24 ޖެނުއަރީ 2021 - 08:08

ދެހާސް އަށާރައިގައި ރިލީޒްކުރި ފިލްމު "މަލާލް" އިން ތައާރަފުވި ބަތަލާ ޝަރުމިން ސޭގަލް ދެވަނަ ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިންގެ އާ ފިލްމަކީ "އަތިތީ ބޫތޯ ބާވާ" އެވެ. މީގެ ކާސްޓްގައި ޖެކީ ޝްރޮފާއި ޕްރަތީކް ގާންދީ ވެސް ހިމެނެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ހާޑިކް ގައްޖަރެވެ.
ޝަރުމިން އަކީ ބަންސާލީ ހަދާފައިވާ ގިނަ ފިލްމުގެ އެޑިޓަރު އަދި ކޮއްކޮ ބޭލާ ސޭގަލްގެ ދަރިއެކެވެ. އޭނާގެ އަލަތު ފިލްމު "މަލާލް" އަކީ އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ ވެސް ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ.
މީޒާންގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ޕްރިޔާ ދަރުޝަންގެ "ހަންގާމާ 2" އެވެ.
މިދިޔަ ހަފުތާގައި ޕޯސްޓަރު ދައްކައިލި ޑައިރެކްޓަރު މަދޫރް ބަންޑާކަރްގެ އާ ފިލްމު "އިންޑިއާ ލޮކްޑައުން" ގެ ޝޫޓިން ފަށައިފި އެވެ.
މާ މަޝްހޫރު ނޫން ކާސްޓެއް ހިމެނޭ މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ޕްރަތީކް ބައްބަރް، ޝްވޭތާ ބާސޫ ޕްރަަސާދު، ސާއީ ތަމްހާކަރް، އަހާނާ ކުމްރާ، ޕްރަކާޝް ބެލަވާޅީ އަދި ޒަރީން ޝިހާބް ހިމެނެ އެވެ.
"އިންޑިއާ ލޮކްޑައުން" ގައި ކިޔައިދޭނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންޑިއާގައި މިދިޔަ އަހަރު އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި ދިރިއުޅުމަށް އައި ބަދަލުތަކާއި އޭގެ ފަހުން އައި ބަދަލުތަކެވެ.
"ފެޝަން" އާއި "ޗާންދުނީ ބާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މަދޫރްގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "އިންދޫ ސަރުކާރު" އެވެ.
ކުރިން މި އަހަރުގެ ތެރޭގައި ގެނެސްދޭން ނިންމި އަކްޝޭ ކުމާރުގެ ފިލްމު "ބައްޗަން ޕާންޑޭ" އަންނަ އަހަރު ރިލީޒްކުރާ ގޮތށް ނިންމައިފި އެވެ.
މި މަހުގެ ކުރީކޮޅުން ފެށިގެން ޖައިސަލްމާރްގައި ޝޫޓިން ކުރިއަށްދާ ފިލްމު ސަނަމާތަކަށް އަންނާނީ ޖެނުއަރީ 26، 2022 ގަ އެވެ. "ބައްޗަން ޕާންޑޭ" އަކީ އަކްޝޭގެ 2019 ގެ ފިލްމު "ހައުސްފުލް 4" ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ ހަދާ ފިލްމެކެވެ.
މީގެ ކާސްޓްގައި ކްރިތީ ސެނަން އާއި ޖެކްލިން ފެނަންޑޭޒާއި އަރުޝަދު ވަރުސީ ވެސް ހިމެނެ އެވެ.
ހިންދީ ސިނަމާ އަށް ޝައުގުވެރިވާ އަންހެނުންނަށް ފުރުސަތު ހޯދައިދީ އެ މީހުން ކުރިއަރުވަން "އިންޑިއަން ވިމެން ރައިޒިން (އައިޑަބްލިއުއާރް) ގެ ނަމުގައި ހާއްސަ އިނިޝިއޭޓިވެއް ލޯންޗްކޮށްފި އެވެ.
މީގެ ބާނިންނަކީ އިންޑިއާގެ ފިލްމީ މަސައްކަތުގައި އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ގުނީތު މޮންގާގެ އިތުރުން ލިޔުންތެރިޔާ ތާހިރާ ކޭޝަޕް ހިމެނެ އެވެ.
ތާހިރާ އަކީ އެކްޓަރު އަޔޫޝަން ކްރާނާގެ އަންހެނުންނެވެ.
މި މީހުން ވަނީ އައިޑަބްލިއުއާރްގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.