ސަޕޯޓަރުންގެ ޓްރޮފީ ހަންނަ އާއި ހަލީލަށް
ސަޕޯޓަރުންގެ ޓްރޮފީ ހަންނަ އާއި ހަލީލަށް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހަފްތާގެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު ސަޕޯޓަރުންނަށް ހުޅުވާލި ފަހުން ފުރަތަމަ ދެ ހަފްތާގެ ޓްރޮފީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ހޯދައިފި އެވެ.

ލީގުގެ ފަސް ވަނަ ހަފްތާ އިން ފެށިގެން ސަޕޯޓަރުންގެ މެދުގައި ހަފްތާގެ އެންމެ މަގުބޫލު ކުޅުންތެރިޔަކު ހޮވާނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ރަސްމީ ޕޭޖުގަ އެވެ. ހަންނަ އަށް ލިބުނީ ފަސް ވަނަ ހަފްތާގެ މޮޅު ކުޅުންތެރިޔާގެ މަގާމެވެ. ހަލީލް ހޯދީ ހަ ވަނަ ހަފްތާގެ މޮޅު ކުޅުންތެރިޔާގެ މަގާމެވެ.

ހަންނަ އާއި ހަލީލަށް މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކުރީ އިއްޔެ ކުޅުނު ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުތަކުގައި އެވެ. ހަންނަ އަށް ފަސް ވަނަ ހަފްތާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން އީގަލްސް 3-2 އިން މޮޅުވި މެޗުގައި ދެ ގޯލު ޖެހުމުގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުންނެވެ. ސަޕޯޓަރުންގެ ވޯޓުގައި ހަންނަ ކުރިހޯދީ ޓީސީގެ މުހައްމަދު އައްޒާމް، ގްރީން ސްޓްރީޓްސްގެ އެންހެލް މުނޯޒް އަދި މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)ގެ މައްޗަށް ކުރިހޯދައިގެންނެވެ.

ހަލީލް ވަނީ ލީގުގެ ހަ ވަނަ ހަފްތާގެ މެޗުގައި ގްރީން ސްޓްރީޓްސް އިން 4-1 އިން އީގަލްސް ބަލިކުރި މެޗުގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން މެދުތެރޭގައި ތަފާތު ކުޅުމެއް ދައްކައިފަ އެވެ. ސަޕޯޓަރުންގެ އެހީއާ އެކު އެ ހަފްތާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަލީލް ހޯދީ މާޒިޔާގެ ސްޓެވާޓް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ އުޒްބެކިސްތާން ޑިފެންޑަރު ކޮމިލޯފް އަބްދުރަސުލް އަދި ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވްއާ ވާދަކޮށެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުތައް އިއްޔެ ނިމިފައިވާއިރު ވަރަށް އަވަހަށް ހަތް ވަނަ ހަފްތާގެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު ސަޕޯޓަރުންނަށް ހުޅުވައިލާނެ އެވެ. ހަތް ވަނަ ހަފްތާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވަނީ މި ހަފްތާގެ ހަތަރު މެޗުގެ މޮޅު ކުޅުންތެރިންނެވެ. އެއީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ޖަޕާން މިޑްފީލްޑަރު އެއިސޫކޭ މޯރީ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ އަޔާޒް އަހުމަދު (އަޔާ)، ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު އައްޒާމް އަދި ކްލަބް އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) އެވެ. މީގެ ތެރެއިން ސަޕޯޓަރުން ހޮވާ ކުޅުންތެރިއަކަށް ޓްރޮފީ ހަވާލުކުރާނީ ބުދަ ދުވަހު ފަށާ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުތަކުގައި އެ ހޮވޭ ކުޅުންތެރިއަކު ހިމެނޭ ޓީމެއްގެ މެޗުގެ ކުރިންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ ސަޕޯޓަރުންނަށް ހުޅުވާލައިގެން މި ގޮތަށް އެންމެ މޮޅު ކުޅުންތެރިއަކު ހޮވަން ނިންމި އެންމެ ބޮޑު ސަބަބަކީ ލީގުގެ މެޗުތަކުގެ އިތުރުން ފުޓްބޯޅައިގައި ސަޕޯޓަރުން ބައިވެރިވާ މިންވަރު އިތުރުކުރުމުގެ ގޮތުންނެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީ އާއި ފޭސްބުކް މެދުވެރިކޮށް ދައްކާތީ ގިނަ ބަޔަކު އަންނަނީ ލީގުގެ މެޗުތައް ބަލަމުންނެވެ. ސަޕޯޓަރުންގެ ވޯޓުން ހަފްތާގެ އެންމެ މަގުބޫލް ކުޅުންތެރިޔާ ހޮވަން ހުޅުވާލާ ފުރުސަތުގައި ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.