23 ޖެނުއަރީ 2021 - 11:03

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި އަށް ގައުމަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ބޮޑު ކުރިއެރުމެއް ފެނިފައި ވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. މެދުއިރުމައްޗާއި އެމެރިކާ އަދި ދެކުނު އޭޝިއާ އިން ވެސް ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތަކީ ކޮވިޑް-19 ރާއްޖެ އިން ފެނުމުގެ ކުރި އެވެ. އެހެންކަމުން އެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އަށް ގައުމަކުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރު ކަމަށް ވަނީ ރެކޯޑު ކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ބޮޑަށް ކުރިއަރަމުން އަންނަނީ ޔޫކްރެއިނުން އަންނަ ޓޫރިސްޓުންގެ އަދަދެވެ. އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އަދަދު އަންނަނީ މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާ ބަލާއިރު 173.1 ޕަސެންޓު ކުރިއަރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން 1،838 ޓޫރިސްޓުން އައި އިރު މި އަހަރުގެ މިހާތަނަށް 5،020 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.
ދެން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ކަޒަކިސްތާނުންނެވެ. އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ 130.4 ޕަސެންޓު ކުރިއަރަމުންނެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ކުރިއަރަމުން އަންނަ އިތުރު ގައުމުތަކުގެ ތެރޭގައި ރޯމޭނިއާ އާއި ރަޝިއާ އާއި ބްރެޒިލް އާއި ޗެކް ރިޕަބްލިކް އަދި އިންޑިއާ އާއި ސްލޮވާކިއާ ހިމެނެ އެވެ.
ވަކި ސަރަހައްދުތަކަށް ބަލާއިރު އެންމެ ބޮޑަށް ކުރިއެރުމެއް އައިސްފައި ވަނީ ޔޫރަޕެވެ. އެ ސަރަހައްދުން އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ 50.4 ޕަސެންޓު ކުރިއަރަމުންނެވެ. އަދި ދެވަނަ އަށް އޮތް ދެކުނު އޭޝިއާ ސަރަހައްދުން އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ 13.2 ޕަސެންޓު އިތުރުވަމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް 60581 ޓޫރިސްޓުން ރާއްޖެ އަށް ވަނީ އައިސްފަ އެވެ.