއަދު އައިސޮލޭޝަނަށް ވަޑައިގެންފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރާ ކޮންޓެކްޓްވި އެންމެން މިހާރު ކަރަންޓީންކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ އަށް ކޮވިޑް ޖެހުނު އިރު އެކަމަނާ ވަނީ ލަންކާގައި ސިހުރުހަދާ މީހަކު ކޮރޯނާވައިރަހަށް ތައްޔާރު ކުރި "ޖާދޫގެ ބުއިމެއް" އެންޑޯޒް ކުރައްވައި އެންމެ ފަހުން އެ ބުއިން ވެސް ބައްލަވައިފަ އެވެ. މާމުއި އަޅައިފައިވާ އެ ބުއިން ތައްޔާރު ކުރި މީހާ ބުނެފައި ވަނީ އެ ބޮއެފި މީހަކަށް ދުވަހަކު ވެސް ކޮވިޑް ނުޖެހޭނެ ކަމަށެވެ. ބުއިން ތައްޔާރުކޮށްފައި ވަނީ ވަޑާން ކުރާ މީހެކެވެ.
މިނިސްޓަރު ޕަވިތުރާ މިދިޔަ ނޮވެމްވަރު މަހު ވަނީ އަމިއްލަ އަށް ކަލާނގެއަކަށް ހެދިގެން އުޅުނު މީހަކު ކިޔަވައިފައި ދިން "މާތް ފެން ތެއްޔެއް" ކޯރަކަށް އޮއްސާލައިފަ އެވެ. އެ ފެން ތެލި ތައްޔާރުކުރި މީހާ ބުނެފައި ވަނީ އެކަން ކޮށްފި ނަމަ ކޮވިޑުގެ ބަލިމަޑުކަން ނިމުމަކަށް އަންނާނެ ކަމަށެވެ.
ކޮރޯނާވައިރަސް ނުޖެހޭނެ ކަމަށް ބުނެ އުފެއްދި "ޖާދޫގެ ބުއިން" ބެއްލެވި ޖޫނިއާ މިނިސްޓަރަކު ވެސް ވަނީ މިދިޔަ ހަފުތާގައި ޕޮޒިޓިވްވެފަ އެވެ. ލަންކާގެ ޑޮކްޓަރުން ބުނެފައި ވަނީ އެއީ ސައެންޓިފިކް ގޮތުން އެއްވެސް އަސްލެއް ހުރި ބުއިމެއް ނޫން ކަމަށެވެ.
ސްރީ ލަންކާ އިން ހުކުރު ދުވަހު ވަނީ އޮކްސްފޯޑާއި އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިނަށް ހުއްދަ ދީފަ އެވެ.
އާބާދީގައި 21 މިލިއަން މީހުން ހިމެނޭ ސްރީ ލަންކާ އިން މިހާތަނަށް ވަނީ 57،587 މީހުން ޕޮޒިޓިވްވެ 280 މީހުން މަރުވެފަ އެވެ. މިއަދު ވަނީ 724 މީހުން ޕޮޒިޓިވްވެފަ އެވެ. ލަންކާގައި ކޭސްތައް އިތުރުވާން ފެށީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އޮކްޓޯބަރު 13 އާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 3،300 އެވެ.